ކުޅިވަރު

ކުޅިވަރުގެ ޝަޚުސިއްޔަތު: ވޯލްޑްކަޕްގެ ހަނދާންތަކުގެ ތެރެއިން ސައިބޯނިބޮތްކެއް ފަދަ ސަލްވަތޯރޭ ސްކިލާޗީ

އިމާދު ލަތީފު

އެއީ މީގެ 32 އަހަރު ކުރިއެވެ. އިޓާލިއާ 90 އެވެ. އެދުވަސްވަރަކީ މިހާރުގެ ގޮތަށް ވޯލްޑްކަޕް ފެންނަ ޒަމާނެއް ނޫނެވެ. އަދި ފަސޭހަކޮށް ތާޒާކޮށް މައުލޫމާތު ހޯދޭ ޒަމާނެއްވެސް ނޫނެވެ. އެސްޓީއޯއިން ނުވަތަ ދިރާގުން ސްޕޮންސަރ ކޮށްފިއްޔާ އެމެޗެއް ޓީވީއެމުން ދައްކައިފާނެއެވެ. އެނޫންގޮތަކަށް ވޯލްޑްކަޕް މެޗެއް ދިވެހީންނަކަށް ނުފެންނާނެއެވެ. އެއީ އަޅުގަނޑުމެންގެވެސް އެންމެ ޒުވާން ދުވަސްވަރެވެ. އެބާވަތުގެ ކަންކަމުގެ ޝައުގުވެރިކަން އެންމެ ބޮޑު ދުވަސްވަރެވެ. މައުލޫމާތު ހޯދުނު ގޮތަކަށް ހޯދައިގެން އަޅުގަނޑުވެސް ހުންނަނީ ވަރަށް ވޯލްޑްކަޕް ވެގެންނެވެ. އޭރުގެ ޓީމަކީ އިޓަލީއެވެ. މާކުރީއްސުރެ ހުރެވުނީވެސް އިޓަލީއަށް ތަށި ދީގެންނެވެ. މަލްޑީނީޔާއި ވިއާއްލީޔާއި ބާޖިއޯއާއި ބަރޭސީ އަދި ޑޮނަޑޯނީއަކީ ވަރަށް ފަރިތަ ނަންނަމެވެ. ހައްތާވެސް އިޓަލީގެ ތަރިންނެވެ.

އިޓަލީގެ ގަދަނޫ ޖާރޒީޔާއި ހުދު ސޯޓު ފެނުނަސް ކުރެވެނީ ވޯލްޑްކަޕުގެ އިހުސާސެވެ. އިޓަލީގެ ސްކޮޑް އިއުލާންކުރިއިރު ފޯވާޑްލައިނުގައި އިހަށް ނަންވެސް އަޑުނީވޭ ކުޅުންތެރިޔަކު ހުއްޓެވެ. ނަމަކީ ސަލްވަތޯރޭ ސްކިލާޗީއެވެ. އާއްމު ނަމަކީ ޓޯޓޯ ސްކިލާޗީއެވެ. ދުވަހަކުވެސް އިޓަލީއަށް ގޯލެއް ޖަހައިދިން ކުޅުންތެރިއެއް ނޫނެވެ. ހިތަށް އެރިއެވެ. މިއީ ކާކުބާވައެވެ. މީނާއަށް ޖެހޭނީ ކޮން ގޯލެއް ބާވައެވެ. ކޮންމެއަކަސް ޖޫން ދިހަވަނަ ދުވަހު އިޓަލީން ވޯލްޑްކަޕް ފަށައިފިއެވެ. އޮސްޓްރިޔާ އަތުން އެކެއް ސުމަކުން މޮޅުވި މެޗުގައި ލަނޑުޖެހީ އެއްކަލަ ސްކިލާޗީއެވެ. ދެވަނަ މެޗާއި ތިންވަނަ މެޗުވެސް ކުޅެފިއެވެ. ދެވަނަ ބުރުގައި އުރުގުއޭ އަތުންވެސް މޮޅުވެއްޖެއެވެ. ކުއާޓަރ ފައިނަލުގައި އަޔަރލެންޑް އަތުންވެސް މޮޅުވެއްޖެއެވެ. އަސްތަ އަސްތާއެވެ. މި ސްކިލާޗީއަކީ އާދައިގެ ފޯވާޑެއް ނޫނެވެ. ކުޅުނު ކޮންމެ މެޗެއްގައި ލަނޑުޖަހަނީއެވެ.

ސެމީ ފައިނަލްގައި އިޓަލީއަށް ކުރިމަތިލާން ޖެހުނީ އާޖެންޓީނާއާއެވެ. އާޖެންޓީނާއަކީ އޭރު ޑިފެންޑިން ޗެމްޕިއަނެވެ. ކެޕްޓަނަކީ ޑިއޭގޯ މަރަޑޯނާއެވެ. އޭނާގެ ތަރި މެދުއުޑުގައި ފިޔަޖެހި ޒަމާނެވެ. ހިތަށް އެރިއެވެ. މަރަޑޯނާ ކިތަންމެ މޮޅަކަސް ސްކިލާޗީގެ ކުރިމަތީގައި ޖެހޭނީ ހަތިޔާރު ބަހައްޓާށެވެ. ސްކިލާޗީ ދަނޑުމަތީގައި ހުރެއްޖެނަމަ ލަނޑު ޖަހާނެއެވެ. އިޓަލީ މޮޅުވާނެއެވެ. ޖުލައި ތިންވަނަ ދުވަހު މެޗު ފަށައިފިއެވެ. ހަމަ ހީކުރިގޮތެވެ. މެޗުގެ ވަރަށް ކުރީކޮޅު ސްކިލާޗީ ލަނޑެއް ޖަހައިފިއެވެ. އެކަމަކު ފަހު ހާފުގެ ފަހު ބައިގެ ތެރޭގައި އާޖެންޓީނާގެ ކަނީޖިއާވެސް ލަނޑެއް ޖަހައިފިއެވެ. ނޮކައުޓް މެޗެއްވީމާ އެއްވަރުވެގެން ނުނިމޭނެތާއެވެ. ދެންޖެހީ ޕެނަލްޓީއެވެ. ހަތަރެެއް ތިނަކުން މޮޅުވީ އާޖެންޓީނާއެވެ. އިޓަލީ ކެޓީއެވެ. ހިތްހަލާކުނުވީ ކިރިޔާއެވެ. ޓީވީދޮށުގައި މެޗު ބަލަން އިނދެވުނީވެސް އިޓަލީގެ ޖާރޒީ ލައިގެންނެވެ.

ތަށީގެ ފުރުސަތު އިޓަލީއަށް ގެއްލުނީއެވެ. އެކަމަކު ސްކިލާޗީއަށް ފުރުސަތެއް އޮތެވެ. ރަންބޫޓާއި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑެވެ. އާޖެންޓީނާ ކޮޅަށް އޭނާ ޖެހި ގޯލަކީ ވޯލްޑްކަޕުގައި ސްކިލާޗީގެ ފަސްވަނަ ގޯލެވެ. އިތުރު އެއްގޯލް ޖަހައިފިނަމަ ޔަގީނުންވެސް އެންމެ ގިނަ ގޯލްޖެހުމުގެ ޝަރަފާއެކު ރަންބޫޓު ލިބޭނެއެވެ. ހަވަނަ ގޯލް ނުޖެހިއްޖެނަމަ ރަންބޫޓު ހިއްސާކުރަން ޖެހޭނީ ޗެކްސްލޮވާކިޔާގެ ޓޮމާޒް ސުކުރަވީޔާއެކުގައެވެ. އޭނާވެސް ވަނީ ފަސް ގޯލް ޖަހައިފައެވެ. ސްކިލާޗީއަށް ބާކީ އެއްމެޗު އޮތެވެ. އެއީ ތިންވަނަ ހޮވާ މެޗެވެ. އިންގްލެންޑާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. އެމެޗު އެކެއް އެކަކުން ނިމެންދަނިކޮށް ލިބުނީ ޕެނަލްޓީއެކެވެ. ޕެނަލްޓީ ޖަހަން ހަވާލުވެފައިވަނީ ބާޖިއޯއާއެވެ. އެކަމަކު ޓޮޕް ސްކޯރަރކަން ދިނުމަށްޓަކައި ބާޖިއޯ އެ ފުރުސަތު ސްކިލާޗީއަށް ދޫކޮށްލީއެވެ. ސްކިލާޗީ ޖެހި ޕެނަލްޓީޔާއެކު އޭނާއަށް ރަންބޫޓުވެސް ލިބުނީއެވެ. މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބުނީއެވެ.

ވޯލްޑްކަޕްގެ ރަންބޫޓު ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. ވޯލްޑްކަޕެެއް ނިމިގެންދާއިރު އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމަކީ އަދި އެއަށްވުރެވެސް އުނދަގޫ ކަމެކެވެ. ސަލްވަތޯރޭ ސްކިލާޗީ ވަނީ އިޓާލިއާ 90 ގައި މި ދެ އެވޯޑުވެސް ހޯދައިފައެވެ. މުބާރާތް ފެށުނުއިރު އޭނާއަކީ އެއްވެސް ބަޔަކު ދަންނަ މީހެއްވެސް ނޫނެވެ. އިޓަލީގެ ފޯވާޑް ލައިނުގައި އެއަށްވުރެ މާ ވިދުންގަދަ ތަރިން ތިއްބެވެ. ވިއާއްލީ އާއި ބާޖިއޯއެވެ. އެމީހުން ފަހަތަށް ޖައްސައި ސިސިލީއަށް އުފަން ސްކިލާޗީ މުޅި އިޓަލީގެ ތަރިއަކަށްވާނޭ ކަމަށް ހީކުރާނީވެސް ކާކުހެއްޔެވެ. ވޯލްޑްކަޕުގައި އެވަރަށް ގޯލާ ރައްޓެހިވެފައި ވޯލްޑްކަޕަށްފަހު އަނެއްކާވެސް ކުރިއެކޭ އެއްގޮތަށް ގޯލާއި ބީރައްޓެހި ފޯވާޑަކަށް ވެދާނޭ ކަމަށް ހީކުރާނީވެސް ކާކުހެއްޔެވެ. އެކަމަކު ކަންވީ އެހެންނެވެ. ވޯލްޑްކަޕަށްފަހު އިޓަލީއަށް އޭނާ ޖަހައިދިނީ އެންމެ ގޯލެކެވެ.

ޑިއޭގޯ މަރަޑޯނާމެން، ލޮތާރ މަތެއުސްމެން ފަދަ ތަރިން ކުޅުނު މުބާރާތެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީމާ ސަލްވަތޯރޭ ސްކިލާޗީގެ ކުޅުން އެފެންވަރުގައި އަދި އިތުރު މުބާރާތްތަކުގައިވެސް ފެންނާނޭ ކަމަށް ހީކުރީމެވެ. އެހެނަކުން ނުވިއެވެ. އޭނާ ވެގެންދިޔައީ އެންމެ މުބާރާތެއްގެ ސައިބޯނިބޮތްކަކަށެވެ. އެއީ ހަމައެކަނި އެއް މުބާރާތަށް ޕްރޮގްރާމް ކުރެވުނު ބޮޓެއް ފަދައެވެ. އޭނާ ގައުމީ ޓީމަށް އެފަހަރު ނެގީ ޔުވެންޓަސްގެ ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭގެފަހުން އިންޓަރއަށްވެސް ދުވަސްކޮޅަކު ކުޅުނެވެ. ކެރިއަރު ނިންމައިލީ 1997 ވަނަ އަހަރު ޖަޕާނުގެ ޖުބިލޯ އިވާޓާއޭ ކިޔުނު ކުލަބެއްގައެވެ. ސްކިލާޗީގެ ނަމަށް ނިސްބަތްކޮށްފައި ދުނިޔޭގެ ބައެއް ތަންތަނުގެ ކުޅުންތެރިންނަށް ވަނަން ކިޔައެވެ. ރާއްޖޭހެ ކުލަބް ވެލެންސިއާގެ ކުރީގެ ޑިފެންޑަރު އަލީ ރަޝީދަށްވެސް ސްކިލާޗީއޭ ކިޔައެވެ. ދެކުނު އެފްރިކާގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ސްޓީވެން ޕިނެއާރަށްވެސް ސްކިލާޗީއޭ ކިޔައެވެ.