ދުނިޔެ

ދުނިޔޭގެ ހަކަތައިގެ ބާޒާރު: ޔުކްރޭނުގެ ހަނގުރާމަޔާ ގުޅިގެން ގޭހުގެ އަގު އުފުލުނީ ކީއްވެ؟

އިމާދު ލަތީފު

ރަޝިޔާގެ ސިފައިން މިއަހަރުގެ ފެބްރުއަރީ މަހު ޔުކްރޭނަށް އަރައިގަތުމާ ގުޅިގެން ގުދުރަތީ ގޭހުގެ އަގު ވަނީ ބޮޑުތަނުން އުފުލިފައެވެ. ރަޝިޔާއަކީ ދުނިޔޭގެ މާރކެޓަށް އެންމެ ގިނައިން ގޭސް ނެރޭ އެއް ގައުމެވެ. ޔޫރަޕަށް މައިގަނޑު ގޮތެއްގައި ގޭސް ސަޕްލައިކުރަނީ ރަޝިޔާއިންނެވެ. ޔުކްރޭނުގެ މައްސަލައިގައި ރަޝިޔާއަށް ދަތިކުރުމަށް އެޅި ފިޔަވަޅުތަކުގެ ބަދަލު ހިފުމަށްޓަކައި ރަޝިޔާއިން ވަނީ ޔޫރަޕަށް ގޭސް ސަޕްލައިކުރުން ބޮޑު ތަނުން މަދުކޮށްފައެވެ. މިކަމާހެދި ޔޫރަޕްގެ ގައުމުތައް ވަނީ ގޭހަށް ޖެހިފައެވެ. އަގުތައް ވަނީ ކުރިއަށްވުރެ ދިހަ ގުނަ އުފުލިފައެވެ. ތިރީގައި ބަލައިލެވޭތޯ މަސައްކަތް މިކުރަނީ ދުނިޔޭގެ ހަކަތައިގެ ދާއިރާގައި ގުދުރަތީ ގޭހުގެ ދައުރަށާއި އެންމެ ގިނައިން ގޭސް ބޭނުންކުރާ ގައުމުތަކާއި އެކްސްޕޯޓްކުރާ ގައުމުތަކަށެވެ.

ދުނިޔޭގެ އިގްތިސާދަށް ގޭސް މުހިއްމުވަނީ ކީއްވެގެން؟

ދުނިޔޭގެ ކާރުޚާނާތައް މިހާރު ތަރުތީބުކުރެވިފައިވާ ގޮތާއި، އުފެއްދުންތެރިކަން އިންތިޒާމް ކުރެވިފައިވާ ގޮތާއި، ފަސޭހަ ފަހި ދިރިއުޅުން މާނަކުރެވޭ ގޮތަށް ބަލާއިރު ގުދުރަތީ ގޭހަކީ ވަކި ގައުމެއް އިސްތިސްނާ ވުމެއްނެތި އެންމެންވެސް އެއަށް ބަރޯސާކުރާ އެންމެ މުހިއްމު އެއްބާވަތެވެ. އެޔާނުލައި އުޅެވޭން ނެތް ބާވަތެކެވެ. އެހެންވީމާ ގޭހުގެ އަަގަށާއި އޭގެ ސަޕްލައިއަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު ދުނިޔޭގެ އިގްތިސާދަށް ފޯރާނެއެވެ. މިހާރު މުޅި ދުނިޔެ އިހުސާސްކުރަމުން މިދަނީ މިކަމުގެ އުދާސްތަކެވެ. ހުސްވި ދެހާސްއެކާވީސް ވަނަ އަހަރަކީ އޭގެ ކުރީ އަހަރަށްވުރެވެސް ގުދުރަތީ ގޭހުގެ ޑިމާންޑް ގާތްގަޑަކަށް ހަތަރު އިންސައްތަޔަށް އުފުލިގެން ދިޔަ އަހަރެކެވެ. އެކަމަކު ހަނގުރާމަޔާ ގުޅިގެން ގޭސް ބޭނުންކުރުން ބައެއް ރީޖަންތަކުގައި ވަނީ ދަށްވެފައެވެ. މަޖްބޫރުވެގެންނެވެ.

ގޭހަށް އެންމެ ބޮޑު ޑިމާންޑެއް އޮތީ ކޮންކޮންތާކު؟

ހުސްވި ދެހާސްއެކާވީސް ވަނަ އަހަރުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މުޅި ދުނިޔޭގެ ޑިމާންޑަކީ 4103 ބިލިޔަން ކިއުބިކް މީޓަރެވެ. މީގެ ތެރެއިން އެންމެ ބޮޑު މިންވަރެއް ބޭނުންކުރީ އެމެރިކާޔާއި ކެނެޑާ ހިމެނޭގޮތުން އުތުރު އެމެރިކާއިންނެވެ. އެއީ 1084 ބިލިޔަން ކިއުބިކް މީޓަރެވެ. ޗައިނާއާއި ޖަޕާނާއި އިންޑިޔާ ހިމެނޭގޮތުން އޭޝިއާ ޕެސިފިކް ރީޖަންގެ ޑިމާންޑަކީ 895 ބިލިޔަން ކިއުބިކް މީޓަރެވެ. ޖަރުމަނީއާއި ފްރާންސާއި އިނގިރޭސިވިލާތް ހިމެނޭގޮތުން ޔޫރަޕުގެ ޑިމާންޑަކީ 604 ބިލިޔަން ކިއުބިކް މީޓަރެވެ. މީގެ ތެރެއިން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ޔޫރަޕާއި އެމެރިކާގައި ޑިމާންޑް ދާނީ ދަށަށެވެ. އެކަމަކު އެހެން ރީޖަންތަކުގައި ޑިމާންޑް ދާނީ މައްޗަށެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ގާތްގަޑަކަށް އިތުރު 140 ބިލިޔަން ކިއުބިކް މީޓަރަށް ޑިމާންޑް އުފުލޭނެއެވެ.

އެންމެ ގިނައިން ގޭސް އެކްސްޕޯޓްކުރަނީ ކޮންބައެއް؟

ގުދުރަތީ ގޭސް އުފައްދާ ގައުމުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު މުޅި ދުނިޔޭގެ އުފެއްދުމުގެ 73 އިންސައްތަ ހިއްސާކުރަނީ އެންމެ ދިހަ ގައުމުންނެވެ. އެންމެ ގިނައިން ގޭސް ބޭނުންކުރާ ގައުމުކަމަށް ވުމުގެ އިތުރަށް އެންމެ ގިނައިން ގޭސް އުފައްދާ ގައުމަކީވެސް އެމެރިކާއެވެ. އެގައުމުން އަހަރަކު 935 ބިލިޔަން ކިއުބިކް މީޓަރުގެ ގޭސް އުފައްދައެވެ. އެއީ މުޅިދުނިޔޭގެ އުފެއްދުމުގެ 23.1 އިންސައްތައެވެ. އެމެރިކާގެ އުފެއްދުމުގެ ބޮޑުބައެއް ބޭނުންކުރަނީވެސް އެމެރިކާގައެވެ. އެވަރުން ނުފުދިގެން އެމެރިކާއަށް އެތެރެކުރާންވެސް ޖެހެއެވެ. ރަޝިޔާއަކީ މުޅިދުނިޔޭގައިވެސް އެންމެ ގިނައިން ގޭސް އެކްސްޕޯޓްކުރާ ގައުމެވެ. ރަޝިޔާގެ މިންވަރަކީ އަހަރަކު 702 ބިލިޔަން ކިއުބިކް މީޓަރެވެ. އެއީ މުޅި ދުނިޔޭގެ ޖުމްލައިގެ 17.4 އިންސައްތައެވެ.

އީރާނަށް ލިބުނީ ކޮން އެޑްވާންޓޭޖެއް؟

ޔުކްރޭނުގެ ހަނގުރާމަޔާއި ރަޝިޔާއާ ދެކޮޅަށް އެޅުނު ދަތިކުރުންތަކުގެ މަންފާ އެންމެ ބޮޑަށް ކުރި ގައުމަކީ އީރާންކަމަށް ފެނެއެވެ. ރަޝިޔާގެ ގޭހަށް ބަރޯސާކުރުން ކުޑަކޮށް އެހެން ހިސާބަކުން ޔޫރަޕަށް ގޭސް ގެންނަކަމަށް ވެއްޖެނަމަ އެންމެ ގާތުން އެންމެ ގިނައިން ގެނެވެން އޮތީ އީރާނުންނެވެ. ޔޫރަޕުގެ ޑިމާންޑާ އެއްވަރަށް ސަޕްލައި ކުރެވެން އޮތީވެސް އީރާނަށެވެ. ކަންދިމާކުރި ގޮތުން އީރާނަކީ ނިއުކުލިއަރ މައްސަލައިގައި އެމެރިކާ އިސްވެ އޮވެގެން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާ ގައުމެކެވެ. ޔޫރަޕަށް ބޭނުންވާ ގޭސް އީރާނަށް ސަޕްލައިކޮށްދެވޭނީ އީރާނަށް ލުއިތަކެއް ދީގެންނެވެ. އީރާން ބޭނުންވާ ކަންކަން ކޮށްދީގެންނެވެ. އެހެންވީމާ މިހާރު އެފެންނަނީ ޔޫރަޕުން އެދިގެން އީރާނަށް ލުއިދޭން މަސައްކަތްކުރާ މަންޒަރެވެ.

އީރާން ބޭނުންވާ ގޮތަށް ނިއުކުލިއަރ މަޝްވަރާތައްވެސް ބައްޓަންކުރެވި އެ މައްސަލަޔަށް ހައްލު ލިބޭންއުޅޭ މަންޒަރު މިހާރު އެބަފެނެއެވެ. އެމެރިކާޔާއި އިޒްރޭލުން ހަރުކަށިކަމާއި ނޭއްގާނިކަން ކުޑަކުރުމަށް މަޖްބޫރުވެގެން އުޅޭ މަންޒަރު އެބަފެނެއެވެ. މިއީ ހާލަތުގެ ގޮތުން އީރާނަށް ލިބުނު ވަރަށްވެސް ބޮޑު އެޑްވާންޓޭޖެކެވެ. އީރާނަކީ ދުނިޔޭގައި ތިންވަނަޔަށް އެންމެ ގިނައިން ގުދުރަތީ ގޭސް އުފައްދާ ގައުމެވެ. އެއީ އަހަރަކު 258 ބިލިޔަން ކިއުބިކް މީޓަރެވެ. މުޅި ދުނިޔޭގެ އުފެއްދުމުގެ ގާތްގަޑަކަށް ހަތް އިންސައްތައެވެ. ގަތަރަކީވެސް ގޭހުގެ މާރކެޓްގައި ވަރަށް ފުންނާބު އުސް ގައުމެކެވެ. ގަތަރުގެ މިންވަރަކީ އަހަރަކު 177 ބިލިޔަން ކިއުބިކް މީޓަރެވެ. ސައޫދީ އަރަބިޔާގެ މިންވަރަކީ އަހަރަކު 117.3 ބިލިޔަން ކިއުބިކް މީޓަރެވެ. އަލްޖީރިޔާގެ މިންވަރަކީ 101 ބިލިޔަން ކިއުބިކް މީޓަރެވެ.