މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މަޝްރޫއުގެ ދަށުން ދެމުންގެންދާ ބަހުގެ ހިދުމަތް "ކިޔުއާރް ޓިކެޓިން" ބޭނުން ކޮށްގެން ހޯދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ބަސް ދަތުރުތަކުގައި "ކިއުއާރް ޓިކެޓިން" ގެ ހިދުމަތް މިރޭ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.
އެމްޓީސީސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބަހުގެ ހިދުމަތަށް ކިޔުއާރް ޓިކެޓިން ތައާރަފުކޮށްފައިވާ ކަމަށާއި މާދަމާއިން ފެށިގެން ބަހުގެ ހިދުމަތް ކިޔުއާރް ޓިކެޓިކެން ބޭނުން ކޮށްގެން ލިބެން ހުންނާނެ ކަމަށެވެ.
އެމްޓީސީސީން ބަހުގެ ހިދުމަތް ދެމުންގެންދާ މާލެ ސަރަހައްދާއި އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ލ. ގަމާއި ފޮނަދޫ އަދި ލ. އިސްދޫ އާއި ކަލައިދޫގައި ފޯރުކޮށްދެމުން އަންނަ އާރްޓީއެލް ބަހުގެ ހިދުމަތުގައި ކިޔުއާރު ޓިކެޓް ބޭނުންކޮށްގެން މާދަމާއިން ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ކިޔުއާރް ޓިކެޓިން ސަބަބުން ބަހުގެ ހިދުމަތް ހޯދާ ފަރާތްކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އެގޮތުން ކަސްޓަމަރުން ގޭގައި ތިބެގެންވެސް އާރްޓީއެލް ވެބްސައިޓް ނުވަތަ އެޕްލިކޭޝަން މެދުވެރިކޮށް ކިޔުއާރު ޓިކެޓް ގަނެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މާދާމައިން ފެށިގެން ކިޔުއާރް ޓިކެޓް ގަތުމަށް އެމްޓީސީސީން އެކަމަށް ހާއްސަ ކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕް ބޭނުންކުރެވޭނެއެވެ. ކިޔުއާރް ޓިކެޓިން ހިދުމަތް ފެށިޔަސް ބަސް ކާޑުގައި ވެސް ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މި ހިދުމަތް ފެށި ނަމަވެސް، 65 އަހަރުން މަތީގެ މީހުންނާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދައްކާލުމުން ހިލޭ ދަތުރުކުރެވޭނެއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ އެވެ. މީގެ އިތުރުން ސްކޫލް ދަރިވަރުން ޔުނިފޯމްގައި އާރްޓީއެލް ބަހުގައި ހިލޭ ދަތުރުކުރެވޭނެއެވެ.
އެމްޓީސީސީން ބުނީ އާރްޓީއެލް ޓްރެވަލް އެޕް އެޕަލް އެޕް ސްޓޯ އަދި ގޫގުލް ޕްލޭސްޓޯއިން ހިލޭ ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށެވެ.
ޓިކެޓް ނަގާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޓިކެޓް ބޭނުން ކުރަންވާނެ ކަމަށާއި އަދި ބަހަށް އެރުމަށްފަހު ކިޔުއާރް ކޯޑް ސްކޭންކުރަން ޖެހޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު