މިމަހު ބާއްވަން ހަމަޖެހިފައިވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ގައުމީ ޖަލްސާ ބާއްވަން ނިންމާފައި ވަނީ "ދަ ނެޝަނަލްސް ކޮންވެންޝަން 2022" ގެ ނަމުގައި ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެ ޕާޓީގެ ގައުމީ ޖަލްސާއާބެހޭ މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ ތަރުޖަމާނު ޝިދާތާ ޝަރީފު ވިދާޅުވީ، ގައުމީ ޖަލްސާ ކުރިއަށްދާނީ މިމަހު 23 އިން 24 އަށް ކަމަށެވެ.
ތޭވީސްވަނަ ދުވަހުގެ ރޭ އޮންނާނީ ގައުމީ ޖަލްސާ ރަސްމީކޮށް އިފުތިތާހު ކުރުމާއި ޖަލްސާއަށް ވަޑައިގަންނަވާ ފަރާތްތަަކަށް މަރުހަބާ ދެންނެވުން ކަމަށާއި 24 ވަނަ ދުވަހުގެ މަސައްކަތް ކުރިއަށްދާނީ ތިން ދަންފަޅިއަކަށް ބަހާލައިގެން ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.
އެ ދުވަހުގެ ފުރަތަމަ ދަންފަޅީގައި އޮންނާނީ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހުކުރުމެވެ. ދެވަނަ ދަންފަޅީގައި އޮންނާނީ ޕާޓީގެ މައިގަނޑު ސިޔާސަތުތައް އެކުލަވާލައި އެ ސިޔާސަތުތަކާމެދު މަޝްވަރާކުރުމެވެ. އަދި ތިންވަނަ ދަންފަޅީގައި އޮންނާނީ ގައުމީ ޖަލްސާގެ ނިންމުމެވެ.
އެމްއެންޕީގެ ގައުމީ ޖަލްސާގައި ބޭނުންކުރާނެ ރަސްމީ ލޯގޯވެސް އިއްޔެ ވަނީ ދައްކާލައިފައެވެ.
ޝިދާތާ ވިދާޅުވީ، އެ ލޯގޯއިން ދައްކުވައިދެނީ، ރާއްޖޭގެ އިސްލާމީ ވަހުދަތާއި ގައުމިއްޔަތު ހިމާޔަތްކުރުމަށްޓަކައި، އަންހެނުންނާއި ފިރިހެނުން އަދި މިންތީގެ ހަމަހަމަކަމާ އެކު މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ. އަދި އެކަންތައްތައް ނަގަހައްޓައި ދިރުވާނެ ޕާޓީއަކީ އެމްއެންޕީ ކަމާއި އެމްއެންޕީގެ ދިދަ ހިމެނޭ މި ލޯގޯއިން ރާއްޖޭގެ ރީތިކަން ރަމްޒުކޮށްދޭ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު