ގިނަ އަދަދެއްގެ ދިވެހިންގެ ބަޔަކާއެކު ބަދުއަޚުލާގީ އަމަލު ހިންގިކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް، ހަތް މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ދައުލަތުން އޭނާގެ މައްޗަށް އުފުލާފައި ވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއެކެވެ. އެ މައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދާއިރު، ފުރަތަމަ އަޑުއެހުން ބޭއްވީ މިދިޔަ ހޯމަ ދުވަހުއެވެ.

އެ އަޑުއެހުމުގައި އަލަމްގިރްގެ މައްޗަށް ދައުވާ އިއްވުމުން އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ. އެހެންވެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ އަވަސް ނިޔާގެ އަޑުއެހުމެއްގެ ގޮތުގައި ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.

މިއަދު ހެނދުނު ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ހުކުމްކުރުމުގެ އަޑުއެހުމުގައި އަލަމްގިރްގެ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަށް ކަނޑައަޅައި ގާޒީ އަލީ އާދަމް ވަނީ އަލަމްގިރްއަށް ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އަދި އަލަމްގިރް އެދިގެން ގާޒީ ވަނީ އޭނާއަށް ތައުބާ ލައިދީފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ މީޑިއާ އޮފިޝަލް ޝަފީއު އަހުމަދު "ވަން" މިއަދު އަށް ވިދާޅުވީ، ގާނޫނުއުގޫބާތުގެ 1006 ވަނަ މާއްދާގައިވާ ގޮތުގައި އެއް ދައުވާ ފޯމެއްގައިވާ މައްސަލަތައް ސާބިތުވެއްޖެނަމަ އަދަބު ދިނުމުގައި އޮންނަނީ، އެންމެ ބޮޑު އަދަބެއް ލިބޭ ދައުވާއަށްވާ އަދަބު އެއްކޮށް ދިނުމާއި ދެން އެއާ ޖެހިގެން ބޮޑު އަދަބެއް ލިބޭ ދައުވާގެ ދެބައިކުޅަ އެއްބަޔަށްވާ އަދަބު ދިނުމާއި ތިންވަނަ ދައުވާގެ ހަތަރު ބައިކުޅަ އެއްބަޔަށްވާ އަދަބު ދިނުން ކަމަށެވެ.

އެގޮތަށް އަދަބު ދޭއިރު، އަލަމްގިރްއަށް ދެވޭ އެންމެ ބޮޑު އަދަބަކީ ހަތް މަހާއި ހަ ދުވަސް ކަމަށް ވިދާޅުވިއެވެ.