ފ. ބިލެއްދޫގައި އިންޑިއާ ބަޔަކު ފާޅުގައި ބުދަށް އަޅުކަން ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ބިލެއްދޫގައި ބިދޭސީންތަކެއް ހިންދޫން އަޅުކަންކުރާ ޒާތުގެ ބުދެއް ކަހަލަ އެއްޗެއް ހިފައިގެން ރަށުތެރޭގައި ހިނގާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

ބިލެއްދޫ ކައުންސިލް ރައީސް އަހުމަދު އަސްލަމް 'ވަން' އަށް މިއަދު ވިދާޅުވީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އިއްޔެ ކައުންސިލަށް ލިބުމުން ވަގުތުން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަަމަށެވެ. އަދި އެ އަމަލު ހިންގާފައި ވަނީ އެ ރަށުގެ ފެނުގެ މަޝްރޫއު ހިންގަމުން އަންނަ އިންޑިއާ ކުންފުނީގެ މުވައްޒަފުންތަކެއް ކަމަށާއި މިކަމަކީ ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ، މިކަމުގެ ސަބަބުން އާއްމުން ނުކުމެ ހިތްހަމަނުޖެހުން ފާޅުކޮށް ރަށުގެ މަސްލަހަތުވެސް ގެއްލިދާނެ. މިއީ އާއްމުން އެމީހުންގެ މުވައްޒަފުންނާއި ދޭތޭރޭ ނަފުރަތުވެސް އުފެދިދާނެ ކަމެއް،" އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިކަން ހިނގި ވަގުތު އެ މަންޒަރު ފެނުނީ އާއްމުންގެ މަދު ބަޔަކަށް ކަމަށާއި ކައުންސިލަށް އެކަމުގެ މައުލޫމާތު ލިބުމާއެކު އެ ކުންފުނީގެ ފަރާތުން މިވަގުތު ރަށުގައި ތިބި އެންމެ އިސް ފަރާތްތަކާ ވާހަކަދައްކައި އެފަދަ ކަމެއް އިތުރަށް ތަކުރާރު ނުކުރުމަށް އަންގާފައިވާނެ ކަމަށެވެ.

ފުލުހުން ބުނީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށެވެ.