ޚަބަރު

ހުއްދަ ނުނަގައި ބިމުން ފެންނަގައި ފެން ހިންދާ ނަމަ ދުވާލަކަށް 40،000 ރުފިޔާއިން ޖޫރިމާނާކުރާނެ

މުހައްމަދު އިޝާން

1

އިމާރާތް ކުރުމަށާއި ސިނާއީ އެހެން މަސައްކަތްތަކަށް ހުއްދަ ނުނަގައި ބިމުން ފެން ނަގައި، އެ ފެން ބޭރުކުރާ ނަމަ ކޮންމެ ދުވަހަކު 40،000 ރުފިޔާއިން އިން ޖޫރިމަނާ ކުރާ ގޮތަށް "އިމާރާތްކުރުމަށާއި ސިނާއީ އެހެނިހެން މަޝްރޫއުތަކަށް ބިމުން ފެން ނަގައި އެ ފެން ބޭރުކުރުމުގެ ގަވާއިދު" އިސްލާހުކޮށްފިއެވެ.

އެންވަޔަރުމެންޓް މިނިސްޓްރީން ރޭ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އެ ގަވާއިދުގައި ބުނީ، އެ މިނިސްޓްރީން ހުއްދަ ނުނަގައި ބިމުން ފެން ނަގައި ނުވަތަ ހުއްދަނެތި ބިމަށް ފެން ހިންދާނަމަ ޖޫރިމާނާގެ އެންމެ މަތީ އަދަދަކީ އެއް މިލިއަން ރުފިޔާ ކަމަށެވެ.

ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ، އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި އެކަން ކުރި ފަރާތެއް 5،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އެންވަޔަރުމެންޓް މިނިސްޓްރީއަށް ލިބިގެންވެއެވެ.

"އިމާރާތްކުރުމަށާއި ސިނާއީ އެހެނިހެން މަޝްރޫއުތަކަށް ބިމުން ފެން ނަގައި އެ ފެން ބޭރުކުރުމުގެ ގަވާއިދު" އަށް ގެނައި އިސްލާހުގައިވާ ގޮތުން ހުއްދަ ނެގުމަކާ ނުލައި ބިމުން ފެން ނަގައިގެން ބޭރުކުރުމަށް ފަހު، ހުއްދަ އަށް އެދި ހުށަހަޅައިފި ނަމަ ހުއްދަ ދޭނީ ހުއްދަ ނެގުމަކާ ނުލައި ފެން ނެގި މުއްދަތަކަށް ވާ ޖޫރިމަނާ ދެއްކުމުންނެވެ.

ހުއްދައިގެ މުއްދަތު އިތުރުކުރަން ހުށަހަޅާ ނަމަ، އެ މުއްދަތު ވެސް އިތުރުކޮށްދޭނީ ބިމުން ފެން ނަގައި، ފެން ބޭރުކުރި މުއްދަތަށް ޖޫރިމަނާއެއް އޮތް ނަމަ އެ ޖޫރިމަނާގެ ފައިސާ ދެއްކުމުން ކަމަށެވެ.