ނިމިގެން މިދިޔަ އޮގަސްޓު މަހުގެ 21 ވަނަ ދުވަހަކީ އަތިރީގޭ މުޙައްމަދު އަމީން ދީދީގެ 10 އަހަރު ދުވަހުގެ ވެރިކަން ނިމުނުތާ 69 އަހަރު ވީ ދުވަހެވެ. އާދެ، ތި ވިދާޅުވެވުނީ ރަނގަޅަށެވެ. މުޙައްމަދު އަމީން ދީދީގެ 10 އަހަރު ދުވަހުގެ ވެރިކަމެވެ. ވަރަށް ގިނަ ބަޔަކަށް ހީވެފައި އޮންނަ ގޮތުން މުޙައްމަދު އަމީން ދީދީ ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވީ 1953 ގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން 1953 ގެ އޮގަސްޓު 21 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް އެ މުއްދަތަކީ އޭނާ ދިވެހިރާއްޖޭގެ ރައީސްކަން ކުރެއްވި މުއްދަތެވެ. ރައީސްކަމަށް ވަޑައިގަތުމާ ހަމައަށް، 1943 ވަނަ އަހަރުގެ އޭޕްރީލް 7 ވަނަ ދުވަހުން ފެށިގެން، އޭރުގެ ޤާނޫނުއަސާސީއާ އެއްގޮތަށް އެކިއެކި ހައިސިއްޔަތުން އޭނާ ވަނީ ދިވެހި ސަރުކާރުގެ އެންމެ އިސްވެރިކަން ކުރައްވާފައެވެ.
މުޙައްމަދު އަމީން ދީދީއަކީ މީލާދީން 19 އަދި 18 ވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުން އެންމެ ބޮޑަށް ފާހަގަކޮށްލެވުނު ސިޔާސީ ދެ ޢާއިލާގެ ތެރެއިން އަތިރީގޭ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ހަމައެހެންމެ އޭނާގެ ބައްޕަ އަތިރީގޭ އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ މައިފުށުން ސިޔާސީ ދެވަނަ އާއިލާ ކަމަށްވާ ކަކާގެއަށްވެސް އޭނާ ނިސްބަތްވެވަޑައިގަންނަވައެވެ. އެހެންނަމަވެސް ސިޔާސީ ގޮތުން އެއީ ޚާލިޞް އަތިރީގޭ ބޭފުޅެކެވެ. 1903 ވަނަ އަހަރު އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3) ތަޚުތުގައި ވެޑުވުމާއި ހަމައިން 21 އޮގަސްޓު 1953 ގައި މުޙައްމަދު އަމީންގެ ވެރިކަން ނިމުމާ ހަމައަށް ސިޔާސީ ގޮތުން ދިވެހިރާއްޖޭގެ އެންމެ ބާރުގަދަ ޢާއިލާއަކީ އަތިރީގޭ ޢާއިލާއެވެ. މިގޮތުން ދޮންބަންޑާރައިންގެ ހުރާގޭ ރަސްދަރިކޮޅަށް އޮތް ރަސްކަމުގެ ބާރުތައްވެސް އެންމެ ފަހުން ލިބިގެން ދިޔައީ އެއާއިލާއަށެވެ. އަތިރީގޭ ޢާއިލާއަކީ ދޮންބަންޑާރައިންގެ ކާފަ ހުރާ ޙުސައިން ދަހަރާ ކަލޭގެފާނާ އެއްބަނޑުއެއްބަފާ އިބްރާހީމް އެދުރު ތަކުރުފާނުގެ ބޮޑު މުރީދު ތަކުރުފާނުގެ ޙުސައިން ދޮށިމޭނާ ކިލަގެފާނުގެ ދަރިކޮޅެވެ. މި ދޮށިމޭނާ ކިލެގެކަން ވާރުތަވަމުން އައިސް އަތިރީގޭ ޢާއިލާއިން އެންމެ ފަހަށް ހުންނެވި ދޮށިމޭނާ ކިލެގެއަކީވެސް މުޙައްމަދު އަމީން ދީދީއެވެ.
11 މާޗު 1903 ގައި މިސްރުގެ ސުވޭހުގައި ހުންނެވި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (6) ރަސްކަމުން ޢަޒުލްކުރުމަށްފަހު އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3) ރަސްކަމުގެ ތަޚުތުގައި ވެޑުވުމާއެކު ކުރިން އަތިރީގެއަށް ގެއްލިފައި އޮތް ބޮޑުވަޒީރުކަން އަލުން ލިބުނެވެ. އާދެ، އަތިރީގޭ އިބްރާހީމް ދީދީ، ދޮށިމޭނާ ކިލެގެފާނަށް އަލުން ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވިއެވެ. އޭގެ ފުރިހަމަ އާރާއި ބާރާއިވެސް އެކުގައެވެ. އޭރު އޮތް އިދިކޮޅު ސިޔާސީ އާއިލާ ކަމަށްވާ ކަކާގޭ އާއިލާގެވެސް ރުހުން ލިބިގެންނެވެ. ސަބަބަކީ ޚުދު ޝަމްސުއްދީން ރަދުންނަކީ މައިފުށުން ކަކާގޭ އާއިލާގެ ބޭފުޅަކަށްވީތީއެވެ. އާދެ، ކަކާގެ ޕާޓީގެ ލީޑަރު ކަކާގޭ މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއްގެ ދަރިކަލަކަށްވީތީއެވެ. އެޗް.ސީ.ޕީ ބެލްގެ ދިވެހިރާއްޖެއާބެހޭ މޮނޮގްރާފްގައި ލިޔެފައިވާ ގޮތުގައި "އެއް ޒަމާނެއްގައި އިބްރާހިމް ދީދީގެ އެންމެ އިސް ދެކޮޅުވެރިޔާ، ކަކާގޭ މުޙައްމަދު ދީދީ، ރަންނަބަނޑޭރި ކިލެގެފާނު މިހާރު އޮތް ވެރިކަމާމެދު ރަނގަޅަށް ހިތްހަމަޖެހިވަޑައިގަންނަވާހެން ހީވެއެވެ؛ އޭނާގެ އަމިއްލަ ހިތްހަމަޖެހުމާއި އަރާމަށް ހުރަސްނާޅާހައި ހިނދަކު، އޭނާގެ ކުރީގެ ވާދަވެރިޔާއަށް ހުރިހާ ބާރުތަކެއް ދޫކޮށްލައިގެން ވަޒީރެއްގެ ގޮތުގައި ދެމިހުންނަވަން އޭނާ ހުންނެވީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެންނެވެ."
އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނު، 31 މާޗު 1925 ގައި އަވަހާރަވަންދެން ބޮޑުވަޒީރެއްގެ ގޮތުގައި ހުންނެވިއެވެ. އޭނާގެ އެހީތެރިންގެ ގޮތުގައި ތިއްބެވީ ދޮށީ ދަރިކަލުން އަތިރީގޭ އަޙުމަދު ދީދީ (ކުޑަދޮށިމޭނާ ކިލެގެފާނު) އާއި ދެވަނަ ދަރިކަލުން އަތިރީގޭ ޢަބްދުލްމަޖީދު ދީދީ (ބޮޑުބަނޑޭރި މަނިކުފާނު) އެވެ. އޭނާ އަވަހާރަވުމަށްފަހު ބޮޑުވަޒީރަކަށްވީ ދަރިކަލުން އަތިރީގޭ ޢަބްދުލްމަޖީދު ދީދީ (ފަހުން ރަންނަބަނޑޭރި ކިލެގެފާނު) އެވެ. ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ބޮޑުވަޒީރު ކަމުގައި ހުންނެވީ 14 އޮކްޓޯބަރު 1932 އާ ހަމައަށެވެ. އެއަށްފަހު އޭނާގެ ހުންނެވީ ދައުލަތުގެ މުސްތަޝާރުލްއަޢުޡަމްގެ ގޮތުގައެވެ. އޭނާއަށް ފަހު ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ދޮށީ ދަރިކަލުން އަލްއަމީރު މުޙައްމަދު ފަރީދު ދީދީއަށެވެ. 22 ޑިސެންބަރު 1932 ގައި އިޢުލާނުކުރެވުނު، ދިވެހިރާއްޖޭގައި ލިޔެވިގެން ހިންގަން ފެށި ފުރަތަމަ ޤާނޫނުއަސާސީގެ ދަށުން ބޮޑުވަޒީރު ކަމަށް ޢައްޔަނުކުރެއްވުނީވެސް އަލްއަމީރު މުޙައްމަދު ފަރީދު ދީދީއެވެ.
1932 ވަނަ އަހަރުގެ ޤާނޫނުއަސާސީގެ ދަށުން ސަރުކާރު ހިންގަވާ އެންމެ އިސްވެރިޔަކީ ވަޒީރުލްއަޢުޡަމް ނުވަތަ ބޮޑުވަޒީރެވެ. އޭގެފަހުން 5 ޖުލައި 1934 ގައި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3)، ތަޞްދީޤުކުރެއްވި ޤާނޫނުއަސާސީއާއި 27 ޖެނުއަރީ 1937 ގައި އައްސުލްޠާން ޙަސަން ނޫރައްދީން (2)، ތަޞްދީޤުކުރެއްވި ޤާނޫނުއަސާސީގެ ދަށުންވެސް، ސަރުކާރު ހިންގާ ވަޒީރުންގެ މަޖިލީހުގެ އެންމެ އިސްވަޒީރު، އާދެ، ވަޒީރުލްއަޢުޡަމްގެ ގޮތުގައި ހުންނެވީ އަލްއަމީރު މުޙައްމަދު ފަރީދު ދީދީއެވެ. މި ދެންނެވި 3 ޤާނޫނުއަސާސީގެ ދަށުންވެސް ކީރިތި މަހާރަދުން ހުންނެވީ ސަރުކާރު ހިންގެވުމުގައި މާބޮޑު ބާރެއް ލިބިވަޑައިގެންނުވާ ރަމްޒީ ވެރިޔެއްގެ ގޮތުގައެވެ. އަނެއްހެން ދަންނަވާނަމަ ހަމައެކަނި ދައުލަތުގެ ވެރިޔާގެ ގޮތުގައެވެ. ސަރުކާރުގެ ވެރިޔާއަކީ ބޮޑުވަޒީރެވެ.
ދައުލަތުގެ ވެރިކަން ރަދުންނަށް އޮވެ، ސަރުކާރުގެ ވެރިކަން ބޮޑުވަޒީރަށް އޮންނަ އޮތުމަށް ނިމުމެއް އައީ 23 އޭޕްރީލް 1942 ގައި ތަޞްދީޤުކުރެވުނު ޤާނޫނުއަސާސީގެ ދަށުންނެވެ. މި ޤާނޫނުއަސާސީގެ ދަށުން ދައުލަތުގެވެރިކަން ރަދުންނާއި ބޮޑުވަޒީރު ހިއްސާކުރައްވާ ކަމަކަށްވެ، ސަރުކާރު ހިންގުމުގެ ބާރު ލިބިގެން ދިޔައީ ވަޒީރުއްދާޚިލިއްޔާ، އާދެ ހޯމް މިނިސްޓަރަށެވެ. މިޤާނޫނުއަސާސީގެ ދަށުން ދިވެހި ސަރުކާރު ހިންގުމުގެ ވެރިކަން ލިބިވަޑައިގެންނެވީ އޭރުގެ ވަޒީރުއްދާޚިލިއްޔާ އަލްއަމީރު ޙަސަން ފަރީދު ދީދީއަށެވެ. މިއީ އަތިރީގެ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ދެވަނަ ދަރިކަލުންނެވެ. 1942 މި ޤާނޫނުއަސާސީ އެކުލަވާލުމުގެ ކުރިން 31 ޖެނުއަރީ 1940 ގައި ކުރީގެ ޤާނޫނުއަސާސީ އުވާލައި އަލްއަމީރު ޙަސަން ފަރީދު ދީދީއަށް ދިވެހިރާއްޖޭގެ އެންމެ މަތީ ދަރަޖައިގެ ވަލީ އޮތުމަށް ޚާއްޞަ މަޖިލީހުން ނިންމިއެވެ. އެހެންނަމަވެސް "ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ޙަޔާތް" މި މައުޟޫޢުއަށް މުޙައްމަދު އަމީން ދީދީ ސަރުކާރުގެ ޚަބަރުގައި ލިޔުއްވާފައިވާ މަޒުމޫނެއްގައި ވާ ގޮތުން ޙަސަން ފަރީދު ދީދީ އެކަންތައް ޤަބޫފުޅުނުކުރެއްވުމުން އެކަންތައް ރަދުންނަށް އޮންނަން ދައުލަތް ހިންގާ މަޖިލީހުން ނިންމުމުން، ރަދުން ވަޒީރުލްއަޢުޡަމާ އެކަމާ މަތިކުރެއްވިއެވެ.
އަތިރީގޭ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ބޭބެ އަތިރީގޭ އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން، މި މަޒުމޫނު އެބޭފުޅަކަށްޓަކައި ޚާއްޞަވި މުޙައްމަދު އަމީން ދީދީ ވެސް މި ދުވަސްވަރު ދިޔައީ ސަރުކާރުގެ ތަފާތު އެކި ވުޒާރާތައް ހިންގަވަމުންނެވެ. ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނަށް ފަހު އަތިރީގޭ ޚާންދާނުން ވެރިކަމެއް ހިންގުމުގެ ލަޔާޤަތާއި ޤާބިލިއްޔަތުކަން ލިބިވަޑައިގެން ތިއްބެވި ދެބޭފުޅުންނަކީވެސް އިސްވެ ދެންނެވުނު ޙަސަން ފަރީދު ދީދީ އާއި މުޙައްމަދު އަމީން ދީދީއެވެ. ފުރަތަމަ ޤާނޫނުއަސާސީގެ ދަށުން އެކުލަވާލެވުނު ޤާނޫނު ހަދާ މަޖިލީހުގެ ރަދުންގެ މެންބަރު ކަމުގެ އިތުރުން މުހައްމަދު އަމީން ދީދީ އަކީ ރާއްޖޭގެ ވިޔަފާރީގެ ކަންތައް ކުރިއެރުވުމަށާއި، ބިދޭސީންގެ ވިޔަފާރީގެ ކަންތައް ބެލެހެއްޓުމަށާއި، ކަސްޓަމާއި ޕޯސްޓުގެ ކަންތައް ބެލެހެއްޓުމަށް ވަޒީރުއްތިޖާރާގެ ގޮތުގައި އައްޔަނު ކުރެވުނު ފުރަތަމަ ވަޒީރެވެ. އޭގެ ފަހުންވެސް ދައުލަތް ހިންގާ މަޖިލީހުގެ މެންބަރުކަމާއި އެކި ވުޒާރާތަކުގެ ވަޒީރުކަމާއި އެކި މަޙްކަމާތަކުގެ ވެރިކަމާއި ވަކީލުކަމާއި ޤާއިމުމަޤާމުގެ ގޮތުގައިވެސް މުޙައްމަދު އަމީން ހުންނެވިއެވެ. އޭރު އޮންނަ ގޮތުން އެކަކަށް އެކި ފެންވަރުގެ ތަފާތު އެކި މަޤާމުތައް އަދާކުރެވެއެވެ.
ރަދުންނާއި ވަޒީރުލްއަޢުޡަމް ހުންނަވަނިކޮށް ސަރުކާރު ހިންގުމުގެ އެންމެ މަތީވެރިޔަކީ ޙަސަން ފަރީދު ކަމުގައި ހަމަޖައްސަވާފައިވަނިކޮށް، 12 ޖެނުއަރީ 1942 ގައި އޭނާ ޗުއްޓީއެއް ނެންގެވުމުން، އޭނާ ފުރުއްވަމުންގެންދެވި ވަޒީރުއްދާޚިލިއްޔާގެ ޤާއިމުމަޤާމެއްގެ ގޮތުގައި މުޙައްމަދު އަމީން ދީދީ އައްޔަނުކުރެއްވިއެވެ. މުޙައްމަދު އަމީން ދީދީ ވަޒީރުއްދާޚިލިއްޔާގެ ޤާއިމުމަޤާމުގެ ގޮތުގައި ޤައުމުގެ ކަންކަން ހިންގަވަމުން ގެންދަވަނިކޮށް ކުރިން ދެންނެވުނު 23 އޭޕްރީލް 1942 ގައި ތަޞްދީޤުކުރެވުނު ޤާނޫނުއަސާސީގެ ދަށުން ސަރުކާރު ހިންގަވާ ވެރިޔަކީ ވަޒީރުއްދާޚިލިއްޔާ ކަމުގައި ހަމަޖެހިގެންދިޔައެވެ.
"دَوْلَةُގެ އެންމެހައި ކަންތަށް ހިންގުމުގެ ވެރިއަކީ، وَزِيْرُ الدَّاخِلِيَّهއެވެ. ފަހެ، وَزِيْرُ الدَّاخِلِيَّه އިސްކުރަށްވާނީ، رَعيّةُންގެمَجْلِسُގެ مَشْوَرَهއާއިއެކުގައެވެ. مَحْكَمَهތަކުގެ ވެރީން عَيَّنْކުރާނީ وَزِيْرُ الدَّاخِلِيَّهއެވެ.
دَوْلَةُ ހިންގާ مَجْلِسْ އެކުލެވިގެންވާނީ، وَزِيْرُ الدَّاخِلِيَّه عَيَّنْކުރާ ممبرންގެ މައްޗަށެވެ.
دَوْلَةُ ހިންގުމުގެ ذمّه دارىކަން އުފުލާންޖެހޭނޭ ބައަކީ وَزِيْرُ الدَّاخِلِيَّهއާއި مَحْكَمَهތަކުގެ ވެރީންނެވެ." (1942 ގެ ޤާނޫނުއަސާސީ)
1942 ގެ ޤާނޫނުއަސާސީގެ ދަށުން ދައުލަތުގެ އެންމެހައި ކަންތައް ހިންގުމުގެ ބާރު ވަޒީރުއްދާޚިލިއްޔާއަށް ދީފައި އޮތުމުގެ އިތުރުން ދައުލަތަށްޖެހޭ އާދަޔާއާއިޚިލާފު ޙާލުތަކުގައި، ފެންނަގޮތުގެ މަތީން ކަންހިންގުމުގެ އިޚްތިޔާރު ވަކިމީހަކަށް ދެއްވުމުގެ ބާރު ރަދުންނަށާއި ވަޒީރުލްއަޢުޡަމްއަށް ލިބިދީފައިއޮތެވެ. މި ޤާނޫނުއަސާސީ ތަޞްދީޤުކުރެއްވިތާ ތިން ދުވަސް ފަހުން 26 އޭޕްރީލް 1942 ގައި އަލްއަމީރު ޙަސަން ފަރީދު ދީދީ ޗުއްޓީގައި ހުންނަވާ ދުވަސްކޮޅު ވަޒީރުއްދާޚިލިއްޔާގެ ޤާއިމްމަޤާމެއްގެ ގޮތުން، ކަންހިންގެވުން މުޙައްމަދު އަމީން ދީދީއާ ޙަވާލުކުރައްވާފައިވާކަން ރަދުންނާއި ވަޒީރުލްއަޢުޡަމްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އެންގެވިއެވެ. އަދި ހަމަ އެހެންމެ، ކުރިން ދެންނެވި ގޮތަށް ރަދުންނަށާއި ވަޒީރުލްއަޢުޡަމަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން، އޭރު ހިނގަމުން ދިޔަ ހަނގުރާމަ ހުއްޓި، ދުނިޔޭގެކަންތައް ހަމަޖެހިއްޖައުމަށްދާންދެން، ދައުލަތުގެ އެންމެހައި ކަންތައް، ފެނުނު ޞުލްޙަވެރި ގޮތެއްގެ މަތީން ހިންގުމުގެ އިޚްތިޔާރު ވަޒީރުއްދާޚިލިއްޔާއަށް ދެއްވައިފިކަންވެސް މަޖިލީހަށް އެންގެވިއެވެ.
26 އޭޕްރީލް 1942 ގައި ވަޒީރުއްދާޚިލިއްޔާގެ ޤާއިމްމަޤާމެއްގެ ގޮތުން ސަރުކާރު ހިންގެވުމުގެ ވެރިކަން މުޙައްމަދު އަމީން ދީދީއަށް ލިބިވަޑައިގެންފައިވާތީ، މުޙައްމަދު އަމީން ދީދީގެ ވެރިކަން ފެށުނު ދުވަހަކީ އެއީ ކަމަށްވެސް ބެލެވިދާނެވެ. އެހެންނަމަވެސް އޭރުވެސް ވަޒީރުއްދާޚިލިއްޔާއަކީ ޙަސަން ފަރީދު ދީދީއެވެ. ޤާނޫނުއަސާސީން ވެރިކަން ހިންގުމުގެ ބާރު ދީފައިވާ ފަރާތަކީ ވަޒީރުއްދާޚިލިއްޔާއެވެ. ކޮންމެއަކަސް މައްސަލައަކީ ބަހުސްކުރެވިދާނެ މައްސަލައެކެވެ. ވަގުތީ ގޮތުން ވަޒީރުއްދާޚިލިއްޔާގެ ޤާއިމްމަޤާމެއްގެ ގޮތުން މުޙައްމަދު އަމީން ދީދީ ޤައުމު ހިންގަވަމުން ގެންދަވާތާ އަހަރެއްހައި ދުވަސް ފަހުން، 7 އޭޕްރީލް 1943 ގައި ވަޒީރުދާޚިލިއްޔާ އަލްއަމީރު ޙަސަން ފަރީދު ދީދީ އެމަޤާމުން ވަކިވެވަޑައިގަތުމަށް އެދިވަޑައިގެން ރަދުންނަށާއި ވަޒީރުލްއަޢުޡަމަށް ދަންނަވައިގެން އޭނާ އެ މަޤާމުން ވަކިކުރައްވައި، އޭނާގެ ވެސް ލަފާފުޅުގެ މަތީން މުޙައްމަދު އަމީން ދީދީއަށް ވަޒީރުއްދާޚިލިއްޔާކަމުގެ މަޤާމު ދެއްވިއެވެ. އާދެ، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީން ސަރުކާރުގެ ހިންގުމުގެ ވެރިކަން މުޙައްމަދު އަމީން ދީދީއަށް ލިބިވަޑައިގެންނެވީއެވެ. އެހެންނަމަވެސް އެއިރުވެސް ސަރުކާރުގައި ހިމެނިވަޑައިގެންނެވި އެންމެ ނުފޫޒުގަދަ ވެރިޔަކީ ޙަސަން ފަރީދު ދީދީއެވެ.
މުޙައްމަދު އަމީން ދީދީ، ވަޒީރުއްދާޚިލިއްޔާކަމުގެ މަޤާމަށް އައްޔަނުކުރުމާއެކު ޖެހިގެން އައި 8 އޭޕްރީލް 1943 ގެ ހެނދުނު ޤާނޫނުއަސާސީއަށް އާ މާއްދާއެއް އިތުރުކުރެއްވުމަށްޓަކައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާއެއް ބޭއްވުނެވެ. މި އިތުރުކުރެވުނު މާއްދާއަކީ "ކޮންމެވެސް ޙާލެއްގައި، ރަދުން ރަސްކަން ހިންގެވުމަށް، އެތައް ދުވަހަކަށް ފޭވެވަޑައިގެން ހުންނެވުމަށް ބޭނުންފުޅެއް ޖެހިއްޖެނަމަ، ނުވަތަ ކޮންމެވެސް ޙާލެއްގައި ތަޚުތަށް ރަސްކަލަކު އިސްކުރުން ލަސްވެއްޖެނަމަ، ރަސްކަން ހިންގާނީ، ޤާނޫނުއަސާސީގެ 6 ވަނަ މާއްދާގައި ނަންގެންފައިވާ ޚާއްޞަ މަޖިލީހުން އިންތިޚާބުކުރާ ކޮމިޓީއަކުންނެވެ." މިއެވެ. އޭގެ ފަހުން އެ ދުވަހުގެ ހަވީރު ބޭއްވުނު ޚާއްޞަ މަޖިލީހުގެ ޖަލްސާގައި އޭރު ހުންނެވި ރަދުން އައްސުލްޠާން ޙަސަން ނޫރައްދީން (2) އާއި ބޮޑުވަޒީރު އަލްއަމީރު މުޙައްމަދު ފަރީދު ދީދީ، ދިވެހިރާއްޖޭގެ އެންމެ މަތީ ވަލީއިންނާއި ރަސްކަމާއި ވަޒީރުލްއަޢުޒަމްކަމުން އިސްތިޢުފާދެއްވިކަން އިއްވައި، އެކަމުގެ މައްޗަށް ބަހުސްކޮށް، އެ އިސްތިއުފާ ޤަބޫލުކޮށްފިއެވެ. އެއަށްފަހު އެ ދުވަހު ހެނދުނު ޤާނޫނުއަސާސީއަށް އިތުރުކުރެވުނު މާއްދާއާ އެއްގޮތަށް ރަސްކަން ހިންގާ ކޮމިޓީ، އާދެ ވަލީ ކޮމިޓީ އިންތިޚާބުކުރެވުނެވެ. އެކޮމެޓީގައި އިސްތިޢުފާދެއްވި ރަދުންނާއި ބޮޑުވަޒީރުވެސް ހިމެނިވަޑައިގެންނެވިއެވެ.
މުޙައްމަދު އަމީން ދީދީގެ ވަޒީރުއްދާޚިލިއްޔާ ކަމުގައި ރަދުންނާއި ބޮޑުވަޒީރު އިސްތިޢުފާ ދެއްވައި ކޮމިޓީއަކުން ރަސްކަން ހިންގާތާ ތިންވަނައަށް ވީ، 10 އޭޕްރީލް 1943، މި ދުވަހު ރައްޔިތުންގެ ޚާއްޞާ މަޖިލީހުން ޤާނޫނުއަސާސީގެ މާއްދާއެއް ބަދަލުކުރިއެވެ. އެއީ އޭރު ދިވެހި ސަރުކާރަށް ލަފާދެއްވާ އެންމެ ބޮޑު މުޝީރު ނުވަތަ މުސްތަޝާރުލްއަޢުޡަމްގެ ގޮތުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު އަތިރީގޭ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނަށް ރަސްކަމަށް ވަޑައިގެންނެވޭނެ ގޮތަށް ރަސްކަލަކަށް ހުންނާންވީ ސިފަތަކަށް ނުވަތަ ޝަރުޠުތަކަށް ގެނެވުނު ބަދަލެކެވެ. އެއަށްފަހު 12 އޭޕްރީލް 1943 ވަނަ ދުވަހުގެ ހެނދުނު މުލީއާގޭގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާއެއް ބޭއްވި ވޯޓެއް ނަގައި އަތިރީގޭ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ދިވެހިރާއްޖޭގެ ކީރިތި މަހާރަދުން ކަމުގައްޔާއި، އެންމެ މަތީ ދަރަޖައިގެ ވަލިއްޔުލްއަމްރު ކަމުގައި އިންތިޚާބުކޮށް އެދުވަހު ހަވީރު މާލޭގެ ރައްޔިތުންނާއި، ފަޅުއޮޑިފަހަރުގައި ތިބި ރަށްރަށުގެ ރައްޔިތުން ގުޅަކުޅޭ ފަސްގަނޑަށް އެއްކޮށް، ދައުލަތް ހިންގާ މަޖިލީހުގެ ފަރާތުން އެމަޖިލީހުގެ ރައީސް މުޙައްމަދު އަމީން ދީދީ އެކަން އިޢުލާނުކުރެއްވިއެވެ. އެހެންނަމަވެސް އަވަހާރަވުމާ ހަމައަށްވެސް ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ދިވެހިރާއްޖޭގެ ތަޚުތުގައި އިށީނދެވަޑައިގެން ރަސްކަމާ ހަވާލުވެވަޑައެއް ނުގަންނަވަމެވެ. ހުންނެވީ އިންތިޚާބުކުރެވިފައިވާ ރަސްގެފާނުގެ ގޮތުގައެވެ.
ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ވަޒީރުއްދާޚިލިއްޔާގެ ގޮތުގައި މުޙައްމަދު އަމީން ދީދީ ވެރިކަން ކުރައްވަމުން ގެންދެވި އިރުވެސް، ކުރީން ދެންނެވިހެން ސަރުކާރުގެ އެންމެ ނުފޫޒުގަދަ ފަރާތަކީ ކޮޅުބުނގައި ހުންނަވާ ދިވެހި ދައުލަތުގެ ސަފީރު އަދި ފައިސާގެ ކޮމިޝަނަރު އަލްއަމީރު ޙަސަން ފަރީދު ދީދީއެވެ. މިފަދަ ނުފޫޒެއް ނެތި ވެރިކަން ހިންގެވުމުގެ ބާރު މުޙައްމަދު އަމީން ދީދީއަށް ލިބިވަޑައިގެންނެވީ، ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި މަނަވަރު އެޗް.އެމް.އެސް މާލޯއީގައި ޙަސަން ފަރީދު ދީދީ، ދިވެހިރާއްޖެއިން ސިލޯނަށް ކުރެއްވި ދަތުރުފުޅުގައި، 27 މާޗު 1944 ގައި ޖަރުމަނުވިލާތުގެ ޔޫބޯޓަކުން އެއަށް ޙަމަލާދީ އެ މަނަވަރު ފައްތާލި ހާދިސާގައި އެމަނިއްޕުޅު ގެއްލިވަޑައިގެންނެވިފަހުންނެވެ.
28 އޮކްޓޯބަރު 1944 ގައި، ކުރިން ހިނގަމުން އައި 1943 ގެ ޤާނޫނުއަސާސީއަށް ބަދަލު ގެނެސް، 29 އޮކްޓޯބަރު 1944 ގައި ބޭއްވުނު ރައްޔިތުންގެ އާ މަޖިލީހުގެ ޖަލްސާގައި ވަޒީރުލްއަޢުޡަމް އަދާކުރައްވާ ވަޒީފާތައް ވަޒީރުއްދާޚިލިއްޔާއާ ޙަވާލުކޮށް، ވަޒީރުދާޚިލިއްޔާ ކަމުގެ މަޤާމަށް މުޙައްމަދު އަމީން ދީދީ އިންތިޚާބުކުރެވުނެވެ. އަދި ވަޒީރުއްދާޚިލިއްޔާގެ ހައިސިއްޔަތުން މުޙައްމަދު އަމީން ދީދީ ސަރުކާރުގެ އެކިއެކި މަޙްކަމާތައް އެކުލަވާލެއްވި އިރު ގިނަ މަޙްކަމާތައް ބަލަހައްޓަވާ ގޮތަށް ހަމަޖެއްސެވީ ޚުދު އޭނާއެވެ. އެގޮތުން އޭނާއަކީ މަޙްކަމަތުއްދާޚިލިއްޔާގެ އިތުރުން މަޙްކަމަތުލްމާލިއްޔާއާއި، މަޙްކަމަތުއްތިޖާރާއާއި، މަޙްކަމަތުލްއަމަންޢާއްމުގެ ވެސް ވެރިޔާއެވެ. މިގޮތުގެ މަތީން ވަޒީރުއްދާޚިލިއްޔާގެ ގޮތުގައި ވެރިކަން ކުރައްވަމުން އައިސް 29 އޭޕްރީލް 1948 ގައި މުޙައްމަދު އަމީން ދީދީއަށް ދޮށިމޭނާ ކިލެގެ ކަމަށް ކޮލިލެވުނެވެ. އޭގެފަހުން އެއީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ.
ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ވަޒީރުއްދާޚިލިއްޔާގެ ގޮތުގައި ސަރުކަރުގެ ވެރިކަން ހިންގަވަމުން ވަޑައިގެން އޭނާގެ ޞިއްޙީ ޙާލުކޮޅަށްޓަކައި ދައުލަތުގެ ގިނަ ކަންކަމުން އިސްތިޢުފާދެއްވައި، ބޭސްކޮޅުކުރެއްވުމަށް ސިލޯނަށް ވަޑައިގަަންނަވާތީ 19 ސެޕްޓެންބަރު 1950 ގައި ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ ވެރިކަން ހިންގުމަށްޓަކައި ކޮމެޓީއެއް ނެގިއެވެ. މި ކޮމެޓީގައި ހިމެނިވަޑައިގެންނެވީ ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީންއާއި، އަލްފާޟިލް އަޙްމަދު ކާމިލް ދީދީއާއި، އައްޝައިޚް އިބްރާހީމް ރުޝްދީއެވެ. އޭގެ ފަހުން މުޙައްމަދު އަމީން ދީދީ ބޭސްކޮޅުން ނިމިވަޑައިގެން މާލެއަށް ވަޑައިގެންނެވުމާއެކީ 23 އޮކްޓޯބަރު 1950 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ދިވެހި ދައުލަތް ހިންގުމާއި އަނެއްކާވެސް ޙަވާލުވެވަޑައިގެންދެއްވުން އެދި މުޙައްމަދު އަމީން ދީދީއަށް ދެންނެވުނެވެ. އޭގެ ޖަވާބަކަށް އޭނާ ވިދާޅުވިކަމަށް "ދިވެހިރާއްޖޭގެ އެކިއެކި ކަންކަން ހިނގި ގޮތް 7" ގެ 655 ވަނަ ޞަފުޙާގައި އޮތީ އަންނަނިވި ފަދައިންނެވެ.
"ދިވެހި ރައްޔިތުން، އަޅުގަނޑުގެ ޚިދުމަތަށް ބޭނުންހައި ހިނދަކު، އަޅުގަނޑު މިހިރީ، ފުރާނައިގެ ކޮޅުން، ރައްޔިތަށާއި ދައުލަތަށް، ޚިދުމަތް ކުޅައުމަށް ތައްޔާރުގައެވެ. ނަމަވެސް، މިހާރު ކަން ގޮއްސާ އޮތް ގޮތުންނާއި، އަދި މުސްތަޤްބަލަށް ވިސްނާއިރު، ފެންނަ ގޮތުން، ހަމައެކަނި މި މަޖިލީހުން ފާސްކުރެއްވިކަމުގައި ވިޔަސް، ދައުލަތުގެ ވެރިކަމާއި އަޅުގަނޑު ޙަވާލެއް ނުވާނަމެވެ. އާދޭހެވެ! ޤާނޫނީ ހަމަތަކުގެ މަތީން ދައުލަތް ހިންގުމުގެ ވެރިކަން، ވަކި މީހަކާއި ޙަވާލުކުރެވޭނީ، މި މަޖިލީހުންކަން، އަޅުގަނޑަށް އޮޅުމެއްނެތި އެނގެއެވެ. ނަމަވެސް، ރާއްޖޭގެ ތާރީޚުން މި ވޭތުވެދިޔަ، 15 އަހަރަށް ވިސްނާ ބަލާއިރު، މި މަޖިލީހުން އެކަނި މިކަންތައް ނިންމަވަން އަޅުގަނޑަށް ނުފެންނަނީއެވެ."
މިއަށްފަހު އޭނާ ހުށައެޅުއްވީ ރާއްޖޭގެ ރައްޔިތުންގެ ބަހެއް، ޢާއްމު ވޯޓަކުން ހޯދުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ވަޒީރުލްއަޢުޡަމަކު އިންތިޚާބުކުރުމެވެ. އަދި އެފަދަ ވޯޓެއް ނެގި، އައު ވެރިޔަކު އިންތިޚާބުކުރެވެންދެން ވަގުތީ ގޮތުން ދައުލަތް ހިންގަވަން ތައްޔާރަށް ހުންނެވި ވާހަކަ އޭނާ ވިދާޅުވިއެވެ. އެއަށްފަހު މި ޝަރުޠާއެކީ ރައްޔިތުންގެ މަޖިލީހުން ދައުލަތް ހިންގުން ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާ ޙަވާލުކުރިއެވެ.
ދައުލަތް ހިންގުމުގެ ވެރިޔާ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޝަރުޠާ އެއްގޮތަށް ބޭއްވުނު ޢާއްމު ވޯޓުގެ ނަތީޖާއާއެކު ވަޒީރުލްއަޢުޡަމްކަމުގެ މަޤާމަށް މީހަކު އިންތިޚާބުކުރުމަށްޓަކައި 12 ޑިސެންބަރު 1950 ދުވަހުގެ ރޭ 9:30 ގައި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއް ބޭއްވުނެވެ. ރައްޔިތުންގެ ޢާއްމު އިންތިޚާބުން އެންމެ ގިނަ ވޯޓު ހޯއްދެވީ 12480 ވޯޓާއެކީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. މި ވޯޓުގައި އަލްއަމީރު މުޙައްމަދު ފަރީދު ފާށަނާ ކިލެގެފާނަށް 366 ވޯޓު، އައްނަބީލް އިބްރާހީމް ފަރީދު ދީދީއަށް 74 ވޯޓު އަދި އަލްފާޟިލް އަޙްމަދު ކާމިލް ދީދީއަށް 31 ވޯޓު ލިބިވަޑައިގެންނެވިއެވެ. މިގޮތުން މަޖިލީހުގެ މި ޖަލްސާގައި ސުމުއްވުލްއަމީރު އިބްރާހީމް ފާމުދޭރި ކިލެގެފާނު، ދިވެހިރާއްޖޭގެ ވަޒީރުލްއަޢުޡަމްކަމުގެ މަޤާމަށް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ނަންފުޅު ހުށައެޅުއްވުމާއެކު، މުޅި މަޖިލީހުގެ އިއްތިފާޤުން ވަޒީރުލްއަޢުޡަމްކަމުގެ މަޤާމަށް އެނަންފުޅު ފާސްވިއެވެ. އާދެ! ދިވެހިރާއްޖޭގެ ވަޒީރުލްއަޢުޡަމް ކަމުގެ މަޤާމަށް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އިންތިޚާބުވެވަޑައިގެންނެވީއެވެ. އޭރު އަމީން ދީދީ ހުންނެވީ ބޭސްކޮޅަކަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވެ. ވަޒީރުލްއަޢުޡަމްކަން ޤަބޫލުކުރެއްވީ މާލެ ވަޑައިގެން 21 ޑިސެންބަރު 1950 ގައެވެ. އޭގެ ފަހުން އަލުން ވަޒީރުއްދާޚިލިއްޔާކަމާ ޙަވާލުވެވަޑައިގެން ސަރުކާރު ހިންގަވަމުން ގެންދެވިއެވެ.
ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ވަޒީރުލްއަޢުޡަމްގެ ގޮތުގައްޔާއި ވަޒީރުއްދާޚިލިއްޔާގެ ގޮތުގައި ޤައުމުގެ ވެރިކަން ހިންގަވަމުން ވަޑައިގެން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ކުރީގެ ޤާނޫނުއަސާސީއަށް އިޞްލާޙުތަކެއް ގެންނަވައި 31 މޭ 1951 ގައި އާ ޤާނޫނުއަސާސީއެއް ފާސްކޮށް ވަލީ ކޮމެޓީގެ ފަރާތުން ތަޞްދީޤުކުރެވުނެވެ. މި ޤާނޫނުއަސާސީގެ ދަށުން ސަރުކާރު ހިންގުމުގެ ބާރު ވަޒީރުއްދާޚިލިއްޔާގެ ބަދަލުގައި ވަޒީރުލްއަޢުޡަމްއަށް ލިބިގެން ދިޔައެވެ.
08 އޮކްޓޯބަރު 1951 ގައި މުޙައްމަދު އަމީން ދީދީ އިސްވެ ހުންނަވައިގެން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީއެއް އިފްތިތާޙްކޮށްދެވިއެވެ. އެއީ ރައްޔިތުންގެ މުތަޤައްދިމް ޕާޓީއެވެ. ޕާޓީ އިފްތިތާޙްކުރެވުނީ އެދުވަހު ކަމުގައި ވިޔަސް ޕާޓީ ވުޖޫދަށް އައީ 8 ފެބްރުއަރީ 1951 ގައެވެ. މުތަޤައްދިމް ޕާޓީގެ ވަގުތީ ރައީސަކީ މުޙައްމަދު އަމީން ދީދީއެވެ. އިސް ނާއިބު ރައީސަކީ މުޙައްމަދު އަމީން ދީދީގެ ބޮޑުދައިތަ އަތިރީގޭ ތުއްތު ދޮންދީދީގެ ދަރިކަލުން ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީއެވެ. ދެވަނަ ނާއިބު ރައީސަކީ އަމީން ދީދީގެ ކޮއްކޮގެ ފިރިކަލުން ކަކާގޭ އަޙްމަދު ޙިލްމީ ދީދީއެވެ. އެއިރު ވެލާނާގެ އިބްރާހީމް މުޙައްމަދު ދީދީއަކީ ވަޒީރުލްއަޢުޡަމްގެ ނާއިބުވެސްމެއެވެ.
ރައްޔިތުންގެ މުތަޤައްދިމް ޕާޓީ އިފްތިތާޙްކުރެވުނުތާ ދުވަސްކޮޅެއް ފަހުން 20 އޮކްޓޯބަރު 1951 ގައި ބޭއްވުނު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާއެއްގައި ދިވެހިރާއްޖޭގެ ރަސްކަމަށް އިންތިޚާބުކުރެވިފައިވާ ސުމުއްވުލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ތަޚުތަށް އިސްވަންދެން ރަސްކަލެއްގެ ޤާއިމްމަޤާމެއްގެ ގޮތުގައްޔާއި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރު ކަމުގައި ވެވަޑައިގަތުމަށް މުޙައްމަދު އަމީން ދީދީއަށް ހުށައެޅުނެވެ. ނަމަވެސް ރަސްކަލެއްގެ ޤާއިމްމަޤާމެއްގެ ގޮތުގައި ރަސްކަލަކު އަދާކުރައްވާ ވަޒީފާ އަދާކުރައްވަން އޭނާ ބޭނުންފުޅެއް ނުވިއެވެ. އޭގެ ބަދަލުގައި ހަމައެކަނި ޤައުމުގެ ވަލިއްޔުލްއަމްރު ކަމުގައި ހުންނަވާން އެއްބަސްވެވަޑައިގެންނެވިއެވެ. މިގޮތުން މަޖިލީހުގެ އިއްތިފާޤުން އެ ދުވަހު ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުކަން މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާ ޙަވާލުކުރަން ފާސްވިއެވެ. އަދި އެއަށްފަހު އޭނާ އެމަޤާމުގެ ހުވާކުރައްވައި މަޤާމާ ޙަވާލުވެވަޑައިގެންނެވިއެވެ.
މުޙައްމަދު އަމީން ދީދީ ވަލިއްޔުލްއަމްރުގެ ގޮތުގައި ދިވެހިރާއްޖޭގެ އެންމެ މަތީ ވަލީއާ ޙަވާލުވެ ހުންނަވައި ބޮޑުވަޒީރުގެ ގޮތުގައި ވެރިކަން ހިންގަވަމުން ވަޑައިގަންނަވަނިކޮށް 25 ފެބްރުއަރީ 1952 ގައި ދިވެހިރާއްޖޭގެ ރަސްކަމަށް އިންތިޚާބުކުރެވިފައިވާ ސުމުއްވުލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު، ސިލޯނުގައި އަވަހާރަވިއެވެ. އެއަށްފަހު އޭރު ދައުލަތުގެ ކުރިޔަށް ތިބި ގިނަ ބަޔަކަށް، ދިވެހިރާއްޖޭގެ ރަސްކަލަކަށް ނުވަތަ އެންމެ މަތީ ވެރިޔަކަށް ވާން މުޙައްމަދު އަމީން ދީދީ ނޫން ބޭފުޅަކު ނުފެނި، އެޚިޔާލު އެގޮތަށް ފާޅުކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް މުޙައްމަދު އަމީން ދީދީއަށް ރަސްކަލަކަށް ވެވަޑައިގެން ތަޚުތުގައި އިންނެވުމަކީ މާ ޤަބޫލުފުޅު ކަމަކަށް ނުތްވެވެ. އޭނާ ބޭނުންވެވަޑައިގެންނެވީ ރާއްޖެއިން ބޭރަށާއި ތަންތަނަށް ދަތުރުކުރެވޭ ހަރަކާތްތެރި ގޮތެއްގައި ވެރިކަން ކުރެވޭ ފަދަ މަޤާމެއް އަދާކުރެއްވުމެވެ.
މި ގޮތުން 12 އޭޕްރީލް 1952 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއްގައި އެކަމާއި މެދު ވިސްނައި ގޮތެއް ހަމަޖެއްސުމަށްޓަކައި ޚާއްޞަ ކޮމެޓީއެއް ނެގުނެވެ. މި ކޮމެޓީގައި ހިމެނިވަޑައިގެންނެވީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާއި، ސުމުއްވުލްއަމީރު އިބްރާހީމް ފާމުދޭރި ކިލެގެފާނާއި، އައްޝައިޚް ޢަބްދުﷲ ޖަލާލުއްދީނާއި، އަލްފާޟިލް އިބްރާހީމް މުޙައްމަދު ދީދީއާއި، އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނާއި، އަލްފާޟިލް އިބްރާހީމް ޝިހާބާއި، އަލްމުޙްތަރަމް ބުޗާ ޙަސަން ކަލޭގެފާނާއި، އަލްމުޙްތަރަމް ނައިފަރު ކަތީބު ކާންނާ ކަލޭގެފާނެވެ. މި ކޮމެޓީން ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުން އިއްތިފާޤުވީ، ދިވެހިރާއްޖެ ޖުމްހޫރިއްޔަތަކަށް ހަދަން ޒަރޫރަތްތެރިކަން މަޖުބޫރިކޮށްފި ކަމަށާއި، އެބަދަލު ގެނައުމަށްޓަކައި މާލޭގެ ރައްޔިތުންނާއި، އެތަންވަޅު މާލޭގައި ތިބި ރާއްޖެތެރޭގެ ރައްޔިތުންގެ ޢާއްމު ވޯޓެއް ނެގުމަށްފަހު ފެންނަ ނަތީޖާއަކުން އެބަދަލު ގެނައުމަށެވެ.
މާލޭގެ ރައްޔިތުންނާއި މާލޭގައި ހާޒިރުވެ ތިބި ރާއްޖެތެރޭގެ ރައްޔިތުންގެ މެދުމުގައި ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްލުމަށްޓަކައި ވޯޓު ނެގުމުގެ ކުރިން ރައްޔިތުން އެއްކޮށްގެން އެ މައްސަލައާ ގުޅޭ ގޮތުން ދައުލަތުގެ ކުރިޔަށް ތިއްބެވި ބޭފުޅުން ވާހަކަދައްކަވައި މައްސަލަ ސާފުކޮށްދެއްވިއެވެ. އޭގެފަހުން 17 އަދި 18 އޭޕްރީލް 1952، މި ދެދުވަހު މިކަމުގެ ވޯޓުލުން ބާއްވައި 18 ވަނަ ދުވަހުމެ އޭގެ ނަތީޖާ ފާޅުކުރިއެވެ. ނަތީޖާއަކީ ބޮޑު އަޣުލަބިއްޔަތަކުން ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު، ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުކޮށްލަން ފާސްވުމެވެ. އަދި ހަމަ އެހެންމެ ޤައުމުގެ ރައީސްކަމަށް މުޙައްމަދު އަމީން ދީދީ ހޮވަން ވޯޓުލީ އެންމެން އިއްތިފާޤުވިއެވެ. އަދި ނާއިބް ރައީސްކަމަށް ވަލިއްޔުލްއަމްރުގެ ނާއިބު އަދި ބޮޑުވަޒީރުގެ ވެސް ނާއިބު އިބްރާހީމް މުޙައްމަދު ދީދީ ގެންނަން ފެންނަކަމަށް ބޮޑު އަޣުލަބިއްޔަތެއް ލިބުނެވެ. އެއަށްފަހު 1 ޖެނުއަރީ 1953 ގައި ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމް ޖުމްހޫރިއްޔަތަކަށް ބަދަލުކޮށް އެއާ އެއްގޮތަށް އާ ޤާނޫނުއަސާސީއެއް ހިންގަން ފަށައި، ޤައުމުގެ ރައީސްކަމުގެ ހުވާ މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުކުރެއްވިއެވެ. ޖުމްހޫރީ ޤާނޫނުއަސާސީ ބުނާ ގޮތުން ޤައުމުގެ ރައީސްއަށް ރައީސުލްޖުމްހޫރިއްޔާއެކޭ ނުކިޔައެވެ. އޭގައި ރައީސްއެކޭވެސް ނޯވެއެވެ. އޮންނަނީ ވަލިއްޔުލްއަމްރާއި ވަލިއްޔުލްއަމްރުގެ ނާއިބުގެ ވާހަކައެވެ. އެހެންނަމަވެސް މުޙައްމަދު އަމީން ދީދީގެ ޖުމްހޫރީ ވެރިކަމުގައި މަޤާމުގެ ފަތްކޮޅު ދެއްވާއިރު ސޮއިކުރައްވަފައި ހުރީ ޤައުމުގެ ރައީސް ޖައްސަވާފައެވެ. އެ ޤާނޫނުއަސާސީގެ ދަށުން ވަޒީރުންގެ މަޖިލީހުގެ އިސްވަޒީރު އާދެ ވަޒީރުލްއަޢުޡަމްގެ މަޤާމުވެސް އަދާކުރެއްވީ މުޙައްމަދު އަމީން ދީދީއެވެ. އަދި ހަމައެހެންމެ ޚާރިޖީ (ފޮރިން)، ދާޚިލީ (ހޯމް)، މާލީ (ފިނޭންސް) އަދި އަމަންޢާއްމު (ޕަބްލިކް ސޭފްޓީ / ޑިފެންސް) އާއިބެހޭ ވަޒީރަކީވެސް ހަމަ އޭނާއެވެ.
އަތިރީގެ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ވަލިއްޔުލްއަމްރު، ޤައުމުގެ ރައީސް އަދި ވަޒީރުލްއަޢުޡަމް، އާދެ ބޮޑުވަޒީރުގެ ގޮތުގައި، ޞާޙިބުލްފަޚާމާގެ ލަޤަބާއެކީ ޤައުމުގެ ވެރިކަންކުރައްވަމުން ވަޑައިގަންނަވަނިކޮށް އިންޤިލާބެއް ނުވަތަ ބަޣާވާތެއް ނުވަތަ އެޒާތުގެ އެނޫންވެސް ކަމެއްގެ ތެރެއިން، ދުނިދޫގައި ހައްޔަރުކުރެވި މަޖުބޫރުވެވަޑައިގެން 21 އޮގަސްޓް 1953 ގައި މަޤާމުތަކުން ވަކިވެވަޑައިގެންނެވިއެވެ. އާދެ، 7 އޭޕްރީލް 1943 ގައި ފެށުނު، އޭނާގެ 10 އަހަރު ދުވަހުގެ ވެރިކަން ނިމިގެން ދިޔައީއެވެ. އޭގެ ފަހުން ގެއްލިވަޑައިގެންނެވި ވެރިކަން ހޯއްދެވުމަށްޓަކައި 31 ޑިސެންބަރު 1953 ގައި ކަކާގޭ އިބްރާހީމް ޙިލްމީ އާއި ޝަމްސުއްދީން ޙިލްމީ އާއެކު ފިއްލަވައިގެން މާލެ ވަޑައިގެން އުޅުއްވަނިކޮށް މީހުންގަނޑު އެއްވެ ހިނގި ކަންތައްގަނޑުގައި ހާނީއްކަވެ ވަރަށް ބޮޑަށް އަނިޔާ ލިބިވަޑައިގެންނެވިއެވެ. އަދި އެފަހަރު ހައްޔަރުވެ ޝަރީޢަތްކުރެވި ގާފަރަށް އަރުވާލެވިފައިވަނިކޮށް، ޙާލުކޮޅު ބޮޑުވެގެން ވިހަމަނާފުއްޓަށް ބަދަލުކުރެވިފައި ހުއްޓާ 19 ޖެނުއަރީ 1954 ގައި އަވަހާރަވީއެވެ.
މިމަޒުމޫނަކީ އެއްގޮތަކަށްވެސް މުޙައްމަދު އަމީން ދީދީ ވެރިކަން ކުރެއްވި ގޮތާއި، އެއިރު ކަންކަން ހިނގަމުން އައި ގޮތާއި، އޭނާގެ ވެރިކަން ނިމުނު ގޮތާއި އެކަމަށް މެދުވެރިވި ސަބަބުތަކުގެ މައްޗަށް ބަލައި ލިޔުމަށް ޤަޞްދުކުރި މަޒުމޫނެއް ނޫނެވެ. އެހެންކަމުން އެކަންކަމުގެ ތަފްސީލު މީގައި ނުލިޔުނީއެވެ. މަޒުމޫނުގެ މައިގަނޑު ބޭނުމަކީ މުޙައްމަދު އަމީން ދީދީ 10 އަހަރު ވާންދެން ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި ކަމާއި އެވެރިކަމަށް ވަޑައިގެންނެވި ގޮތާއި ހައިސިއްޔަތުތައް ބަޔާންކުރުމެވެ. ފަހުގެ ޖީލުތަކުގެ ދިވެހީންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ހީވެފައި އޮންނަ ގޮތުން މުޙައްމަދު އަމީން ދީދީގެ ވެރިކަން ފެށުނީ 1 ޖެނުއަރީ 1953 ގައެވެ. އާދެ، ޖުމްހޫރީ ވެރިކަން ފެށުނު ހިސާބުންނެވެ. އެހެންކަމުން އޭނާގެ ވެރިކަމަކީ އެންމެ 7 ވަރަކަށް މަސް ދުވަހުގެ ވެރިކަމެއް ކަމަށް ވަރަށް ގިނަ މީހުން ހީކުރެއެވެ. އަޅުގަނޑުގެ މަޤްޞަދަކަށްވީ އެއީ އެކަން އޮތް ގޮތް ނޫންކަން ބަޔާންކޮށް ދިނުމެވެ. މިމައޒުމޫނު ލިޔުމަށްޓަކައި އަޅުގަނޑު ބެލި ލިޔެކިޔުންތަކަކީ "ދިވެހިރާއްޖޭގެ އެކިއެކި ކަންކަން ހިނގިގޮތް"، މި ސިލްސިލާގެ 1 އިން 10 އަށް، ސަރުކާރުގެ ޚަބަރުގެ 8 އިން 11 އަށް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީތައް، އަދި "ދިވެހި ޖުމްހޫރިއްޔާ....މަރުޙަބާ!" މި ފޮތާއި، އެޗް.ސީ.ޕީ ބެލްގެ މޮނޮގްރާފެވެ.
އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. އަދި އެހެންމެ ދިވެހި ތާރީޚު ދިރާސާކުރައްވާ މުވައްރިޚެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު