ދުނިޔެ

ޕާކިސްތާނުގެ ތިންބައިކުޅަ އެއްބައި ފެނުއަޑީގައި، މިއީ ތާރީޚުގައިވެސް ކުރިމަތިނުވާ ވަރުގެ ބޮޑު ކާރިސާއެކެވެ.

އިމާދު ލަތީފު

ދިވެހިރާއްޖެއާ އެންމެ ގާތުގައިވާ އިސްލާމީ ގައުމަކީ ޕާކިސްތާނެވެ. ޕާކިސްތާނު މިވަގުތު އެއޮތީ ދުވަހަކުވެސް އެގައުމަށް ކުރިމަތިނުވާ ދަރަޖައިގެ ގުދުރަތީ ބޮޑު ކާރިސާއެއްގެ ތެރޭގައެވެ. ޕާކިސްތާނުގެ މުޅި ސަރަހައްދުގެ ތެރެއިން ތިންބައިކުޅަ އެއްބައި އެއޮތީ ފެނުގެ އަޑީގައެވެ. އެތައް މިލިޔަން ބައެއްގެ ގެދޮރު ހަލާކުވެއްޖެއެވެ. އެތައް މިލިޔަން ބަޔަކު ރެފިއުޖީންނަށް ވެއްޖެއެވެ. އެތައް ހާސްބަޔަކު މަރުވެއްޖެއެވެ. އެތައް ބިލިޔަން ޑޮލަރެއްގެ ގެއްލުން ގައުމުގެ އިގްތިސާދަށް ކުރިމަތިވެއްޖެއެވެ. ގެއްލުމާއި ވީރާނާކަން އަދިވެސް ކުރިއަށް އޮތީއެވެ. އަދިވެސް ވާރޭ ވެހެނީއެވެ. ފެންގަނޑު އުފުލެނީއެވެ. މި ގެއްލުންތަކުން އަރައިގަތުމަށް އެތައް އަހަރެެއް ބޭނުންވާނެއެވެ. މުޅި ދުނިޔޭގެ އެހީތެރިކަންވެސް ބޭނުންވާނެއެވެ. މިއީ ތާރީޚުން ފެންނަން ނެތްވަރުގެ ކާރިސާއެކެވެ.

ފެންބޮޑުވުމުގެ އަސްލަކީ ގަޑުބަޑުވެފައިވާ މޫސުމެވެ. ހުއްޓާނުލައި ވާރޭވެހުމެވެ. މިހާރު ކުރަމުންދާ ވިއްސާރައިގައި ވެހިފައިވާ ވާރެޔަކީ ފާއިތުވި ތިރީސް އަހަރުގެ ތެރޭގައި ވެހިފައިވާ ވާރޭގެ ނިސްބަތަށްވުރެ ދުއިސައްތަ އިންސައްތައިގެ އިތުރުވުމެކެވެ. ރައްޔިތުން ސަލާމަތްކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ އެންމެހައި ވަސީލަތްތައް ހުޅުވައިލުމާއެކު ބޮޑުވަޒީރު ޝަހުބާޒު ޝަރީފު ވަނީ ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. އިސްލާމީ ދުނިޔެއިން ތުރުކީޔާއި ސައޫދީ އަރަބިޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ވަނީ ފައިސާޔާއި ތަކެތީގެ ގޮތުން އެހީ ފޮނުވާން ފަށައިފައެވެ. ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ތެރެއިން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއި ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި އދ.ގެ ފަރާތުންވެސް ވަނީ އިޖާބަދީފައެވެ.

ޕާކިސްތާނުވެސް ހިމެނޭ ގޮތަށް ދެކުނު އޭޝިޔާގައި ހުޅަނގު މޫސުމުގެ ވިއްސާރަޔަކީ ޖޫންމަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރާ ވިއްސާރައެކެވެ. އެކަމަކު މިފަހަރުގެ ވިއްސާރައަކީ ހުޅަނގު މޫސުމުގެ އާދައިގެ މޫސުމީ ވިއްސާރަޔަކާ ވަރަށް ތަފާތު ވިއްސާރައެކެވެ. މިއަހަރުގެ ޖޫންމަހުން ފެށިގެން ހަމަވެހެނީއެވެ. މިހާރު ތިންމަސް ވަނީއެވެ. ޕާކިސްތާނުގެ އާބާދީގެ ތެރެއިން 35 މިލިޔަން މީހުން މިހާރު އެތިބީ ހާލުގައި ޖެހިފައެވެ. އެއީ އާބާދީގެ ކޮންމެ ހަތް މީހެއްގެ ތެރެއިން އެކެކެވެ. ޕާކިސްތާނުގެ ހިކިފަސް ސަރަހައްދަށް ބަލާއިރު ކޮންމެ ތިންފޫޓަކުން އެއްފޫޓު އެއޮތީ ފެނުގެ އަޑީގައެވެ. ފުން ކަނޑެއްގެ މިސާލުގައެވެ. ޕާކިސްތާނުގެ މާލީވަޒީރު މިފްތާހު އިސްމާއީލް ވިދާޅުވާގޮތުން ގެއްލުމުގެ މިންވަރު ފައިސާއިން އަންދާޒާކުރާނަމަ މިހާރުވެސް ދިހަ ބިލިޔަން ޑޮލަރަށްވުރެ މަތިވާނެއެވެ.

މި ކާރިސާގެ ސަބަބުން އިގްތިސާދީ ދުވެލިވެސް ބޮޑުތަނުން މަޑުޖެހޭނެއެވެ. ޕާކިސްތާނުގެ ތިމާވެއްޓާއިބެހޭ ވަޒީރު ޝެރީ ރަހުމާން އެގައުމުގެ ހާލަތު ސިފަކުރައްވާފައިވަނީ މިފަދައިންނެވެ. މިއީ ހުޅަނގު މޫސުމުގެ ވިއްސާރައެއް ނޫނެވެ. މިއީ ތިމާވެށީގެ ބޮޑު ކާރިސާއެކެވެ. ބޮޑެތި ބޮޑެތި ޑިސްޓްރިކްޓްތައް މިހާރު ވުޖޫދުގައިވެސް ނުވާ ކަހަލައެވެ. އެތަންތަން ހީވަނީ ކަނޑުހެންނެވެ. ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް ގަމަރު ބަޖުވާ ވިދާޅުވާ ގޮތުން މި ކާރިސާގެ ގެއްލުންތަކުން އަރައިގަނެވޭނީ ލައްކަ ދުވަހުންނެވެ. ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުންނަށް އޭނާ އިލްތިމާސް ކުރެއްވީ ދީލަތިކަން އިސްކޮށް މިދަނޑިވަޅުގައި އަމިއްލަ ގައުމަށް އެމީހެއްގެ ކެރިކުޅަދާނަކަން ހުރި މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ޕާކިސްތާނުގެ 75 އަހަރުވީ ތާރީޚުގައި މީގެ ކުރިން އެންމެ ގެއްލުންބޮޑު ވިއްސާރައެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ 2010 ވަނަ އަހަރުގެ ވިއްސާރައެވެ. އެފަހަރުގެ ވިއްސާރަޔަށްވުރެ ހުރިހާ ގޮތަކުންވެސް މިފަހަރުގެ ވިއްސާރައިގެ ގެއްލުންތައް ބޮޑެވެ. ބިރުވެރިއެވެ. މި ވިއްސާރައިގެ ބިރުވެރިކަން ކުރިމަތިނުވާ ހަމައެއްވެސް ޕްރޮވިންސެއް ނެތެވެ. ޕާކިސްތާނަކީ ކުޑަ ގައުމެއް ނޫނެވެ. ބިޔަ ގައުމެކެވެ. އެގައުމުގެ ހަތަަރު ޕްރޮވިންސްގެ ހަތަރު ބިތަށްވެސް ފެންބޮޑުވުން ވަނީ ކުރިމަތިވެފައެވެ. އެއީ ސިންދާއި ޕަންޖާބެވެ. ނޯތުވެސްޓް ފްރޮންޓިއަރ ޕްރޮވިންސާއި ބަލޫޗިސްތާނެވެ. މިތަންތަނުގެ ފެންބޮޑުވެފައިވާ 110 ޑިސްޓްރިކްޓްގެ ތެރެއިން 72 ޑިސްޓްރިކްޓަކީ ހަގީގީ މާނައިގައިވެސް ހާލުގައި ޖެހިފައިވާ ޑިސްޓްރިކްޓްތަކެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ޕްރޮވިންސަކީ ސިންދު ޕްރޮވިންސެވެ.

ޕާކިސްތާނުގެ ގުދުރަތީ ކާރިސާ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެޒް ސިފަ ކުރައްވާފައިވަނީ މިހެންނެވެ. މިހާ ގިނަތަންތަނުގައި މިހާ ބޮޑަށް ފެންގަނޑު އުފުލިފައިވަނިކޮށް އަހަރެން ނުދެކެމެވެ. މިހާ ގިނަބަޔަކު މިހާބޮޑަށް އެހީއަށް ބޭނުންވެފައިވަނިކޮށްވެސް ނުދެކެމެވެ. މިއީ އިންސާނީ ކާރިސާއެކެވެ. ކަރުނައަޅައި ރޯންޖެހޭވަރުގެ ކަމެކެވެ. ޕާކިސްތާނުގެ ދަނޑުބިންތަކުގެ ތެރެއިން ސަތާރަ މިލިޔަން އޭކަރުގެ ދަނޑުބިން ވަނީ ފެނުގެ އަޑީގައެވެ. ގައުމުގެ އިގްތިސާދުގެ 22 އިންސައްތައަކީ ދަނޑުވެރިކަމެވެ. އެހެންވީމާ މިކަމުގެ ހަގީގީ ގެއްލުން އޮތީ އަންދާޒާކޮށްލުމެވެ. ފާލަންތަކާއި ޑޭމްތައް ހަލާކުވެއްޖެއެވެ. ރޭލްވޭ ލައިންނަތާއި މަގުތައްވެސް ސުންނާފަތި ވެއްޖެއެވެ. ހުރިހާކަމެއް އަލުން ބަލުން ޖެހޭނީ އާރާސްތުކުރާށެވެ. މިއީ މުޅި ދުނިޔޭގެ އެހީތެރިކަމާއެކު ނޫނީ ނުކުރެވޭނޭ ކަމެކެވެ.