ޚަބަރު

ލަންދޫ ބޯޓުން މުދަލާއި ލަކުޑިތައް އޮޔާދާތީ ސަމާލުވާން އަންގައިފި

ރިފާ ހަލީލު

މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރުކުރަމުންދިޔަ އަޑިއަށްދިޔަ ލަންދޫ ބޯޓުން މުދަލާއި ލަކުޑިފަދަ ތަކެތި އޮޔާދާތީ، އެ ސަރަހުއްދުން ދަތުރުކުރުމުގައި ސަމާލުވުމަށް އަންގައިފިއެވެ.

ލަންދޫ ބޯޓު ފަރަށް އަރާފައިވާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:55 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ލަންދޫ ބޯޓު މިހާރު އެއްކޮށް އަޑިއަށް ގޮސްފައިވާއިރު، އެ ބޯޓުން ދަތުރުކުރި އެންމެން ވަނީ ސަލާމަތްކޮށްފައެވެ.

ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ގާފަރު ފަރުގެ އުތުރުން ދަތުރުކުރަމުން ދިޔަ ބޯޓެއް އަޑިއަށް ގޮސް އެ ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގާ ކަމަށެވެ.

ގިނަ އަދަދެއްގެ މުދަލާއި ގޭސްފުޅިތައް އޮޔާދާތަން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެނެއެވެ. މި މުދާތައް ނެގުމުގެ މަސައްކަތް ގާފަރު ރައްޔިތުންނާއި ގުޅިގެން ބޯޓުގެ ވެރިފަރާތުން ދަނީ ކުރަމުންނެވެ.