ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމުގެ ކާމިޔާބީ ފާހަގަކޮށް، އިންޓާންޝިޕްގެ ހަތަރުވަނަ ބުރެއް ފަށައިފިއެވެ.
ބީއެމްއެލުން ބުނީ، ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ހިންގާ އިންޓާންޝިޕްގެ ހަތަރުވަނަ ބުރަށް 15 ދަރިވަރުން ހޮވިފައިވާ ކަމަށެވެ.
ބާރަ މަސް ދުވަހަށް ބަހާލާފައިވާ މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމުގެ އިތުރުން ބީއެމްއެލުން ނުވަތަ މާލީ ދާއިރާގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ލިބިގެންދާނެއެވެ.
މި މުއްދަތުގައި ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓުތަކާއި ޑިޕާޓްމަންޓުތަކާއި ބްރާންޗުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މި ޕްރޮގާރާމްގައި ބައިވެރިވެ ބޭންކުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށްވެސް އިރުޝާދު ދޭނެ ހާއްސަ މުވައްޒަފެއް ކަނޑައަޅާފައި ހުންނާނެއެވެ.
ބީއެމްއެލުން ބުނީ، މި ޕްރޮގްރާމުގެ ބައިވެރިންނަށް ދޭ އިނާޔަތަކީ ރާއްޖޭގައި އިންޓާންޝިޕް ޕްރޮގްރާމަކަށް ދޭ އެންމެ ރަނގަޅު އިނާޔަތް ކަމަށެވެ. އަދި އިންޓާންޝިޕް މުއްދަތުގައި ވަޒީފާއަށް ބޭނުންވާ ހުނަރު ދަސްކޮށްދީ އަދި ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ބޭންކުގައި ދާއިމީ ވަޒީފާއެއް ހޯދުމުގެ ފަހި ފުރުސަތެއް ބައިވެރިންނަށް ލިބިގެންދާނެ ކަމަށް ބުންޏެވެ.
ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ، އާއިޝަތު ނޫރައްދީން ވިދާޅުވީ މި ޕްރޮގްރާމް މެދުވެރިކޮށް ތައުލީމު ފޯރުކޯށްދޭ އިދާރާތަކުން ދަސްވެނިވާ ދަރިވަރުންނަށް ވަޒީފާއަށް ބޭނުންވާ ތަޖުރިބާ ހޯދައިދެވޭނެ ކަމަށެވެ.
"މި ޕްރޮގްރާމްގައި މިހާތަނަށް ބައިވެރިވެ ނިންމި ފަރާތްތަކުގެ ތެރެއިން 80 ޕަސެންޓަށް ވުރެ ގިނަ ބައިވެރިންނަށް ބީއެމްއެލްއާއި އެހެނިހެން މުވައްސަސާތަކުން ދާއިމީ ވަޒީފާ ލިބިފައިވާކަން އުފަލާއެކު ފާހަގަކުރަން. އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައިވެސް ހުނަރުވެރި ގާބިލު މުވައްޒަފުން ވަޒީފާގައި ދަމަހައްޓައި މުވައްޒަފުންނަށް ކުރިއެރުން ލިބޭނެހެން މަސައްކަތް ކުރަމުންދާނަން." ނޫރައްދީން ވިދާޅުވިއެވެ.
ބީއެމްއެލުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓުން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ވިދިވިދިގެން ހަތަރު ފަހަރަށް ބީއެމްއެލްއަށް ލިބިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު