މާލޭގެ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދުގައި ހިނގި ޒުވާބެއްގައި ފިރިހެނެއްގެ ކަރަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މަހުގެ 28 ވަނަ ދުވަހުގެރޭ ދަންވަރު ހިނގި މިހާދިސާގައި އަނިޔާ ލިބުނު ފިރިހެން މީހާއަށް ފަރުވާ ދިނުމަށް އޭޑީކޭއަށް ގެންދިޔައެވެ. އޭނާއަށް އެމަޖެންސީގައި ފަރުވާދިނުމަށް އޮބްޒަވޭޝަނަށް ވޯޑަށް ބަދަލު ކުރުމުން އާއިލާއިން އެދިގެން އޭނާ ވަނީ ގެއަށް ދޫކޮށްލައިފައެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. ނަމަވެސް މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން "ވަން" އަށް މައުލޫމާތު ލިބުނު ގޮތުގައި މިއީ ދެމަފިރިންގެ ދެމެދުގައި ހިނގި ޒުވާބެކެވެ. ނަމަވެސް މިއީ ދެމަފިރިން ނޫން ކަމަށް މިހާރު އެނގިފައިވެއެވެ.