މަސްދޯނި ފަހަރުގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭ މައްސަލަ ބަލަން، ވަރަށް އަވަހަށް، ފިޝަރީޒް މިނިސްޓްރީން ރަށްރަށަށް ދަތުރުތައް ފަށާނެ ކަމަށް މިނިސްޓާ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރީކަލްޗާ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޑރ. ހުސެއިން ރަޝީދު މިހެން ވިދާޅުވީ، މަސްދޯނި ފަހަރުގައި ބިދޭސީން ގިނަވުމުގެ މައްސަލަ އިތުރު ވަމުންދާއިރު ސަރުކާރުން އެކަމަށް ކުރާ މަސައްކަތް ތަކަކީ ކޮބައިތޯ އޮޅުން ފިލުވުމަށް ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ބިދޭސީ ދެމީހުންނަށްވުރެން އިތުރަށް މަސްދޯނި ފަހަރުގައި މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް މަސްދޯނި ފަހަރުގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މިނިސްޓްރީން ރަށްރަށަށް ދަތުރުކޮށް އެކަންތައް ކުރިއަށްދާ ގޮތް ބެލުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެއަށްފަހު އެ މައްސަލަ ހައްލު ކުރުމަށް ކަމާބެހޭ ގަވާއިދުތަކަށް ގެންނަން ޖެހޭ އިތުރު ބަދަލުތައް ގެންނަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.