ރާއްޖޭގެ ފިލްމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ފިލްމީތަރި ފައުޒިއްޔާ ހަސަން ނިޔާވުމަކީ ފަންނީ ދާއިރާއަށް ލިބުނު ހުސްކަމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު އެގޮތަށް ވިދާޅުވީ ފައުޒިއްޔާ ނިޔާވުމުން ތައުޒިޔާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް ސޯލިހު ވިދާޅުވީ، ފައުޒިއްޔާއަކީ ގިނަ ޑްރާމާ އަދި ފިލްމުތަކެއްގައި މަސައްކަތްކުރި ފަންނާނެއް ކަމަށާއި އޭނާއަކީ ހިތްހެޔޮ އަދި މުރާލި ފަންނާނެއް ކަމަށެވެ.
"ފައުޒިއްޔާ ހަސަން އަކީ، ގިނަ ޑްރާމާ އަދި ފިލްމްތަކުގައި މަސައްކަތްކޮށް، ދާއިރާއަށް ދިވެހިން ނެރެދީ ކުރިޔަށްދާން އެހީވި ހިތްހެޔޮ މުރާލި ފަންނާނެއް. ފައުޒިއްޔާ ނިޔާވުމަކީ ފަންނީ ދާއިރާއަށް ލިބުނު ހުސްކަމެއް،" ރައީސް ވިދާޅުވިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ފައުޒިއްޔާ ނިޔާވީ ސްރީލަންކާގެ ލަންކާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. ނަމަވެސް އޭނާ ފަރުވާ ހޯދަމުންދިޔައީ ކޮން ބައްޔަކަށް ކަމެއް ނޭނގެއެވެ. ފައުޒިއްޔާ ނިޔާވި އިރު، އުމުރަކީ 80 އަހަރެވެ.
ފައުޒިއްޔާ ފިލްމީ ދާއިރާއަށް ވަނީ 1985 ވަނަ އަހަރު ރިލީސްކުރި ފިލްމު "ފިދާ" އިންނެވެ. ފައުޒިއްޔާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2017 ވަނަ އަހަރު ރިލީސްކުރި ފިލްމު "ހައްދު" އިންނެވެ. މުހައްމަދު ނިޔާޒް "ޓެޑްރީ" މިހާރު ހަދަމުން އަންނަ ފިލްމު "ލަސްވިޔަސް" ގައިވެސް ފައުޒިއްޔާ ދިޔައީ މަސައްކަތް ކުރަމުންނެވެ.
ފައުޒިއްޔާ ވަނީ "ޔޫސުފް" އާއި "ވާ ލޯބި އެނގޭ ނަމަ" އާއި "ހިޔަނި" ފަދަ މަޝްހޫރު ފިލްމުތަކުން ފެނިގެންގޮސްފައެވެ.
ޕާކިސްތާނަށް ޖާސޫސް ކުރި ކަމަށް ބުނެ 1994 ވަނަ އަހަރު އިންޑިއާގެ ޖަލެއްގައި ފައުޒިއްޔާ ތިން އަހަރު ވަންދެން ބަންދުވެސް ކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު