ޚަބަރު

ތިލަމާލެ ބުރިޖު ޕްލެޓްފޯމުން ފަރަށް ލިބުނު ގެއްލުން ބެލުމަށް އަންނަ ހޮނިހިރު ދުވަހު ސާވޭ ފަށަނީ

ރިފާ ހަލީލު

ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުން ދަނިކޮށް ވިލިމާލޭގެ ފަރަށް އަރާފައިވާ ސެލްފު އެލިވޭޓިން ޕްލެޓްފޯމް (އެސްއީޕީ) އިން ފަރަށް ލިބުނު ގެއްލުން ބެލުމަށް އަންނަ ހޮނިހިރު ދުވަހު ސާވޭ ކުރަން ފަށާނެ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އެ ޕްލެޓްފޯމް ފަރަށް އަރާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ދަންވަރު 2:45 ހާއިރެވެ. އެ ޕްލެޓްފޯމް ފުންކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "ވަން" އަށް މިއަދު ވިދާޅުވީ ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ލިބިފައި ހުރި ގެއްލުން ބެލުމަށް އަންނަ ހޮނިހިރު ދުވަހު ސާވޭ ފަށާނެ ކަމަށެވެ.

ނައީމް ވިދާޅުވީ ސާވޭ ނުފެށި ލަސްވީ ފަރަށް އަރާފައި ހުރި ދަގަނޑުތައް ސާފުކޮށް ނުނިމޭތީ ކަމަށެވެ. އެ ދަގަނޑުތައް ނަގައި ސާފުކުރުމަށް ވަކި މުއްދަތެއް ދީފައިނުވި ނަމަވެސް، އަންނަ ހޮނިހިރު ދުވަހާ ހަމައަށް އެ ދަގަނޑުތައް ނަގައި ސާފުކޮށް ނިމޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސާފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނަނީ. ސާފުކޮށް ނުނިމުނަސް އަޅުގަނޑުމެން މިތިބީ ސާވޭ ފަށާގޮތަށް،" އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ އެފްކޮންސް އިން ތަރައްގީކުރާ ބުރިޖުގެ ޕްލެޓްފޯމު ފުންކުރަން 12 ދުވަސް ނެގި އިރު، ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން އެ ސަރަހައްދަށް ވަމުންދިޔަ ގެއްލުމާމެދު ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.