ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުން ކިތަންމެ ކުޑަމިންވަރެއް ދަންނަ މީހަކަށްވެސް އަބްދުއްސައްތާރު މޫސާދީދީގެ ނަންފުޅަކީ ވަރަށް ފަރިތަ ނަންފުޅަކަށްވާނެއެވެ. ސައްތާރު މޫސާދީދީއަކީ ވަރަށް ގިނަ ގޮތްގޮތުން ދިވެހިރާއްޖެއަށް ޚިދުމަތް ކުރެއްވި ލާމަސީލު ޝަޚުސިއްޔަތެކެވެ. އެމަނިކުފާނުގެ ޚިދުމަތްތަކާއި މާތް އަޚުލާގަކީ ފަހު ތިބީންނަށްވެސް ނަމޫނާ ކަންކަމެވެ. މިޒަމާނުގެ ވަރަށް ގިނަބަޔަކު ބުނެއެވެ. ސިޔާސީ މީހަކު ވިއްޔާ ފަސްބައި ސާފެއް ނުވާނެއެވެ. ފަސްބައި ކިލަނބުވާނެއެވެ. އެއީ މުޅިއަކުން ސައްހަ ބުނުމެއް ނޫނެވެ. އެހެނީ ސައްތާރު މޫސާދީދީއަކީ ސިޔާސީ ބޭފުޅެކެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ފަސްބައިން އެބުނާކަހަލަ ކުނިމިލައެއް އެއްވެސް ބަޔަކަށް އެއްވެސް އިރެއްގައި ފެނިފައެއް ނެތެވެ. ހުރިހާ ކަމަކުންވެސް ފެނިފައިވަނީ ނަޒާހަތްތެރިކަމާއި އަބުރުވެރިކަމެވެ. ތާހިރުކަމެވެ.
ސައްތާރު މޫސާދީދީއަކީ ދިވެހި ރަސްކަމުގެ ޚާންދާނަށް ނިސްބަތްވެވަޑައިގެންނެވި ބޭފުޅެކެވެ. އަމީރެކެވެ. އެމަނިކުފާނުގެ މަންމާފުޅަކީ ނޫރައްދީން ބަންޑާރައިންގެ މާރަންދޫ ގަނޑުވަރު ދޮށީމަނިއްޕުޅުގެ ގޮމައެވެ. އެގޮތުން ހުރަވީއެކެވެ. ސައްތާރު މޫސާދީދީގެ ދިރިއުޅުއްވުމާއި މާތް އަޚުލާގާމެދު ވާހަކަދައްކާ މީހުން ބުނެއެވެ. އެމަނިކުފާނަށް މަންމާފުޅުގެ ވަސިއްޔަތެއް އޮވެއެވެ. ވަޒީރުކަން ކުރެއްވިޔަސް ދިވެހިރާއްޖޭގެ ވެރިކަން ނުުކުރެއްވުމަށް މަންމާފުޅު ނަސޭހަތްތެރިވެވަޑައިގެންފައިވެއެވެ. މި ސަބަބަށްޓަކައި ކަމަށް ވެދާނެއެވެ. އެމަނިކުފާނު ދުވަހަކުވެސް އަމިއްލަފުޅު ސިޔާސީ އެޖެންޑާއެއް ނުގެންގުޅުއްވައެވެ. ފޮރުވި، ވަންހަނާވެފައި އޮތް މަގުސަދެއް ނުގެންގުޅުއްވައެވެ. ސިޔާސީ ދާއިރާގައިވެސް އަދި އެނޫން ދާއިރާއެއްގައިވެސް ހަތުރަކު ނެތީ އެހެންވެގެންނެވެ.
ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިކަމަށް ވަޑައިގެންނެވުމުގެ ފުރުސަތަކީ އެއްފަހަރަށްވުރެ ގިނަފަހަރުމަތިން ސައްތާރު މޫސާދީދީއަށް ފަހިވެގެން އައި ފުރުސަތެކެވެ. ކޮންމެ ފަހަރަކުވެސް ހިތްތިރިކަމާއެކު އެ ފުރުސަތަށް ފުރަގަސްދެއްވީއެވެ. ބައެއް މިސާލުތައް ދަންނަވައިލާނަމެވެ. ވެލާނާގޭ އިބްރާހިމް ނާސިރުގެ ރައީސްކަމުގެ ފުރަތަމަ ދައުރުގެ ތެރޭގައި 1972 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަމަށް ސައްތާރު މޫސާދީދީ ހޮއްވެވިއެވެ. އެހެންނަމަވެސް ބޮޑުވަޒީރުކަން ގަބޫލުފުޅެއް ނުކުރެއްވިއެވެ. ތިޔައީ ތިމަންނާޔާ އަރަފޯދިގެންވާ މަގާމެއް ނޫނޭ ވިދާޅުވެފައެވެ. ރައީސް ނާސިރު 1978 ގައި ރިޓަޔަރ ކުރައްވާތީ ސީދާ ރައީސްކަމަށް ސައްތާރު މޫސާދީދީ ގެންނަން ބޭނުންފުޅުވި މެންބަރުންވެސް ރައްޔިތުންގެ މަޖިލީހުގައި ގިނައެވެ.
ރައީސުލްޖުމްހޫރިއްޔާކަން އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާނެކަމީ އެންމެނަށްވެސް ޔަގީން ކަމެކެވެ. އެހެންނަމަވެސް 1978ގައި ރައްޔިތުންގެ މަޖިލީހުގެ 10 މެންބަރަކު އެމަނިކުފާނަށް ވޯޓުދެއްވިއެވެ. އޭރު ރައީސުލްޖުމްހޫރިއްޔާއަކަށް ކެންޑިޑޭޓަކު ނޮމިނޭޓްކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ކޮންމެއަކަސް މަޖިލީހުން ނޮމިނޭޓްކޮށްގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށްފަހު ރައީސުލްޖުމްހޫރިއްޔާއަކަށް ވަޑައިގެންނެވީ މައުމޫން އަބްދުލްގައްޔޫމެވެ. މައުމޫނު ވެރިކަމަށް ވަޑައިގެންފައި ސައްތާރު މޫސާދީދީއަކީ ސިޔާސީ ވާދަވެރިއަކަށެއް ނުބައްލަވައެވެ. ރައީސް މައުމޫނުގެ އެންމެ ފުރަތަމަ ކެބިނެޓުގައިވެސް ސައްތާރު މޫސާދީދީ ހިމެނުއްވިއެވެ. ވަޒީރެއްގެ ގޮތުގައި އެންމެ ފުރަތަމަ ހުވާކުރެއްވި ބޭފުޅަކީވެސް 11 ނޮވެންބަރު 1978ގައި ސައްތާރު މޫސާދީދީއެވެ.
ސައްތާރު މޫސާދީދީއާ ވަޒީފާއެއް ހަވާލުކުރީމާ އަމާނާތްތެރިކަމާއެކު އެވަޒީފާއެއް އަދާކުރައްވާނޭ ކަމާއި ތެދުވެރިވާނޭކަމާއި ކޮންމެ ހާލަތެއްގައިވެސް ނަޒާހަތްތެރިކަން އިސްކުރައްވާނޭކަން ރައީސް ނާސިރުވެސް އަދި ރައީސް މައުމޫންވެސް ގަބޫލުފުޅު ކުރެއްވިއެވެ. ރައީސް ނާސިރުގެ ދިގުވެރިކަމުގެ ދުވަސްވަރު ސައްތާރު މޫސާދީދީ ފެނުނީ އެވެރިކަމުގެ ތެރޭގައި ވަރަށް އިސް މަގާމުތަކެއް ފުރުއްވި މަންޒަރެވެ. އިނގިރޭސީންގެ އަތްދަށުން ދިވެހިރާއްޖެއަށް 1965 ވަނަ އަހަރު ފުރިހަމަ މިނިވަންކަން ލިބުމުގެ އެގްރިމަންޓުގައި ސޮއިކުރެވުނުއިރު ސައްތާރު މޫސާދީދީއަކީ ސިލޯނުގައި ހުންނެވި ދިވެހިރާއްޖޭގެ ސަފީރެވެ. ބޮޑުވަޒީރު ނާސިރުގެ އެންމެ އަރިހުގައި އެހީތެރިޔަކަށް ހުންނެވީވެސް ސައްތާރެވެ. މިނިވަންކަމުގެ ސޮއިކުރެއްވި ގަލަންކޮޅު ނާސިރު ހަދިޔާކުރެއްވީވެސް ސައްތާރަށެވެ.
ސައްތާރު މޫސާދީދީ އަވަހާރަވީ 2015 ވަނަ އަހަރު ބެންކޮކްގައި އުމުރުފުޅުން 79 އަހަރުގައެވެ. އެމަނިކުފާނުގެ ގައުމީ ޚިދުމަތްތައް އެންމެ ފުރަތަމަ ޚާއްސަވެގެން ދިޔައީ ޚާރިޖީ ގުޅުމުގެ ދާއިރާގައެވެ. އދ. ގައި ހުންނަވާ ދިވެހި މަންދޫބުގެ މަގާމުވެސް ފުރުއްވިއެވެ. ރައީސް ނާސިރުގެ ދެވަނަ ދައުރުގައި މާލީވަޒީރުކަން ކުރެއްވިއެވެ. ރައީސް މައުމޫނުގެ ދައުރުގައި އެޑިއުކޭޝަން މިނިސްޓަރުކަމާއި ފިޝަރީޒް މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރުކަންވެސް ކުރެއްވިއެވެ. އީވާން ނަސީމުގެ މަރުގެ މައްސަލަ ތަހުގީގުކުރަން 2003ގައި އުފެއްދި ރިޔާސީ ކޮމިޝަނުގެ ރިޔާސަތު ބެެލެހެއްޓެވީވެސް ސައްތާރެވެ. އަދި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އުފެދުމުގެ ކުރިން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން ކައުންސިލްގެ ރިޔާސަތު ބެލެހެއްޓެވީވެސް ސައްތާރު މޫސާދީދީއެވެ.
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު