މާލެއިން ފުރައިގެން ނ އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކ. ގާފަރު ފަރަށް އެރި ލަންދޫ ބޯޓު ފުން ކުރުމުން އެ ފަރަށް ލިބުނު ގެއްލުން ބަލާނެ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
ލަންދޫ ބޯޓު ފަރަށް އަރާފައިވަނީ އިއްޔެ ހެނދުނު 10:55 ގައެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "ވަން" އަށް މިއަދު ވިދާޅުވީ ލަންދޫ ބޯޓު ފުން ކުރުމުން، ގާފަރު ފަރަށް ލިބިފައި ހުރި ގެއްލުން ބަލާނެ ކަމަށެވެ.
ނައީމް ވިދާޅުވީ އެ ބޯޓު ފަރަށް އެރުމާ ގުޅޭ މާބޮޑު މައުލޫމާތެއް މިވަގުތު ލިބިފައި ނުވާ ކަމަށެވެ.
ލަންދޫ ބޯޓު ފުން ކުރުމުގެ މަސައްކަތް، ބޯޓުގެ ވެރިފަރާތުންނާއި ލަންދޫ ރައްޔިތުންނާއި ގާފަރު ރައްޔިތުން ގުޅިގެން އަންނަނީ ކުރަމުންނެވެ. އެ ބޯޓު ފަރަށް އަރާފައިވަނީ އިންޖީނު ހުއްޓިގެން ރާޅާ ދެފަރާތަށް ތަޅުވަން ފެށުމުން ކަމަށް އެ ބޯޓުން ވަނީ މައުލޫމާތު ދީފައެވެ.
ބޯޓުގެ ވެރިޔާ ޝުއައިބް އަބްދުﷲ "ވަން" އަށް އިއްޔެ ވިދާޅުވީ ބޯޓުގައި ތިން މިލިއަނެއްހާ ރުފިޔާގެ މުދާ ހުންނާނެ ކަމަށާއި އެއްވެސް މުދަލެއް ސަލާމަތްނުކުރެވޭނެ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުންނާއި ވީޑިއޯތަކުން، އޮޔާދާ ގޭސްފުޅިތަކާއި އެކިއެކި މުދާ ނެގުމުގެ މަސައްކަތުގައި ގާފަރު ރައްޔިތުންނާއި ބޯޓުގެ މީހުން ހަރަކާތްތެރިވާތަން ފެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު