އިސްލާމީ ތާރީޚު

މިއަދުގެ އިސްލާމީ ދުނިޔެއާއި އިސްލާމްދީނުގެ ސިޔާސީ ނިޒާމު - 06

އަބްދުﷲ ފާރޫގް ހަސަން

އިމާމުންނާއި ޢިލްމުވެރީންގެ ބަސްފުޅު

(22 އޯގަސްޓުގެ އަދަދާ ގުޅޭ)

عــلاّمــــة إبـــن حـــــزم ލިޔުއްވައިފައިވާ ފޮތްތަކުގެ ތެރެއިން އެއްފޮތަކީ، "الــفـصــل فــــى المــــــلـل والأهــــــواء والـنحـــل" މިފޮތެވެ. އެފޮތުގެ ހަތަރުވަނަ ޖިލްދުގައި ލިޔުއްވައިފައިވެއެވެ.

"ދައުލަތުގެ ވެރީން ޚިޔާނަތްތެރިވެވަޑައިގެން ކުށްތަކަށް އަރައިވަޑައިގަންނަވަމުން ގެންދަވާކަމުގައިވާނަމަ އެބޭފުޅުންނާ ދެކޮޅަށް ބަޣާވާތްކުރުމަކީ ވާޖިބެކެވެ. އެހެނީ އެފަދަ ވެރީންނަކީ މާތް اللّــه އާއި އެކަލާނގެ ރަސޫލާގެ ބާޣީންނެވެ. ބިންމަތީގައި ފަސާދަ އުފައްދަވާން މަސައްކަތްކުރައްވާ ބޭފުޅުންނެވެ. އެބޭފުޅުންނަކީ މުސްލިމުންގެ ޖާނާއި މާލަށް ގެއްލުންދެއްވާ ބޭފުޅުންނެވެ. ކުށެއްނެތް މަޢުޞޫމުން ޤަތުލުކުރައްވާކަށެއްވެސް އެބޭފުޅުން ފަސްޖެހިވަޑައެއް ނުގަންނަވައެވެ. އެބޭފުޅުންގެ މަޖަލާއި އަރާމާއި އުފާފުޅަށްޓަކައި ބައިތުލްމާލު މުދަލުން ފުރައިލެއްވުމުގެ ބޭނުންފުޅުގައި މުސްލިމުންގެ އަތުން ޖިޒީ ނަންގަވާކަށެއްވެސް ފަސްޖެހިވަޑައެއް ނުގަންނަވައެވެ. މުސްލިމުންގެ އަތުން ޖިޒީ އަތުލެއްވުމަށްޓަކައި ޔަހޫދީ ޢާމިލުން ޢައްޔަންކުރައްވައެވެ." عــلاّمــــة إبـــن حـــــزم އަދިވެސް ލިޔުއްވައިފައިވެއެވެ.

ވެރީން ޝަރީޢަތުގެ ދާއިރާއަށް އަނބުރައި ގެނައުމަށާއި އަނިޔާވެރިކަމާއި ބޭއިންސާފުން އެއްކިބާކުރުމަށް ކުރެވޭ ހުރިހައި ތަދްބީރުތަކެއް ނާކާމިޔާބުވެއްޖެކަމުގައިވާނަމަ "ލޭއޮހޮރުވުމުގެ މަގު" އިޚްތިޔާރުނުކޮށް ފަރުޖެހޭކަށެއް ނޯންނާނެއެވެ. އެހެނީ އޭރަކު ހުންނަވާ ޚަލީފާއެއްގެ ބަސްފުޅު އަޑުއަހައި ކިޔަމަންވުމުގެ މުޢާހަދާއަކީ މާތް اللّــه ގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތުގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. އެބޭފުޅުން މާތް اللّــه ގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތާ އެއްގޮތަށް ޢަމަލުކުރައްވާކަމުގައިވާނަމަ އެބޭފުޅުންނަށް ކިޔަމަންވުން ވާޖިބެވެ. ނަމަވެސް ފޮތާއި ސުންނަތް ނުވަތަ އެދެ އަސްލުންކުރެ އެއް އަސްލަކާވެސް ދުރުވެވަޑައިގެންފިކަމުގައިވާނަމަ އެބޭފުޅުންނަށް އެކަމުގެ އަދަބު ދޭންޖެހެއެވެ. އެބޭފުޅުން ޢަޒުލުނުކޮށް މަޢުޞޫމް އިންސާނީ ފުރާނަތައް ރައްކައުތެރިކޮށް އަމަންއަމާންކަން ޤާއިމުނުކުރެވޭ ހިސާބަށް ކަންތައް ހިނގައްޖެކަމުގައިވާނަމަ ޚަލީފާކަމުގެ މަޤާމުން އެބޭފުޅުން ދުރުކުރަން އެކަށީގެންވީ ހުރިހައި ރޮނގަކުން މަސައްކަތްކުރާން ޖެހޭނެއެވެ. މާތް اللّــه ގެ ރަސްކަންފުޅުދެކެ ބިރުވެތިވާ ޢަދުލުވެރި އެހެން ކޮންމެވެސް މީހަކު ޚަލީފާކަމަށް އިސްކުރާންޖެހޭނެއެވެ. މިކަމުގައި އޭރަކު ހުންނެވި ޚަލީފާއަކާ ދެކޮޅަށް ކަނޑި އުފުލައިލަން މަޖްބޫރުވެއްޖެ ހިނދެއްގައި ކަނޑި އުފުލައިލެވިދާނެއެވެ. ފޮތާއި ސުންނަތުގެ މައްޗަށް ބިނާކުރެވޭ ނިޒާމެއް ގެނައުމަށްޓަކައި އަނިޔާވެރި ޙާކިމު ޤަތުލުކުރާން ޖެހިއްޖެ ހިނދެއްގައި އެކަން ކުރުންވާނީ ވާޖިބެއް ކަމުގައެވެ."

عــلاّمــــة إبـــن حـــــزم މި މައުޟޫޢުގައި ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އިތުރަށް ލިޔުއްވައިފައިވެއެވެ. "ކޮންމެވެސް ދިމާޔަކުން އިޢުތިރާޟުގެ އަޑު އުފުލުން އެކަށީގެންވެއެވެ. އެގޮތުން މީހަކު ބުނެފާނެއެވެ. އޭރަކު ހުންނަވާ ޚަލީފާއަކާ ދެކޮޅަށް ކަނޑި އުފުލައިލައިފި ކަމުގައިވާނަމަ މުސްލިމުންގެ މެދުގައި ލޭއޮހޮރޭނެއެވެ. އީމާންކަމުގެ އަހްލުވެރީންގެ ޖާނާއި މާލަށް ގެއްލުންވާނެއެވެ. ސަރުކާރުގެ ފައުޖާ ކުރިމަތިލާންޖެހުންވެސް އެކަށީގެންވެއެވެ. ނަތީޖާއެއް ޙާޞިލު ނުކުރެވި ހަނގުރާމައިން ބަލިވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެ އިޢުތިރާޟުގެ ޖަވާބުގައި ދަންނަވަމެވެ. އަނިޔާވެރި ވެރިޔަކާ ދެކޮޅަށް ކަނޑި އުފުލައިލާއިރު އެކަމަށް ތައްޔާރުވާން ޖެހޭނެއެވެ. ޝައްކެއްނެތެވެ. ޖާނާއި މާލަށް ގެއްލުންލިބުމާއި ނާކާމިޔާބުވުމުގެ އެކަށޭނަކަން އޮންނާނެއެވެ. އެއީ ޔަޤީންކަމެކެވެ. ކާފަރުންނާ ދެކޮޅަށް ހަނގުރާމަކުރާއިރުވެސް އެނަތީޖާތަކާ ކުރިމަތިލާންޖެހުމުގެ އެކަށޭނަކަން އޮންނާނެއެވެ. ވަރަށްގިނަފަހަރަށް ކާފަރުންގެ ލަޝްކަރުގެ ޢަދަދު އެތައް ގުނައެއް ގިނަވެސްވެދާނެއެވެ. އެހެންކަމުން އެކަންކަމަށް ރިޢާޔަތްކުރާނަމަ ކާފަރުންނާ ދެކޮޅަށް ޖިހާދުކުރުންވެސް ހުއްޓައިލާން ޖެހިދާނެއެވެ. އެކަމަކު ދުނިޔޭގެ އެއްވެސް މުސްލިމަކު އެކަން ޤަބޫލެއް ނުކުރާނެއެވެ.

ކާފަރުންނާ ދެކޮޅަށް ޖިހާދުކުރާއިރު އެހެން ނުރައްކަލެއްވެސް އެބައޮތެވެ. އެހަނގުރާމައިގެ ނަތީޖާ ދައްކާގޮތަކާ ގުޅިގެން މުސްލިމު އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދީން ހައްޔަރުވެ އެބައިމީހުންނާމެދު އިންސާނިއްޔަތާ ޚިލާފު ގޮތްގޮތަށް ޢަމަލުކުރެވިދާނެކަމުގެ ނުރައްކަލެވެ. ކަންމިހެން ހުރިކަމުގައިވިޔަސް ކާފަރުންނާ ދެކޮޅަށް ޖިހާދުކުރުމަކީ ވާޖިބެއް ކަމާމެދަކު އެކަކުވެސް އިންކާރެއް ނުކުރެއެވެ. މިގޮތުން ބަލާއިރު ކާފަރުންނާ ދެކޮޅަށް ޖިހާދުކުރުމާ މަގުގެއްލިފައި ތިއްބަވާ މުސްލިމް ޚަލީފާއިންނާ ދެކޮޅަށް ޖިހާދުކުރުމުގައި ފަރަގެއްނެތެވެ. ދެކަމަކީވެސް ޖިހާދުކުރުމެވެ. މާތް اللّــه ގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތަށް ޢަމަލުކުރުމެވެ."

عــلاّمــــة إبـــن حـــــزم رحــمـه اللّــه އަދިވެސް ލިޔުއްވައިފައިވެއެވެ. "މުސްލިމް ވެރިޔެއްގެ ރަވައްޔާއަކީ ކުފުރާއި ކާފަރުންނާ ގުޅުން ބަދަހިކުރެއްވުނު ކަމުގައިވެފައި އެބޭފުޅެއްގެ އަރިހުގައި އެކަން ލޮބުވެތިވެ އިސްލާމްދީނާއި މުސްލިމުންނާ ދުރުހެލިވެވަޑައިގަންނަވަމުން ގެންދަވާކަމުގައިވުމުން އެކަމާވެސް ކެތްތެރިވާން މުސްލިމުންނަށް ނަސޭހަތްތެރިވުމަކީ އިސްލާމީ ރޫޙާ ޚިލާފު ކަމެކެވެ. އެފަދަ ވެރީން މަޤާމުން ދުރުކުރުމާއި އެފަދަ ވެރީންނާ ދެކޮޅަށް ޖިހާދުކުރުމަކީވެސް ފަރުޟެކެވެ."

مـــولانــا شـبــيــر أحـمـد عـثـمــانـــى رحــمـه اللّــه ވަނީ ޞަޙީޙު މުސްލިމުގެ ޝަރަޙައެއް ލިޔުއްވައިފައެވެ. އެފޮތުގެ ނަމަކީ ފަތުޙުލްމުލްހިމެވެ. އެފޮތަށް އިތުރުކުރެއްވި ބައިގެ ނަމަކީ ތަކުމިލާ ފަތުޙުލްމުލްހިމެވެ. އެފޮތުގެ "ކިތާބުލްއަމާރަތި" މިބާބުގެ ޙަދީޘުތައް ޝަރަޙަކުރައްވަމުން ލިޔުއްވައިފައިވެއެވެ.

"ބަޔަކުމީހުންނަށް ހީވެފައިވަނީ އަނިޔާވެރި އިމާމަކާ ދެކޮޅަށް ބަޣާވާތްކުރުމަކީ އެއްވެސް ޙާލެއްގައި ހެޔޮވާނެކަމެއް ނޫންކަމުގައެވެ. އިމާމާ އޭނާއަކީ މުސްލިމަކު ކަމުގައި ފާޅުކުރައްވާހައި ހިނދަކުގައެވެ. ނަމަވެސް މިއީ އެއްގޮތަކަށްވެސް ޞައްޙަ ބުނުމެއް ނޫނެވެ. ޚާއްޞަކޮށް ألإمــام أبـــوحــنيــفـــة رحـمـه اللّــه ގެ މަޒްހަބްގައެވެ. އަނިޔާވެރި ޙާކިމުންނާ ބެހޭގޮތުން إمــام أبـــوحــنيــفـــة ގެ މަޒްހަބަކީ ނުހަނު މަޝްހޫރު މަޒްހަބެކެވެ. زيــد بـــن عـلــى އާ ބެހޭގޮތުން إمــام أبـــوحــنيــفـــة ގެ މައުޤިފު އެންމެންވެސް ދަނެއެވެ. أبـــوحــنيــفـــة، زيــد އަށް ފައިސާގެ އެހީވެސް ދެއްވިއެވެ. މަޑުމަޑުން ހުންނަވައިގެން زيــد އަށް އެހީވެވަޑައިގަންނަވަމުން ގެންދެވިއެވެ. زيــد އާއެކު ހަނގުރާމަކުރުން ވާޖިބުކަމުގައި ސިއްރުން ފަތުވާދެއްވަމުންވެސް ގެންދެވިއެވެ. (އޭރު ޖުމުލަގޮތެއްގައި އިސްލާމީ ނިޒާމުގެ ސަރުކާރެއް އޮތެވެ. އެ ސަރުކާރުގައި އިމާމެއްވެސް ހުންނެވިއެވެ.) ތަކުމިލާ ފަތުޙުލްމުލްހިމުގައި ޞަރީޙު ޢިބާރާތުން ލިޔުއްވައިފައިވެއެވެ. زيــد بـــن عـلــى ބަނޫއުމައްޔަތާ ދެކޮޅަށް ބަޣާވާތް ކުރެއްވިއެވެ. زيــد، އެކަލޭގެފާނުގެ ޖަމާޢަތުގައި ބައިވެރިވެވަޑައިގެންނެވުމަށް إمــام أبـــوحــنيــفـــة އަށް ދަޢުވަތު ފޮނުއްވިއެވެ. أبـــوحــنيــفـــة ޤާޞިދަކު ފޮނުއްވައިގެން ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ކަލޭގެފާނަކީ (زيــد އަކީ) ޙައްޤު އިމާމެއްކަމުގައި ޤަބޫލުކުރަމެވެ. ކަލޭގެފާނާ ތަބާވާ މީހުން ކަލޭގެފާނާ ވަކިވެގެން ނުދާނެކަން އަޅުގަނޑަށް ޔަޤީންވާނަމަ އަޅުގަނޑު އެމީހުނާ ބައިވެރިވެގެން އިދިކޮޅުފަރާތާ ދެކޮޅަށް ޖިހާދުކުރީމުހެވެ." إمــام أبـــوحــنيــفـــة، زيــد އަށް މާލީ އެހީވެސް ދެއްވިއެވެ. ދިހަހާސް ދިރުހަމުގެ ޗަންދާއެއް ފޮނުއްވިއެވެ." ވިސްނައިލާންޖެހޭ ކަމެކެވެ. އެދުވަސްވަރު أمـيـــــرالمــؤمــنــيـــن އެއް ނުވަތަ خـلـيفـــة المـسـلمـين އެއް ހުންނެވިއެވެ. އެކަމަކު އޭރުވެސް ދެލޯމަރައި ތަގުޅިކޮށް ދެކަންފަތަށް ރީއަޅައިގެންތިބެ ކިޔަމަންވާންޖެހޭނެކަމަކަށް إمـــام ދެކެވަޑައެއް ނުގެންނެވިއެވެ. އެ ޚިލާފަތަކީ ޤާނޫނީ ޚިލާފަތަކަށްނުވެފައި އަނިޔާވެރިކަން ހައްދުފަހަނަޅައިދިޔުމުން ބަޣާވާތްކުރުން ހުއްދަކަމުގައި إمــام أبـــوحــنيــفـــة ކަނޑައެޅުއްވީއެވެ. ފަތުވާ ދެއްވީއެވެ. މިއަދުގެ ދުނިޔޭގައި މުސްލިމުންގެ ޚަލީފާއެއް ނެތެވެ. أمـيـــــرالمــؤمــنــيـــن އެއް ނެތެވެ. ވެރިކަމުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ އިސްލާމީ ޤައުމުތައް ލާދީނީ ރިޔާސަތުތަކަކަށް ބަދަލުކުރައްވަން ގަދަފައިވިއްދަވަމުންނެވެ. ޑިކްޓޭޓަރުންނަށް ހެދިވަޑައިގަންނަވަމުންނެވެ. ވެރިކަމަކީ ޢާއިލާގެ ނުވަތަ އަމިއްލަފުޅު ފަންވަތުގެ ހަރުމުދާގަނޑަކަށް ހައްދަވާން ބާރުއަޅުއްވަމުންނެވެ. އެހެންވީއިރުވެސް ކޫސްވެސް ކިޔައިނުލައި ބޯލަނބައި ކިޔަމަންވާންވީތޯއެވެ؟" މިހާރު މިތިއްބަވާ އިސްލާމީ ވެރީން ވަނީ އިސްލާމްދީނަށާއި މުސްލިމުންނަށްހުރި މުސީބަތަކާއި ހަލާކަކަށް ވެވަޑައިގެންފައެވެ. ޖުމްހޫރިއްޔަތުގެ ދައުރުގައި ގޮށްމުށުބާރު ހިންގެވުމުގެ ސަބަބުންނެވެ. ލެޔަށް ފެންބޮވައިވަޑައިގެންފައި ތިއްބެވުމުންނެވެ. ހަމައެއް އިންސާފެއް ނެތުމުގެ ސަބަބުންނެވެ. ޤައުމަށް ތަނަވަސްކަމާއި އަމަންއަމާންކަމާއި އުފާފާގަތިކަން ގެނެސްދެއްވުމުގައި ނާކާމިޔާބުވެވަޑައިގެންނެވުމުގެ ސަބަބުންނެވެ. (އިސްލާމީ ޝަރީޢަތް ތަންފީޒުކުރެއްވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވަމުއޭ ފާޅުގައި ވިދާޅުވާތީއެވެ.) މިކަހަލަ ލެއަށް ފެންބޮވައިވަޑައިގެން ތިއްބަވާ ހިތްޕުޅު ހިލަ ވެރީންނަށް ކަންފަތްވެސް ހިރުވައިނުލައި ކިޔަމަންވުމުގެ ފަތުވާ ނެރެވޭނީ ކޮންގޮތަކުންތޯއެވެ؟"

ބޮޑެތި ގެއްލުމާއި އަވަށްޓެރީންގެ ހުނުން

ޢަރަބި ޤައުމުތަކުގެ ދީނީ ޚިޔާލުގެ ހެޔޮކަމުގެ އަހްލުވެރީން އެބަޔަކާ ދެކޮޅަށް ތެދުވި އަމީރުންނަކީ އަމިއްލަ އެދުންފުޅުގެ އަސީރުންނެވެ. އިސްލާމީ ޝަރީޢަތް ހިންގެވުމަށް އިންކާރުކުރައްވާ ބޭފުޅުންނެވެ. އެބޭފުޅުން އެބޭފުޅުންގެ ވެރިކަން ހައްދަވައިފައިވަނީ ލާދީނީ ދައުލަތްތަކަކަށެވެ. ވަރަށްގިނަ ޢަރަބި ޤައުމުތަކުގައި ރާޚާނާތަކާއި ޖުވާޚާނާތަކާއި ހަށިވިއްކާ ތަންތަން ހުންނަނީ ޗާލޫވެފައެވެ. ފުޖޫރާއި ފުސޫޤުގެ ބާޒާރު އޮންނަނީ ނުހަނު ބާރަށް ލޭންދޭން ކުރެވިކުރެވިއެވެ. ސަރުކާރީ ނޫސްވެރިކަމާއި އިލެކްޓްރޯނިކް މީސްމީޑިޔާގެ ޒަރީޢާއިން ހެސްކިޔައިފައި ފަތުރަނީ ފާފަވެރިކަމެވެ. އުރެދުމެވެ. ރިބާ ހުއްދައެވެ. އިސްލާމީ ޝަރީޢަތް ތަންފީޒުކުރަން ގޮވައިލާ މީހުންގެ ބޯމައްޗަށް ކުދިކުދިކޮށް އޮއްސައިލައި އަނިޔާވެރިކަމުގެ އުސްފަރުބަދަތަކެވެ. ކަށީގެ މަދުން ހިތްވަރުލައިގެން މަސައްކަތްކުރަނީ އިސްލާމީ ޚިޔާލުގެ ބައެއްގެ ހިޔަނިވެސް ވެރިކަމުގެ ގަނޑުވަރުތަކާ ހަމަޔަށް ފޯރިޔަނުދިނުމަށެވެ. ދީނީ މީހުން ފުރޭމުކޮށްގެން ދޮގު މައްސަލަތައް އުފައްދައި ތަޙްޤީޤުކޮށް ޝަރިޔަތް ހިންގަމުން ގެންދެއެވެ. ހަށިތަކުގެ ކޮށިތަކުގައި ފުރާނަތަކަށް ހިފަހައްޓައިނުލެވޭވަރުގެ ހިތެއް ފިތެއްނެތް އަދަބުތައް ދެމުންގެންދެއެވެ. ގޮތްކިޔައިދެނީ ޔަހޫދީންނާއި ނަޞާރާއިންނާއި ހިންދީންގެ ތަޖްރިބާކާރުންނެވެ. އެޤައުމުތަކުގެ ވެރީންނަކީ ބޮޑެތި ބާރުތަކުގެ ހޭމަތަކެކެވެ. ހައްތާވެސް ހިލޭމީހުންގެ ގޮނޑިކޮއްކޮ ސަރުކާރުތަކެވެ. ފަލަސްޠީނުގެ ބިމާއި އެތާނގެ ރައްޔިތުންނަކީ ޢަރަބިވެރީންގެ ވިޔަފާރި މުދަލެވެ. ޢަރަބިވެރީންނަކީ ހުޅަނގުގެ ތަހްޒީބާ ހިތްޕުޅާވެފައި ތިއްބަވާ ވެރީންނެވެ. އިސްރާއީލުގެ ވެރީންނާއި ޢަރަބި ވެރީންނަކީ "ނިބޫ ކުދިން" ނެވެ. އެއްލިބިލެއްގެ ބޭފުޅުންނެވެ. އެބޭފުޅުންގެ ހިތްޕުޅު ދެއްވިފައިވަނީ ހުޅަނގުގެ ތަހްޒީބަށެވެ. އިސްލާމްދީނުގައި ކަނޑައެޅިފައިވާ އިންތަކަކާ އެބޭފުޅުން ރުހިވަޑައެއް ނުގަންނަވައެވެ. މުޅި އިސްލާމީ ދުނިޔެއަށް ވިސްނާއިރުވެސް ސިޔާސަތާއި ވެރިކަން ހިންގުމުގެ ދާއިރާގައި އިސްލާމްދީނާއި އިސްލާމީ ނިޒާމު ބާރުވެރިކުރެވިފައިވާތީއެއް ނުފެނެއެވެ. އިސްލާމްދީން ނެގެހެއްޓިފައިވަނީ ހުސްއެކަނި މިސްކިތްތަކުގެ މިހްރާބުގެތަކާއި މިންބަރުތަކުގައެވެ. ޚާލިޞް އިސްލާމީ ވިސްނުމުގެ ޚާއްޞުންނާއި ޢާންމުން ތިބީ ޤައުމުތަކުގެ މިޙާލަތާމެދު ހިތާމައާއި މޮޅިވެރިކަމާއި ފިކުރު ބޮޑުވުމުގައި ހައްޔަރުވެފައެވެ. އިސްލާމީ ފިކުރުގެ ޚާއްސުންނާއި ޢާންމުން އިޞްލާޙީ ޙަރަކާތްތައް ފަށައިގަތެވެ. މިސުރުގެ އިސްލާމީ ޚިޔާލުގެ މީހުންނަށް ސަރުކާރެއް އުފެއްދުމާ ހަމަޔަށް އާދެވުނީ ދަހަރުތަކެއްގެ ޤުރްބާނީތަކަކަށްފަހުގައެވެ. ނަމަވެސް އެބައިމީހުން އުފެއްދި ސަރުކާރުވަނީ މަކަރުވެރި ނުބައި ރޭވުމެއްގެދަށުން ވައްޓައިލައިފައެވެ. އެކަމާ އިޙްތިޖާޖުކުރި މުޒާހިރީންވަނީ ޤަތުލުޢާންމެއް ހިންގައި ކަތިލައިފައެވެ. މިސްކިތްތަކަށްވަދެ ރައްކައުތެރިވި މީހުންނަށްވެސް ޙިމާޔަތެއް ނުލިބުނެވެ. ރާބިޢާޢަދަވިއްޔާގައި އެކަނިވެސް ދިހަހާސް މީހުންނަށް ސީސީއަށް ފުރާނަ ވެދުމަށްއަރުވާން ޖެހުނެވެ. ގޭގައި މަޑުމަޑުންތިބި މީހުންވެސް ގެއިން ނެރެގެން ގެންގޮސް ޖަލުތަކަށްއަޅައި ފުރައިލިއެވެ. އިހާނެތި އަދަބުތައްދީ އަނިޔާކުރިއެވެ. ސީސީގެ ޖަލުތަކުގައި ދިރިތިބީންނަށްވުރެ ނަސީބުވެރިކަމުގައި ބެލެވެނީ އަވަހަށް މަރުވެދިޔަ މީހުންނެވެ.

(ނުނިމޭ)