ޚަބަރު

ށ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށައިފި

މުހައްމަދު ޖަމްޝަތް ވަހީދު

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ނިޒާމުގެ ދަށުން ޒޯން އެކެއްގައި ހިމެނޭ ށ. އަތޮޅުގައި ފެރީގެ ހިދުމަތް މިއަދު ފަށައިފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ށ. އަތޮޅުގައި ރަސްމީކޮށް ފެރީގެ ދަތުރުތައް މިއަދު ފަށާފައިވާ ކަމަށެވެ. އެ އަތޮޅުގައި ފެރީ ދަތުރުތައް ކުރަން ނިންމާފައިވަނީ ހަތް ރޫޓަކުންނެވެ. އާރުޓީއެލް ދަތުރުތައް ފެށުމަށްފަހު ހަފުތާއެއް ވަންދެން އަހުލުވެރި ކުރުމުގެ ދަތުރުތައް ކުރަން ނިންމާފައިވާ އިރު މި ދަތުރުތައް ކުރާނީ ހިލެ އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އާރުޓީއެލް މަޝްރޫއަކީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވައިލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅެކެވެ. އާރުޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ ދަށުން އެ ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖައްސާފައި ވަނީ ހއ، ހދ އަދި ށ އަތޮޅަށެވެ. އެމްޓީސީސީން އަންނަނީ ހއ އަތޮޅާއި ހދ އަތޮޅުގައި އާރުޓީއެލްގެ ފެރީގެ ހިދުމަތް މިހާރުވެސް ދެމުންނެވެ.

މި ހިދުމަތުގައި ބޭނުންކުރާ ސްޕީޑް ފެރީތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ފެރީތަކެކެވެ. އަދި ފެރީތައް ފަރުމާކޮށްފައިވަނީ ދަތުރުވެރިންނަށް ހިތްފަސޭހަކަމާއެކު ދަތުރުކުރެވޭނެގޮތަށް އެއާކޯން ކޮށްފައެވެ. އަދި މި ސްޕީޑް ފެރީތަކުގެ ސީޓާއި ފަސިންޖަރުންގެ ކެބިން ފަރުމާކޮށްފައި ވަނީ މިފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނެ ގޮތަށެވެ.

މިއިން ކޮންމެ ސީޓެއްގައި މޯބައިލް ޗާޖު ކުރެވޭގޮތަށް ޔޫއެސްބީ އައުޓްލެޓެއް ހަރުކުރެވިފައި ހުރިއިރު، ފެރީގައި ފާހާނާ އާއި ލަގެޖު ބެހެއްޓޭނެ ޖާގަ ހާއްސަކޮށްފައި ހުރެއެވެ. އަދި އާރުޓީއެލްގެ ހިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖުގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެއެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އިތުރުން ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތް ކުރަމުން އަންނަނީ ވެސް އެމްޓީސީސީންނެވެ. ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޒޯން 2 (ނ، ރ، ބ އަދި ޅ) އާއި ޒޯން 3 (ކ، އއ، އދ އަދި ވ) އާއި ޒޯން 4 ( މ، ފ، ދ، ތ އަދި ލ) އާއި ޒޯން 5 (ގއ އަދި ގދ) ޒޯން 6 (ސ އަދި ޏ) ގައި ހިމެނޭ ރަށްތަކަށް ސްޕީޑް ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.