އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބިންހެލުމެއްގެ އަސަރު ރާއްޖެއަށް ކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)ގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ހދ. ހަނިމާދޫގައްޔާއި ގދ. ކާޑެއްދޫގައި ބަހައްޓާފައި ހުރި ސެންސަރުތަކަށް މި ބިންހެލުމުގެ ލޮޅުން ދެނެގަނެވިފައިވާ ކަމަށެވެ.
އޮފިޝަލު ވިދާޅުވީ މި ބިންހެލުމާއެކު މިހާތަނަށް ރާއްޖޭގެ އެއްވެސް ހިސާބަކަށް ސުނާމީއެއް އެރި ކަމުގެ ރިޕޯޓު ލިބިފައިނުވާ ކަމަށާއި މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފައިވަނީ ސުނާމީއެއް އަރާ ވަރަށްވުރެ ކުޑަކޮށް ކަމަށެވެ.
"ނުރައްކަލެއް އޮތް ކަމަކަށް ނުބެލެވޭ. ސުނާމީއެއް އަރާވަރަށްވުރެ ކުޑަކޮށް ބިންހެލުމުގެ އަސަރު ކުރީ." އޭނާ ވިދާޅުވިއެވެ.
އޮފިޝަލު ވިދާޅުވީ ލޮޅުމުގެ އިހުސާސް މާލޭ ސަރަހައްދަށްވެސް ވެފައިވާ ކަމަށާއި ބައެއް މީހުންގެ ފަރާތުން އެކަމުގެ ޝަކުވާވެސް ލިބިފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި މާލޭގެ ބައެއް އިމާރާތްތަކަށް މި ބިންހެލުމުގެ ލޮޅުން އިހުސާސް ކުރެވި އިމާރާތްތަކުން މީހުންވެސް ހުސްކުރިއެވެ.ެަރތހ
އިންޑޮނޭޝިއާގެ ސުމަޓްރާ ސަރަހައްދަށް މިއަދު ހެނދުނު ވަނީ 6.2 މެގްނިޓިއުޓްގެ ބާރުމިނުގެ ބިންހެލުމެއް އައިސްފައެވެ.
ބިންހެލުން އުފެދިފައިވަނީ މާލެއާއި 2854 ކިލޯމީޓަރު ދުރުމިނުގައެވެ.
2004 ވަނަ ރާއްޖެ އަށް ސުނާމީ އަރާފައިވަނީ ވެސް އިންޑޮނޭޝިއާ ސުމަޓްރާއަށް އައި ބިންހެލުމުގެ އަސަރު ކޮށްގެންނެވެ. އެ ބިންހެލުމަކީ 9.1 މެގުނެޓިއުޑް ބާރުމިނުގައި އައި ބިންހެލުމެކެވެ.
އިންޑޮނޭޝިއާގެ ސުމަޓްރާ ސަރަހައްދަކީ އާންމުކޮށް ބިންހެލުން އަންނަ ސަރަހައްދެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު