ވާހަކަ

ފިނިމެންދަމަކުން 11

5

ރޭރޭގެ މެންދަންތަކުގައި ނިސްރީނު ތަހައްމަލު ކުރަމުންދިޔަ އިންތިހާއަށް ހުތުރުވެގެންވާ ވޭނާއި ލަދުވެތިކަމުގެ ހައްދެއްނެތް ބިރުވެރިކަމުން ފުރިފައިވާ ކަންތައްގަނޑު އޭނާއަށް އެނގިހާމަވުމުން އެކަމާ ދެކޮޅަށް ތެދުވާނެ ހިތްވަރެއްވެސް އެފަކީރަކަށް ނުލިބުނެވެ. ފިރިމީހާގެ އަޅުވެތިކަމުގައި ހުދު އޭނާއަށް ނޭނގި ނަމަވެސް އޮތީ ބަރާބަރަށް ބައިވެރިވެވިފައެވެ.

"ހަސަނާ....އަހަރެން ތިގޮތަށް ވިޔަފާރިއަކަށް ބޭނުން ކުރީ ކީއްވެ؟"

ނިސްރީނަށް ހަގީގަތް އެނގުނީ އަހަރުވެސް ވީފަހުންނެވެ. ކޮންމެ ހަނދުމަހެއްގެ ތޭރަ، އިން ފެށިގެން އަށާރައާ ހަމައަށް އޭނާގެ ހަށިގަނޑު ބޭނުން ކުރެވެމުން ދިޔަ ގޮތް އެނގުނީ ހަސަންތަކުރުގެ ރޭއަޅުކަމުގެ ސިއްރު ހާމަވި ރޭގައެވެ.

އެރޭ ނިސްރީނު ގޭގެ ފުރަގަހުގައި ހުންނަ އެބޮޑު މާލަމަށް ދިޔައި ހަސަންތަކުރު ކުރާ ކަމެއް ބަލަން ބޭނުންވާތީއެވެ. ވޭތުވެދިޔަ ދެމަހެއް ތެރޭ ހަސަންތަކުރު ކުރިއާ ހިލާފަށް ރޭ އަޅުކަން ކުރުން ގިނަވެފައި ވާތީ އެކަމާ ނިސްރީނު އެތައް ސުވާލެއް ކުރުމުން ވެސް އޮތީ ޖަވާބު ނުލިބިއެވެ. އެންމެ ފަހުން ރޭގައި ނިސްރީނުގެ އަމިއްލަ ކަންފަތަށް އަޑު އިވި އޭނާގެ ދެލޮލަށް ފެނުމުން ދެން އިތުރަށް ނިސްރީނު ކުރާނެ ސުވާލެއް ނެތް ވަރަށް ފުރިހަމައަށް ޖަވާބު ލިބުނީއެވެ. ނިސްރީނަށް ހޭލެވުނީ ގިފިއްޔަކަށް ދާން ޖެހިގެންނެވެ.

މިގޭގައި ތަނަވަސްކަން ހުރުމުން މިކޮޓަރީގެ ތެރެއިން ވަޅު ކޮޓަރިއަށް ނުކުމެވެއެވެ. ފާހާނާތަށި ހުންނަ މަދު ގޭގޭގެ ތެރޭގައި މިގެއަކީ އެންމެ ފުރަތަމަ ފާހާނާ ބެހެއްޓުނު ގެއެވެ. ތިރީތަށްޓަކަށް ވާތީ އިށީނުމަށް ފަސޭހައަކަށް އެދިމާލުން ދަނޑިން ހަރެއް ހަދާފައި ހުރެއެވެ. ދެފަރާތުގައި ވަކަރުން ތަނބުޖަހައި ޓިނުކޮޅަކުން ހިޔާކޮށްފައި ހުންނައިރު، ފެންވަރާ ވަޅުގެ އެއްބައި މިފަޅިއަށް ވާގޮތަށް ބޭރު ގިފިލީ ވަޅު ތެރެއިން މެދާހަމައަށް ރާނާފައި ހުންނަ ފާރަކީ މިވަޅުކޮޓަރީގެ އިންފާރެވެ.

ގިފިލިން ނިމި، ތާހިރުވުމަށް ވަޅުން ނަގާފައި ހުރި ފެން ހުސްވުމުން ބާލިދީ ފުރާލުމުގެ ނިޔަތުގައި ނިސްރީނު ކައިރިވެލީ ވަޅު ދޮށަށެވެ. ދާނި ވަޅަށް ތިރިކޮށްލަން ފަރިވެލި ވަގުތު ހަސަންތަކުރުގެ ގިސްލުމުގެ އަޑު އިވިފައި ނިސްރީނު ހައިރާންވެއްޖެއެވެ. އެގޮތަށް ހުންނަ ވަޅުގެ ތެރެއަށް ކުޑަކޮށް ގުދުވެލުމުން އަނެއް ފަރާތުން ދައްކާ ވާހަކަ ވަރަށް ސާފުކޮށް އިވޭނެއެވެ. ނިސްރީނަށް އިވުނީ އޭނާގެ ފައިދަށުން ބިންގަނޑު ދަމައިގެން އޭނާ އެބިމާއެކު އެއްލާލެވުނު ފަދަ ވާހަކައެކެވެ.

"ދަރިފުޅަކު ލިބުމަށް މިއަޅާ ނުހަނު ބޭނުން.... ނިސްރީނު ބަލިވެ އިންނާނީ ކޮން އިރަކު ކަމެއް ނޭނގޭ. އެއްއަހަރު ވެއްޖެ.... އަދިވެސް އެއްވެސް އަލާމާތެއް ނުފެނޭ..... ކޮންމެ ފިނިހަނދުވަރަކު އޭނާ ގެންދެވޭ.... އޭނާގެ ބަނޑުން ކަލާނގެ ދަރިފުޅަކު ލިބުމަށް މިއަޅާ ބޭނުންވާވަރު އެނގޭނެ..... މިހުރިހާ ކަމެއް ބަރާބަރަށް ކުރަމުން އަންނައިރުވެސް އަދިވެސް މިއަޅާއަކަށް ތަރައްގީއެއް ނުލިބޭ..... އަތޮޅުވެރިކަމަށް އެހެން މީހަކު އަރަން ބޭނުން ނުވާތީ އެމަގާމަށްޓަކައި މިއަޅާ ހުރިހާ ޝަރުތަކާ އެއްބަސްވީން. އަދި ތަނަވަސްކަމާއި ބާރުގެ އެންމެ ފުރިހަމައަށް ލިބެން ޖެހޭނީ އަޅުގަނޑަށް.... ފާލުބަލުވާ މީހުންނާއި ރަމަލު ޖަހުވަން އަންނަ މީހުންގެ ހިތާއި ސިކުނޑީގައި އިބަގެ ތަސްވީރު އަށަގެންނެވުމަށް އަޅުގަނޑު ކުރާ މަސައްކަތް އިބައަށް ނުލާހިކު ރަގަޅަށް އެނގޭނެ..... މިހުރިހާ ކަމެއް މިހެން އޮއްވައި އިބަ ނިސްރީނުގެ މަގާމަށް އެހެން މީހަކު ގެންނަން ތިނިންމެވީ ކޮންގޮތަކަށް ކީއްވެގެންތޯ؟"

ނިސްރީނަށް ހީވީ އޭނާގެ ވައިނޮޅީގައި ހިފާ ދަމައިގަތްހެނެވެ. އަރުތެރޭގައި ނޭވާ އާއި އަޑު ތާށިވެއްޖެއެވެ. ހަސަންތަކުރު އެވާހަކަ ދައްކަނީ އިންސާނަކާ ނޫނެވެ. ވަޅުގެ ފެންގަނޑު ތެރެއިން އަނެއް ފަޅީގެ އުނޑާ ދިމާލުން ފެންނަން ހުރި ދިހަވިލާރޭގެ ފަޅިހަނދާއި ތަރިތަކުގެ ހިޔަނީގެ ތެރެއިން ވަޅުގެ ތުންފަަތް މަތީ އިށީނދެގެން އިން އެމަހުލޫގު ހިޔަނި ނިސްރީނަށް ހަމަ ސާފުކޮށް ފެނުނެވެ. ދުއްވައިގަންނަންވީ ކަމެއް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަންނަންވީ ކަމެއް ނިސްރީނަކަށް ނޭނގުނެވެ.

މިއޮއް ހުރިހާ ދުވަހު، އެތައް ރެއަކު އޭނާގެ ހަށިގަނޑުގެ ބޭނުން ކުރަމުން އައީ ޖިންނި ޝައިތާނުންތަކެއްކަން އެނގުމުން އޭނާގެ ހޭބުއްދި ފިލާ ނުދިޔައީ ހަމަކިރިޔާއެވެ. އޭނާއަކީ ޝައިތާނާއަށް ހިބަކުރާނެ އިންސާނީ ނަސްލުގެ ދަރިއަކު ތައްޔާރު ކުރުމަށް ގެނެވިފައި އިން މެޝިނެއްކަން އެނގުމުން ވަށައިގެން ދުނިޔެވެސް އެނބުރިގަތް ހެން ނިސްރީނަށް ހީވިއެވެ.

"ތަކުރާާ.... ސިއްރު ސިއްރެއްގެ ގޮތުގަ ނެތި ފާޅުވެއްޖެ..... ނިސްރީނު މިތަނުގައި އެބަހުރި...."

ހުތުރު އަޑެއް ނޫނަސް ބުން އަޑެކެވެ. ހީވަނީ ފުޅިއަކަށް ފުމެމުން ވާހަކަދެއްކިހެނެވެ. ނިސްރީނަށް މިއަޑު އިވުމާއެކު އަވަހަށް ފަހަތަށް ޖެހިލެވުނެވެ. އަނދެގެން ހުރި ކަޑިކިބުރިން ދެދަރުޖަހައިގެން އަޅައިތިކޮށް ދުއްވައިގަންނަން ކަމަށް ހީކޮށްލިނަމަވެސް ނިސްރީނުގެ ފަޔަކަށް ވަރެއްނައެވެ.

ހިތަށް އަރައި ފޭބި އެތައްހާސް ސުވާލުތަކާއި ޝަކުވާ ފުނިވަރުގެ ތެރެއިން ނިސްރީނަށް ލޯމަރާލެވުނެވެ. މިނިޓެއްހާ އިރުވެސް ނުވާނެއެވެ. ދާދިގާތުން މީހެއްގެ ހިލަމެއްވިހެން ހީވެގެން ނިސްރީނު ލޯ ހުޅުވާލިއެވެ. އޭރު އޭނާގެ ލޮލުން ބިރާއި ހާސްކަމުގެ ހޫނުކަމާއެކު ކަރުނަ ފާއްދާލާފައިވެއެވެ.

"ނިސްރީނު... މިމެންދަމު އެކަނިމާ އެކަނި ގިފިއްޔަށް އައީޔޯ...؟"

ހަސަންތަކުރު ހުރީ ނިސްރީނާ ހަމަ ގައިގަ ޖެހި ނުޖެހޭހާ ގާތުގައެވެ. ނިސްރީނަށް ކޮންތަނަކުން ކިހިހިނެއް ލިބުނު ހިތްވަރެއް ކަމެއް ނޭނގެއެވެ. އޭނާ ހަސަންތަކުރުގެ ދުލުން އަޑު އަހަން ބޭނުންވަނީ ސަބަބެވެ. އެވަރު ބިރުވެރިކަމާއި ނުރައްކާތެރިކަމުގެ ތެރޭގައި އަމިއްލައަށް އުޅެމުން އަދި ނުވިތާކަށް އެޔަށް އޭނާވެސް ބައިވެރި ކުރަން ޖެހުނު ސަބަބަކީ ކޮބައިތޯއެވެ.

"ހަސަނު އަހަރެންގެ ބޭނުން ތިގޮތަށް ހިފަން ޖެހުނީ ކޮންކަމަކާ ހެދި؟"

ނިސްރީނުގެ އަޑުގައި ކަރުނައިގެ އަސަރު ހުއްޓެވެ. ހިތްދަތިވާނެ ނޫން ހެއްޔެވެ. އޭނާ މިމީހާއާ ކައިވެނި ކުރީ ބޭނުންވެގެން ލޯބިން ނޫން ކަމަކީ ހަގީގަތެކެވެ. އެހެންނަމަވެސް ކައިވެންޏަށްފަހު ހަމަގައިމުވެސް ނިސްރީނު އަންބެއްގެ ލޯބި ބަރާބަރަށް މިމީހާއަށް ދިނެވެ. ތެދުހިތުން އަމާނާތްތެރިކަމާއެކު މިމިހާގެ މުދަލާއި ގެދޮރަށް ކަމޭ ހިތައި ބަލަހައްޓައެވެ. ފަހަރެއްގައިވެސް ހުވަފެނުންވެސް މިފަދަ ކަމެއްގެ ހިޔާލުވެސް އޭނާއަކަށް ކުރެވިފައެއް ނެތެވެ.

ހަސަންތަކުރަކަށް ނިސްރީނަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އެހެންނަމަވެސް އޭނާއަށް ނިސްރީނަށް ޖަވާބު ދޭން މަޖުބޫރެވެ. އިތުރަށް އެއްވެސް ކަމެއް ކުރެވޭނީ ނިސްރީނުގެ އެއްބާރުލުން ލިބިގެންނެވެ. ހަސަންތަކުރު ނިސްރީނުގެ ދެކޮނޑުގައި ހިފައި އޭނާއާ ވީ ފަރާތަށް ނިސްރީނުގެ މޫނު އަނބުރާލިއެވެ. އަދި ނުހަނު ލޯތްބާއެކު އަދި އެހާމެ ލަދުގެންފައިވާ އަޑަކުން ވާހަކަ ދައްކަންފެށިއެވެ.

"މިއީ އަހަރެމެންގެ ކާބަފައިންގެ ފަރާތުން ރަސްމަތިމަތިފުށުން އައިސްފައިވާ ކަމެއް. ބޮޑު ސިއްރެއްވެސްމެ. ނިސްރީނަށް އެނގޭނެ އަހަރެންގެ ބައްޕައަށްފަހު ކަތީބުކަން ހަވާލު ކުރެވޭނީ މަށާ. އެކަމަކު އަހަރެންގެ ވިސްނުން ހުރީ އެއަށްވުރެ މާދުރުގައި. ކަތީބުކަމަށްވުރެން އަތޮޅުވެރިކަން އަަހަންނަށް މާމުހިންމު. ބޭނުންވެސްވަނީ އެކަން. އަހަރެންގެ މުނިމުނިމާމައަކީ ފަންޑިތަ ސިހުރުގެ ބޮޑެއް. ބުނެވޭ ގޮތުގައި މުނިމުނިމާމަ ގެންގުޅުނު ފޮތެއް އޭރުގެ ރަދުންނަށް ފެނިވަޑައިގެން މާމައަށް އަދަބު ދެއްވުމުގެ ގޮތުން ހުރަގޭގައި ބަންދު ކުރެވުނީ. މާމަ ނިޔާވީ ހުރަގޭގެ ހިލިހިލާގައި ވަރަށް ހާލުގައި އޮވެފައި ކަމަށްވަނީ. މާމަގެ އުނަގަނޑުން ތިރި އެއްކޮށް މަރުވެކުނިވެފައި އެހެން އޮންނަތާ އެތައް ދުވަހަކަށްފަހު މާމަ ނިޔާވީ. ރަދުން އެހާއްސަ ފޮތް ނައްތާލެއްވުމަށް ކަނޑުފެއްތެވީ ކަމަށްވަނީ. އެހެން ނަމަވެސް ފޮތުގެ ބަނޑޭރިގަނޑު މާމަ ކޮންމެވެސް ގޮތަކަށް ރައްކާ ކުރެއްވި، އެބަނޑޭރިގަޑު ލިބުނު މީހަކަށް ގައުމުގެ ވެރިކަން މާނައަކީ ރާއްޖޭގެ ވެރިކަން ލިބޭނެ ކަމަށް މާމަ ބުނެފައި އޮވޭ. އެކަމަކު މާމަ އޭތި ރައްކާކުރި ތަނުން އެނެގުމަކީ ފަސޭހަ ކަމެއް ނޫން. އަހަރެން އެހިސާބަށް ދާން ބޭނުންވާތީ ނިސްރީނާ އިނީވެސް. އަހަންނަކީ ޝައިތާނާގެ ދަރިވަރަކީމު...."

ހަސަންތަކުރު ފުންނޭވާއެއް ލަމުން ވާހަކަ މެދުކަނޑާލިއެވެ. ނިސްރީނަށް ހަސަންތަކުރުގެ ފަހު ޖުމްލަ އަދި ފަހު ބަސްތައް ނިސްރީނުގެ މުޅި ހަށިގަނޑަށް ފިނިގަނޑެއް އަރައިގެން ދިޔައެވެ. މާތްކަލާކޯއެވެ. މިއީ ކޮންފަދަ ކަންތައްތަކެއް ހެއްޔެވެ.

"އަހަރެން ޝައިތާނާއާ ބައްދަލުވާން އެތައް މަސައްކަތެއް ކުރަން ޖެހުނު. އަހަރެން އެތައް އެތައް ގުރުބާނީއެއް ވުމަށްފަހު ދެން މިއަދު މިމަސައްކަތް ހުއްޓާލާނީ ކިހިނެއް؟"

ހަސަންތަކުރު އެއުފެއްދި ސުވާލަށް ނިސްރީނު ދޭނީވެސް ވަކި ކޮން ޖަވާބެއް ހެއްޔެވެ.

ހަސަންތަކުރު ކިޔައިދިނީ ހުރިހާ ވާހަކައެއް ތަފުސީލުކޮށް ނޫން ނަމަވެސް ނިސްރީނަށް އެހުރިހާ ވާހަކައެއް ފަހުމުވިއެވެ. ހަސަންތަކުރު ސިހުރު ދަސްކުރީ ކަރައަށް ކިޔަވަން ފޮނުވާލާފައި ހުރިތަނުގެ ފައްޅިއަކުން ބައްދަލުވި ފާދިރީއެއްގެ ގާތުންކަމަށް އޭނާ ބުންޏެވެ. ރަމަންނާތުރާމްބާބާގެ ފަރާތުން ދަސްވި އެއްޗެއްގެ ބޭނުން ހަސަންތަކުރަށް ހިފުނީ ވަރަށްވެސް ބޮޑަށް އެކަމަށް ބޭނުން ޖެހުނު ދަނޑިވަޅެއްގައެވެ. ހަސަންތަކުރު ތައްހާނު ލައްވައި ރީތި އަންހެނަކު ހޯދީވެސް މިމުހިންމު މަސައްކަތަށްޓަކައެވެ.

ޝައިތާނާގެ އަމުރަށް ބޯލެނބުމުގެ ގޮތުން ޝައިތާނާގެ އެންމެ ބާރުގަދަ ފަރާތްތަކަށް ނިސްރީނު ވަކިރޭތަކެއްގައި ގެންދަނީ އެފަރާތްތަކަށް ނިސްރީނު އިންތިހާއަށް ކަމުދާތީއެވެ. އަދި މިހާރު އެންމެން އެއިންތިޒާރު ކުރަނީ ނިސްރީނު ބަލިވެ އިނދެ، ވިހާނެ ދަރިފުޅު އެއީ ޝައިތާނާއަށް ހިބައިން ގުރުބާންކޮށްލެވޭނޭ ދަރިއެއްކަން އެނގޭތީއެވެ. އަދި ހަމައެހެންމެ އެއީ ހަސަންތަކުރުގެ އެތަކެއް އުއްމީދުތަކެއް ފުރިހަމަކުރުމަށް އެހީވާނެ ފަރާތަކީވެސް އެއީއެވެ.

ނިސްރީނަށް ހަސަންތަކުރުގެ ބޮލުގައި ބެއިންދޭނެ ރަންތާޖާއި ތަހުތުގެ އިތުރަށް ދާދި ގާތުގައި ތަހުތުގެ އަނެއް ފަރާތުގައި ޝާހީ ބާނދީންނާއި އުލާމުންގެ ހިދުމަތް ލިބިލިބި އިންނާނޭ ރާނީކަމަނާގެ މަގާމަށް ދަހިވެތިވުމަށް މާގިނަ އިރުތަކެއް ނުނެގިއެވެ. އިންސާނުންގެ އެންމެ ބޮޑު ބަލިފަޔަކީ އެއީއެވެ. ދުނިޔެ ހޯދުމަށް އެމީހުން ކޮށްފައި ނުކުރާނެ ހަމަ އެއްކަމެއްވެސް ނޯންނަނީއެވެ. އަދި ހައްދެއް ހުދޫދެއްވެސް ނޯންނަނީއެވެ.

"އަނހާ..... މިއިނީ ރަށުގެ ރޫހެއްނު.... ހައްވާގެ ތެލިފޯނު...... މިއަދު މިގޭ އޮޅީގަ ކޮން ހަބަރެއް ކިޔާ ދުވަހެއްތަ؟ ދައިތަ އަންނަ ދުވަސް އަދި ގާތެއް ނުވެއެއްނު... އަދި ދެހަފުތާ އެއްހާ ވަރު އެބައޮތެއްނު...."

މެދުގޭތެރޭ ދޮރުފޮތި ހިއްލާލާފައި އެތެރެއަށް ވަނީ ނިސްރީނު ހަސަންތަކުރާ އިނދެގެން މިރަށަށް އައިއްސުރެ ނިސްރީނުގެ އެންމެ ގާތް އެކުވެރިޔާ ނަލަކަތްދައިދި، ނަލަކަދީދިއެވެ. ނަލަކަދީދިއަކީ މިރަށު މުދިންގޯތީ ބަޝީރުގެ އަލަތު އަނބިމީހާއެވެ. ނަލަކަދީދިގެ ނަމުގެ ކުރިއަށް 'ނަލަ' އައިސްފައި ވަނީ ހަމަ އެއްވެސް ސަބަބެއް ނެތި ނޫނެވެ. ކަދީއަކީ ގެވެހިކަމާއި ހީވާގިކަމުގެ އެއްވަނައެވެ. ލޫޅާފަތިކަމާއި ހިންގުންތެރިކަމާއި ހިތްހެޔޮކަމުގެވެސް ނަމޫނާއެކެވެ. މީރުކޮށް ކެއްކުމާއި ރިވެތިކޮށް މާޖެހުމާއި ހެދުންތައްޔާރުކޮށް، ބޯވަޅުއަޅައި ކަސަބުއެޅުމުގެ މަސައްކަތްވެސް ކުރެއެވެ. އެންމެ ހާއްސަކަމަކީ ނަލަކަދީގެ ފިރިމީހާ ދޮންމޫސުއާ އެއޮންނަ ލޯބިވެތި، ރަކި ގުޅުމެވެ. އިނދެގެން ދިހަ ބާރަ އަހަރުވީއިރުވެސް ނަލަކަދީ އާއި ދޮންމޫސުގެ ދަރިންނެއް ނެތެވެ. އެހިތާމަ އެމީހުން ފިލުވަނީ އަވަށްޓެރިންނާއި ތިމާގެ މީހުންގެ ދަރިންނާ ގާތްކަން ބާއްވައި އެކުދިންނަށް ލޯބި ބަހައިގެންނެވެ.

އަންވަރީއަށް ނަލަކަދީ ފެނުމުން ފާޑެއްގެ ގޮތެއް އަނގައަށް ހަދާލެވުނެވެ. އަންވަރީއަކީ މުޅި ރަށުގައި އެހެން މިހެން ހިނގާ ބިނގާވެ ވާހަކަ އުފުލުމުގައި އުޅޭ މީހަކަށްވިޔަސް އޭނާގެ ބޭކެނބިކަމުގެ ހުނަރާއި އެމަސައްކަތުގެ ސަބަބުން މީހުންނަށް އޭނާއަށް ހާއްސަ ގޮތެއް ބަހައްޓަން މަޖުބޫރުވެއެވެ. އެހެންނަމަވެސް ނަލަކަދީއަކީ އަދި މިހާތަނަށް އަންވަރީގެ އެއްވެސް ބޭނުމެއް ޖެހިފައި ނެތް މީހެއް ކަމުން ބައެއް ފަހަރު އަންވަރީއާ ދިމާއަށް ސީދާ އެހެން މީހުންނަށް އަންވަރީގެ މޫނުމަތީގައި ބުނަން ނުކެރޭ ބަސްތައް ނަލަކަދީއަށް ބުނެލަން ކެރެއެވެ. މިކަމާ ނަލަކަދީއާމެދު އަބަދުވެސް އަންވަރީގެ ހިތުގައި ހަސަދައޮވެއެވެ. އަމުދުން ނަލަކަދީގެ ޗާލުކަމާއި ދޮންމޫސަގެ ފިރިހެންވަންތަކަމާ ގުޅުވާލީމަ އެފެންނަ ގާތްގުޅުމަށް އަންވަރީ ހަސަދައިގެ ދެލޯއަޅައެވެ.

ނިސްރީނުގެ ބަނޑުގައި ރިއްސައިގަތީ ކުއްލިއަކަށެވެ. އޭރު ނަލަކަދީ ހުރީ ނިސްރީނަށް ދުންގަނޑެއް ތައްޔާރުކޮށްލަދޭށެވެ. ބަދިގެއިން ގެނައި ސިލުނބަށް ފުމެމުން ގުޑުގުޑާ ތައްޔާރުކޮށް ނިންމާލިތަނާހެން ވޭންވަރު އަތުވެއްޖެކަމުގެ ބަސް އަންވަރީ ދީފިއެވެ. ނަލަކަދީ ދުއްވައިގަތީ އަންވަރީގެ ގެއިން ފޫޅުމާފޮށި ގެނައުމަށެވެ. އެތެރެގޭތެރެއިން ނުކުތް ވަގުތު ވަލުފަރާތުން އައިސް މިފަރާތަށް ނުކުތް ހަސަން ތަކުރު ފެނިފައި "ހަސަނާއޭ، އެއޮއް ނިސްރީނު ވިހަނީއޭ. މަމިދަނީ ފޮށިބަލައޭ." ގޮވަމުން ނަލަކަދީ ގޯތިތެރެއިންލާފައި ދުއްވައިގަތެވެ.

ހަސަންތަކުރަށް ހީވީ އޭނާގެ ވަށައިގެން އެކިކުލަކުލައިގެ ބޮކިތައް ދިއްލިގަތީހެނެވެ. އެވަގުތު އެހުރި ދިމާލުން ބޭރަށް ގޯތި ތެރޭގައި ހުރި ބޮޑު ބިޔަ ބަނބުކެޔޮ ގަހާދިމާއަށް ހަސަންތަކުރު ބަލާލީ ކޮންމެވެސް މީހަކު އެތަނުން ފެނިގެން ކަހަލައެވެ. ގަހުގެ މަތީގައި ހުރި މައި ގޮފިގަނޑާ ދިމާއަށް މާނަފުން ނަޒަރަކުން ބަލާލިވަގުތު އެދިމާލުގެ ފަތްތަކުގެ ތެރެއިން ދިއްލިފައިވާ ދެލޯ ފެނިއްޖެއެވެ. އެދެލޯ ހަރަކާތްތެރިވަމުން ބޭރަށް ޖެހެނީ ކަހަލައެވެ. ހަސަންތަކުރު އިޝާރާތުން ކޮންމެވެސް ވާހަކައެއް ބުނެލީ ކަހަލައެވެ. އެދެލޯ ހަރަކާތް ކުރުން ހުއްޓާލައިފިއެވެ. އަދި އަނެއްކާވެސް ފަތްތަކުގެ ފަހަތަށް ވަދެ ގެއްލިއްޖެއެވެ.

ހަސަންތަކުރަށް ލިބުނީ އޭނާ ބޭނުންވިހެން ރީތި، ސަމައްތަރުހެޔޮ ފިރިހެން ދަރިފުޅެކެވެ. ފެށުނީއްސުރެން މިދަރިފުޅު ބޮޑުވަމުން އައީ ހަސަންތަކުރުގެ ތަމްރީނުތަކުގެ ތެރޭގައެވެ. ރަށުތެރޭގައި ކޮންމެވެސް ވަރަކަށް މީހުން ވާހަކަތައް ދައްކާ ހެދިއެވެ. އެހެންނަމަވެސް އެއްވެސް ބަޔަކަށް ހަގީގަތަކީ ކޮބައިކަމެއް، ވަމުން ދަނީ ކީއްކަމެއް ނޭނގެއެވެ. އަތޮޅު ބޮޑުކަތީބުގެ އުމުރުގެ ފަހުކޮޅުގައި އޭނާއަށްފަހު ކަތީބުކަން ހަވާލު ކުރެވޭނީ ހަސަންތަކުރަށް ކަން އެންމެނަށް އޮތީ އެނގިފައެވެ. އެހެންނަމަވެސް ހަސަންތަކުރު އެކަމަށްވުރެ ފާރަވެރިވެ ދަހިވެފައި ހުރީ އަތޮޅުވެރިކަމަށެވެ.

ހަސަންތަކުރާއި ނިސްރީނުގެ މިރޭވުންތެރި ކުޅިވަރުގެ ތެރޭގައި އެމީހުން ޝައިތާނުންނާއެކު ހެދި އެއްބަސްވުމެއް ނޫނީ ކުޅެމުން ދިޔަ ކުޅިވަރެއް ދެނެހުރި އެކަކުވެސް ނެތެވެ. އެންމެ މީހަކު ފިޔަވައެވެ. އެއީ އެމީހުންނަށް އެކަން ސިއްރު ކުރެވޭނެ ފަދައެއް ނެތް މީހެކެވެ. އެމީހާއާ ނުލައި އެފަދަ ކަމެއް ނުކުރެވޭނޭ ހަމައެކަނި މީހަކަށް ހުރީ އަންވަރީއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އަންވަރީއަށް މަތިމަތިފުށުން ވާރުތަވަމުން އައިސްފައިވާ ސިހުރުވެރިކަމުގެ ހުނަރަކީ އެކަކަށްވެސް އެކަމަކާ ކުރިމަތިލާން ކުޅަދާނަވާ ވަރުގެ ކަމެއް ނޫނެވެ. އަންވަރީގެ މަންމަ ފޫޅުމާމަރިޔަންދައިތައަށް ހަސަންތަކުރުގެ މުނިމާމަގެ ފަރާތުން ކޮންމެވެސް އިރެއްގައި ފެނުނު ފޮތްތަކެއް ވަގަށްނެގިކަމަށްވެއެވެ. އަދި އެފޮތްތަކުން ސިހުރުގެ އެތައްކަމެއް މަރިޔަންދައިތަ ދަސްކޮށްދިނީ އަންވަރީއަށެވެ. އެފޮތްތައް މިހާރުވެސް އަންވަރީގެ އަތުގައި ހުރިކަމަށްވެއެވެ.

އެޒަމާނަކީ އެކިއެކި ކަންކަމުގައި މީހުން ފަންޑިތަ އާއި ސިހުރުގެ ބޭނުން ކުރުން އާއްމު ޒަމާނެކެވެ. އެއްވެސް ސިއްރުވެރިގޮތެއްގައި މާބޮޑަކަށް ފޮރުވިގެނެއް ނޫނެވެ. އެކަމަކު ފާޅުގައި ފާލުބެލުމާއި ރަމަލުޖެހުމާއި އިސްތިރިވަރިތޮޅިއަކީ އާއްމު ކަންތައްތަކެވެ. އެހެންނަމަވެސް ހަސަންތަކުރާއި ނިސްރީނު ކުޅެމުން ދިޔައީ މުޅިން އެހެން ކުޅިގަނޑެކެވެ.

ނަސީރުގެ ކިބައިން ނިސްރީނާއި ހަސަންތަކުރު ބޭނުންވި ކަންތައް މާރީއްޗަށްވެސް ފުދުނެވެ. ކަތީބުކަމަށް މީހަކު ހޯދަން ޖެހުމުގެ ކުރިން ހަމަކުއްލިއަކަށް އަތޮޅުވެރިޔާ ވަރަށް ކުއްލިގޮތަކަށް ނިޔާވި ހަބަރު މުޅި އަތޮޅު ސިއްސުވާލީ ނަސީރު ދުނިޔެއަށް ނޭވާލިތާ ހަމަ ބަރާބަރު އަހަރެއްވީ ދުވަހުއެވެ. ވީކީއްކަމެއް އަތޮޅުވެރިޔާ ބައްޔެއްގަ އުޅުނުކަން އެނގުނަސް ކިހިނެއްވީ ކަމެއްތޯ ދެނެގަނެވުނު މީހަކު އަދި އެނގިގަނެވުނު މީހެއްވެސް ނެތެވެ. އެއްދުވަހެއްގެ ހެނދުނު އިރުއެރި އިރު އަތޮޅުވެރިޔާ އޭނާ ދެހާޖަތުން ކުރެ ހާޖަތަކަށް ދާން ގިފިއްޔަށް ވަދެފައި ނުނުކުމެ އިރުތަކެއް ވާތީ ކިހިނެއްވެގެންތޯ ލަސްވަނީ ބަލާލުމަށް މަޖުބޫރުވީ ދޮރުތަޅާ ގޮވާތާ އެތައް އިރެއް ވީފަހުންނެވެ.

އަތޮޅުވެރިޔާ ޒުބައިރުކަލޭފާނު އޮތީ ގިފިލި ތެރޭގައި ހުރި ކެޔޮފީނި ތެރޭގައި ބަރަހަނާހާލުގައެވެ، އަނގައިން ފޮނުތަކެއް އަރާފައެވެ. އިދިފުށަށް ދަމާފައެވެ. ހަމައެކަނި ބަރަހަނާ ހާލުގައި އޮތުމެއް ނޫނެވެ. ޒުބައިރު ކަލޭގެފާނު އޮތީ ޖުނުބުވެރި ހާލަތުގައެވެ. އަދި އެވަރުން ނިމުނީއެއް ނޫނެވެ. ޒުބައިރުކަލޭފާނުގެ ޖިންސީގުނަވަނަށް އޮތީ ކޮންމެވެސް ކަހަލަ އަނިޔާއެއްވެސް ވެފައި ކަމަށް، އެކަލޭގެފާނު ނަގަން ކައިރިވި މީހުން ކިޔެވެ. ޒުބައިރުކަލޭފާނު ނަގައި، ޖަމާއަތްތެރިންނާ ހިނަވަން ހަވާލު ކުރެވުނު ފަހުން ޖަމާއަތްތެރިންގެ ފަރާތުންވެސް ސިއްރުސިއްރުން ކޮންމެވެސް ވާހަަކަތަކެއް ދެއްކިކަމަށްވެއެވެ.

ޒުބައިރު ކަލޭފާނުގެ ކުއްލި މަރާމެދު އެއްވެސް މީހަކަށް މާބޮޑު އެއްޗެއް ނޭނގުނު ނަމަވެސް އެއީ ހަމައާދައިގެ ގުދުރަތީ މަރެއް ނޫންކަން އެންމެންވެސް ގަބޫލު ކުރިއެވެ. އެދުވަސްވަރު އަތޮޅުގައި ސިއްހީ ފަރުވާގެ ކަންތައް ކުރަމުން ދިޔައީ އަތޮޅަށް ފައިބާ ހުރީ ޖަޕާނުގެ ވަރަށް މޮޅު، އިސްކޮޅުން ކުރު ހިތްހެޔޮ އެހެނަސް ހަރުކަށިގޮތެއް ހުންނަ ޑޮކްޓަރެކެވެ.

ޑޮކްޓަރ ޒުބައިރުކަލޭފާނުގެ މަރާ ބެހޭގޮތުން ދެއްކި ވާހަކަތަކަކީ އަޖައިބުން ފުރިގެންވާ ކަހަލަ ވާހަކަތަކެކެވެ. ޒުބައިރު ކަލޭފާނު މަރުވެފައި ވަނީ ޖިންސީގުނަވަނަށް ލިބުނު އަނިޔާއަކުން ކަމަށާއި މަރުވުމުގެ ކުރިން ޒުބައިރުކަލޭފާނު ޖުނުބުވެރިވެފައިވާ ކަމާއި ޒުބައިރުކަލޭފާނު ވިހަވެފައިވަނީ ކޮން އެއްޗަކުންކަން ނޭނގުނަސް އެއީ ކޮންމެވެސް ނޫކުލައެއްގެ ޒަހަރުކަންވެސް ޑޮކްޓަރ ފާހަގަކުރީ ޒުބައިރުކަލޭފާނުގެ ނިޔަފަތިތަކަށާއި ތުންފަތަށް އަދިމޫނަށް އަރަމުންދިޔަ ނޫކުލައަކުންނެވެ.

ޒުބައިރު ކަލޭފާނުންގެ އަތޮޅުވެރިކަން އެކަލޭފާނުގެ ކުއްލި ވަކިވުމާ ގުޅިގެން ހަވާލުވާނެ ވާރިސަކު ނަސީބުކަންދިމާކުރި ގޮތަކުން ނެތެވެ. ސަބަބަކީ އެކަލޭފަނުގެ އިނީ އުމުރު ހަމަނުވާ ކުޑަ އަންހެންކުއްޖެއްކަމަށްވެފައި އާއިލާގައިވެސް މިކަމަށް ކުފޫ ހަމަވެގެން މިޒިންމާ ހަވާލު ކުރެވޭނެ މީހަކު ނެތުމުންނެވެ. ބޮޑުކަތީބާއި ކުޑަކަތީބާއި މުދިމާއި ރަށު ކަމުވޮށިގެންވާ މީހުންގެ މެދުގައި މަޝްވަރާ ކުއްލި ބައްދަލުވުމެއް ބާއްވާފައި މުޅި ރަށަށް ސިހުމެއް ގެނުވީ އަތޮޅުވެރިކަމަށް ހަސަންތަކުރު އިއުލާން ކުރުމުންނެވެ. ހަސަންތަކުރަކީ ކޮންގޮތަކުން އަތޮޅުވެރިކަމަށް ލެވުނު މީހެއްކަމަށް އެކަކަށްވެސް ވިސްނައިގަންނާކަށްވެސް އަދި ދެނެގަންނާކަށްވެސް ނޭނގުނެވެ. މީހުންގެ މެދުގައި އެކިއެކި ވާހަކަތައް ދެކެވުނެވެ. އެހެންނަމަވެސް އެކަންތައް އެހެންވާން އޮތްކަމުން އެގޮތަށް ވެނިމިއްޖެއެވެ.

ނިސްރީނާއި ހަސަންތަކުރުގެ ބޭނުން މާރީއްޗަށްވެސް ފުރިހަމަވީއެވެ. އެދެމީހުންނަށް ނޭނގުނު ނުވިސްނުނު ކަމަކީ ދުނިޔޭގެ އެދުމާއިގެން، ދުނިޔެ ހޯދުމުގެ ދަހިވެތިކަމުގައި އެމީހުން ކުރި ނުބައި ހުތުރު ފާފަ އާއި ހަޑިނަޖިސް އަމަލުން އެމީހުންނަށް ދުވަހަކުވެސް އެނބުރި ނާދެވޭހާ ދުރަށް ދެވިފައިވާކަމެވެ. ދުނިޔޭގެ މަގާމުތަކާއި ޖާހާއި ގަދަރަށްޓަކައި އަމިއްލަ ނަފުސާއި ލިބުނު ދަރިފުޅާއި ދީނާއި އާހިރަތަށްދާދެން ނަގާލުމަށްފަހު އެބައި އަނބުރާ ލިބިދާނެ ކަމަށް ހީކުރުމަކީވެސް މޮޔަކަމަކަށް ނުވޭބާވައެވެ.

ނަސީރަކީ ދުނިޔެއަށް ލޯހުޅުވާލި ވަގުތުން ފެށިގެންވެސް ބަޔަކަށް ހިބަކުރެވިފައިވާ މުދާގަޑެކެވެ. އެމަހުލޫގުން ބޭނުން ކޮންމެ ކަމަކަށް މަގުފަހިކޮށްދޭނެ މީހަކަށް ނަސީރު ހެދީ އޭނާގެ މަންމަ އާއި ބައްޕައެވެ. ޖިންނި ޝައިތާނުންނާއެކު ކިތަންމެ ގުޅުންތަކެއް ހިންގިއަސް ނިސްރީނަށް ލިބުނު ދަރިފުޅަކީ އެނަސްލުގެ މަހުލޫގެއް ނޫނެވެ. އެނަސްލުގެ މަހުލޫގަކަށް ނިސްރީނު ބަލިވެ އިންނަމަ ކުއްޖާވެސް އަދި ނިސްރީނުވެސް ސަލާމަތެއް ނުވީހެވެ. މީހުންގެ ލޯކުރިމައްޗަށް މަރުވެގެން ދިޔަޔަސް އެމީހުން ޝައިތާނުންގެ ދުނިޔެއަށް ގެންދެވޭނީ ދެން ދުވަހަކުވެސް އަނބުރާ މިދުނިޔޭގެ އެއްވެސް ކަމަކަށް ނާދެވޭނެ ފަދައަކުންނެވެ. އެނަސްލުގެ ދަރިއަކަށް ނުވިޔަސް ނަސީރަކީ ހުރިހާ ގޮތަކުންވެސް ހުރިހާ ބާރެއް ލިބިފައިހުރި އެމަހުލޫގުންގެ ހާދިމެކެވެ.

އަންވަރީފޫޅުމާގެ ޒުމައްރަދު ކިޔާ ރީތި ޕަރީއެއްކަހަލަ އަންހެންދަރިފުޅަކު އިންނަކަން ނަސީރަށް އެނގުނީ އޭނާގެ އުމުރުން ސޯޅަވަރަކަށް އަހަރުތެރޭގައި އެގެއަށް ކަމަކު ދިޔަދިޔުމެއްގައެވެ. އަންވަރީގެ މިދަރިފުޅަކީ އެއްވެސް ބަޔަކަށް ނުފެންނާނެހެން އޭނާ ގެންގުޅޭ ކުއްޖެކެވެ. ސީދާ ނުފެންނާނެހެން ނޫނަސް އޭނާ ޒުމައްރަދު ގެންގުޅެމުންދަނީ ވަރަށްބޮޑަށް ރައްކާތެރިކޮށްގެންނެވެ. ސަބަބަކީ އެއީ އޭނާގެ ހަޔާތުގެ އެންމެ މުހިންމު އިންސާނާގެ ދިރިހުރި ހަމައެކަނި ނިޝާންކަމަށްވެފައި އޭނާ މިދަރިފުޅު ގެއްލެން ފަހަރެއްގައިވެސް ބޭނުން ނުވާތީއެވެ.

ޒުމައްރަދާއި ނަސީރުގެ ލޯބީގެ ކުޅިވަރު އަންވަރީއަށް އެނގުމާއެކު ހީވީ ހޫނުތެޔޮތާހަކަށް ފެންޖެހީމާ އުތުރިއަރައިގަތީހެންނެވެ. މުޅި ރަށުގައި އަޑުގަދަކޮށް ހަޅޭއްލަވާ އަތޮޅުވެރިންގެ ދަރިއެއް ކަމަކު ބޭނުމެއް ނޫނޭ ތިމަންގެ ކުޑަދަރިއަށް ގޯނާކުރަނީއޭ، ކިޔާ އަވަށްތައް ކުޑަ ކުރިއެވެ. ހަސަންތަކުރު އަތޮޅުވެރިންނަށް މިހަބަރު ލިބިގެން އަންވަރީ ހާޒިރުކުރެވުނެވެ. އަންވަރީ ކިޔަމަންވީ ގައުމުގެ ގަވާއިދަށް ކަމަށްވިޔަސް އޭނާ އަތޮޅުވެރިން ހުށަހެޅީ އެއްވެސް ހުށަހެޅުމެއް ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ.

މިދުވަސްކޮޅުގެ ތެރޭގައި މުޅި ރަށުގައި ހުޅުހިފި ވާހަކައަކަށް ދެން ވީ ނަލަކަދީ ހަމަކުއްލިއަކަށް ބަލިވެ އިން ހަބަރެވެ. ދޮންމޫސައަކީ ކަނޑައެޅިގެން ދަރިންނުލިބޭ މީހެއްކަން އެތައްބައިވަރު ގޮތަކުން އެނގިފައި ތިބި މީހުން މަަދެއް ނޫނެވެ، އެހެންނަމަވެސް ނަލަކަދީ އެހާ ގިނަ އަހަރުތަކަކަށްފަހު، އެހާ އުމުރުންދުވަސްވެފައި އިނދެ ދަރިއަކަށް ބަލިވެ އިނުމަކީ ނަލަކަދީއަށް ކިހިނެއްވީކަމެއްތޯ އެންމެންވެސް ތިބީ ސުވާލު އުފެދިފައެވެ.

ދޮންމޫސަ އާއި ނަލަކަދީގެ ލޯތްބަކީ ނަމޫނާއަކަށްވިޔަސް ހަމަކުއްލިއަކަށް މިޖެހުނު ގިލަންވެރިކަމަކާއެކު ދެމީހުންގެ ދެމެދުގައި އުސްފާރެއް ބިނާ ކުރެވިއްޖެއެވެ. ނިސްރީނާ ހަމައަށް ދާނެ ހިތްވަރެއްވެސް ކަދީއަކަށް ނުލިބުނެވެ. އޭނާއަށް ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހުނު ވަގުތު އެކުވެރިއަކަށް އެހީތެރިއަކަށް ފެނުނީ އިރެއްގައި އޭނާއަށް ކިތަންމެ ކަމުނުދާ މީހަކަށްވިޔަސް، މިވަގުތުގެ އެންމެ ހެޔޮއެދޭ މީހަކަށް އަންވަރީއެވެ.

ރަށުތެރޭގެ ހާލަތު ގޯސްވެ، އަތޮޅުވެރިންގެ އުނދޯލިގެއިން މެންދަންތަކުގައި ކޮންމެވެސް ބޯކެހެރިގަނޑެއްހެން ހުންނަ ހިޔަންޏެއް ފެންނަން ފެށީ މިދުވަސްތަކުގެ ތެރޭގައެވެ. ހަސަންތަކުރު އެކަނި ގިނިކަންޏާ، އުނދޯލިދާންކޮޅުގައި އިނދެގެން ކޮންމެވެސް މީހަކާ ވާހަކަ ދައްކަން އިންނަތަން ފެނުނު ނަމަވެސް ހަސަންތަކުރު ފިޔަވައި އެހެން މީހަކު އެތަނަކުން ނުފެނެއެވެ. ރަށުތެރޭގައި ނާމާންކަމެއްގެ އަސަރު ފެތުރެން ފެށިއެވެ. ގޭގޭގެ ދޮރުތައް އޮއްސޭއިރާއެކު ލައްޕައި މީހުން ބޭރަށް ނުކުމެ އުޅުން ހުއްޓާލައިފިއެވެ. އެހެންވާނެ ނޫން ހެއްޔެވެ. އަތޮޅުވެރިންގެ ފެންޑާއިންކަޅު ހިޔަންޏެއް ފެނުމާއި ކަރުގޮހޮރު ކުނިވާކަހަލަ ނުބައި ވަހެއް މުޅި އެހިސާބުން ދުވަން ފަށަނީ ރޭރޭގެ މެންދަންވުމުންނެވެ.

ނަލަކަދީ އާއި އަންވަރީ ރަށުން ގެއްލުނީ މިދުވަސްކޮޅުގައެވެ. އަދި ހަމައެއާއެކު ހަސަންތަކުރުގެ ހުރި ހަމައެކަނި ދަރިފުޅު ނަސީރުގެ ކައިވެނިވެސް އިއުލާން ކުރެވުނީ މދުވަސްކޮޅުގައެވެ. ނަސީރު ނުހަނު ބޭނުންވުމާއެކުވެސް ޒުމައްރަދު އޭނާއަށް ނުލިބި، އަދި ވީނުވީތަނެއްވެސް ނޭނގި ގެއްލުމުގެ ހިތާމައިގައި އެފަކީރު މޮޔަވެދާނެތީ އަތޮޅުވެރިން ކަންބޮޑުވެ، އަވަހަށް އޭނާގެ ކައިވެނި ކުރުވީއެވެ. އެއްފަހަރާ އެތައް އެތައް ކަމެއް ވެނިމި ދިޔައީއެވެ.

ދުވަސްތައް ކަލަންޑަރުގެ ގަނޑުތަކާއެކު އުކެމުން މާޒީގެ ހިރަފުހުގެ ތެރެއަށް ހަޔާތުގެ މަންޒަރުތައް ގެއްލެމުން، އާ ދުވަސްތަކާއި އާ ރޭތަކުން، އުފަންވަމުންދާ އާ ވާހަކަތަކާއި އާހަޔާތްތަކެއް ދުނިޔޭގެ ދައުރުވުމާއި އިލާހީ ގާނޫނުގައިވާ ގޮތުގެ މަތިން ދުނިޔެ އަށް ފެންނަމުންދެއެވެ. ނިސްރީނާއި ހަސަންތަކުރުގެ ދިރިއުޅުމުގެ އަނދިރިފަތްފުށްތައް އޮތީ އެދެމީހުންނާ ހަމައިން ސިއްރުވެފައި ކަމަށްވިޔަސް، އެމީހުން ކުރިމަތިލާން ޖެހުނު ކަންތައްތަކެއް ކުޑައެއް ނޫނެވެ.

ނިސްރީނުގެ އުމުރުގެ ފަހުދުވަސްތައް އޭނާ ހޭދަކުރަން ޖެހުނީ ވޭނުން ފުރިފައިވާ ބަލިދާނެއްގައެވެ. އުނަގަނޑުން ތިރީގައި އެއްވެސް ވާތްގެއް ނެތި ނުކުޅެދިފައި އޮވެއެވެ. އެހެން އޮންނައިރުވެސް ކޮންމެ ފިނިހަނދުވަރުމޫސުމުގައި މެންދަންތަކުގައި އޭނާގެ ހަށިގަނޑުގެ ބޭނުން ހިފާ ޝައިތާނުންތައް ހުއްޓުވާނޭ ހިތްވަރެއްވެސް އަދި ވަރެއްވެސް އޭނާއަކަށް ލިބިގެނެއް ނުވެއެވެ. ދުނިޔޭގެ މޮޅާއި ޒީނަތުގެ ދަހިވެތިކަމުގައި ހަސަންތަކުރު ކުޅުނު ހަޑިހުތުރު، އަދި ބިރުވެރި ކުޅިގަނޑުން އަސަރު ފޯރީ ހަމައެކަނި އޭނާގެ ދަރިފަސްކޮޅަކަށް ނޫނެވެ. ޖީލުތަކަށް ދެމިގެންދާނެ އަނިޔާވެރިކަމެއް ހަސަންތަކުރު ވަނީ އުފަންކުރުވާފައެވެ. އަދި ނުހަނު ބިރުވެރި ގަދަ ހުމެއްގައި އޭނާގެ އުމުރު ދިޔައީ ވަގުތަށްވުރެ ކުރުވެގެންނެވެ.

ދޮންފާތާފުޅު، ނޫނީ ހަސަންތަކުރުގެ މުނިމާމަގެ ސިހުރުބޫގަލްފޮތުގެ ބަނޑޭރިގަނޑު ހޯދުމަށް ދަހިވެތިވީ ހަސަންތަކުރު ނަމަވެސް އޭގެ ބޭނުން ޖެހިފައިވާ އެހެން ބަޔަކު ދުނިޔޭގައި ތިބިކަމެއް ހަސަންތަކުރަށް ނޭނގުން އެއީ އޭނާއަށް ކުރިމަތިލާން ޖެހުނު ހުރިހާ ކަމެއްގެ އަސްލެވެ. އެބަނޑޭރިގަނޑަކީ އޭގައި އެތައްއެތައް ބާރެއް ހިމެނިފައިވާ، ބާރުތަކެއްގެ ކަސްތޮޅު އެޅުވިފައިވާ ބަނޑޭރިގަނޑެކެވެ. ދޮންފާތާފުޅުގެ ހުރިހާ ސިހުރެއް ބާތިލުކޮށްލިއިރުވެސް އޭރުގެ ވެރިންނަކަށް އޭނާގެ ފޮތުގެ ބޭރުގަނޑެއް ނުފެނުނެވެ. އެހޯދާ ހޯދާ އެތައް ކަމެއް ކުރިއިރުވެސް ހިލަމެއްވެސްނުވިއެވެ.

އެންމެ ފަހުން ދޮންފާތާފުޅު މަރުމަތީގައި އެބަނޑޭރިގަނޑާ ބެހޭ ގޮތުން ހަމައެންމެ އިންސާނެއްގެ ގާތުގައި އެވާހަކަ ބުނެދިނެވެ. އެކަމަކު އެމީހަކަށްވެސް އެއީ ސީދާ މިވެނިތަނެއްގައޭ ވީ ބުނާކަށް ނޭނގޭނެހެން ދޮންފާތާފުޅު ދީފައިވަނީ ބައެއް ކަހަލަ ނިޝާންތަކެކެވެ. އެއީ ދޮންފާތާފުޅުގެ ފަރާތުން އެދުރުވެފައިވާ އެފުޅު އެންމެ ލޯބިވި، އެފުޅަށް އެންމެ ތެދުވެރިވި، އަދި އެންމެ ފަހު ވަގުތުގައި އެފުޅު ނުހަނު ވޭނުގައި އުޅުނުއިރު، އެންމެން އެފުޅު އެކަހެރިކޮށްލި އިރު، އެފުޅަށް ހޭހަންކޮށްދޭން އިން ހިދުމަތްތެރި ހާދިމާވެސްމެއެވެ.

ދޮންފާތާފުޅުގެ އުނަގަނޑުން ތިރި މަރުވެ، ކުނިވަސްދުވާތީވެ އަދި ބައެއް ފަހަރު އެފުޅޫ އަނގައިންއެގޮވާ އެތިވަރު ތަކަކާހެދި އޭރުގެ ރަށުގެ ވެރިންނަށް ތިބި ބޭކަލުންނާއި ގައުމުގެ ވެރިންނާ މަޝްވަރާ ކުރެވުމަށްފަހު، ދޮންފާތާފުޅަކީ ދައުލަތުގެ ކުށްވެރިއަކަށް ވާތީއާވެސްއެކުގައި ދޮންފާތާފުޅު މާލެ ހާޒިރު ކުރުވުމަށްފަހު، ހަކީމުންނާއި އެދުރުންނާއި ބޮޑުންގެ ޝަރިއަތަށް ހާޒިރު ކުރެވުނެވެ. ދޮންފާތާފުޅު އެހާލުގައިވެސް ދައުލަތަށް އެއްވެސް ވާހަކައެއް ކިޔައިދޭކަށް އެއްބަހެއް ނުވިއެވެ. އެހިސާބުން ފާތާފުޅު މާފުށީ ގަނޑުވަރު ކިޔާ ފަޅުހިސާބުގަ ހައްޔަރުކުރެވުނީއެވެ.

ބުނެވޭ ގޮތުގައި ދޮންފާތާފުޅު މަރުވެ، ވަޅުލެވިފައިވަނީވެސް އެތަނުގައެވެ. އެއީ މިހާރުގެ މާފުށީ ޖަލު ސަރަހައްދެވެ. ޖަލު ސަރަހައްދުގެ ޔުނިޓްދޭއްގެ އޭބީފަޅިއެހެރީ ބުނެވޭގޮތުގައި ދޮންފާތާފުޅު ގައިދުކޮށްފައި ބެހެއްޓުނު، އަދި މަރުވެގެން ކުނިވެ، ވަޅުވެސްލެވުނު ތަނުގައެވެ.

(ނުނިމޭ)