ޚަބަރު

އިންޑިއާގެ އެންމެ ބޮޑު ގޮއްވާލުން: 1000 އެޕާޓްމެންޓް ހިމެނޭ ދެ ޓަވަރު ބިމާހަމަކޮށްލަން އެންމެ 9 ސިކުންތު!

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ނޮއިޑާގައި ގަވާއިދާ ހިލާފަށް ހަދާފައި ހުރި 100 މީޓަރު އުސް ދެ ޓަވަރު ގޮއްވާލައި، ބިމާ ހަމަކޮށްލައިފިއެވެ.

ބިމާ ހަމަކޮށްލި އިމާރާތަކީ ރިއަލް އެސްޓޭޓް ފާމެއް ކަމަށްވާ ސުޕަޓެކް ލިމިޓެޑުން ސުޕަޓެކް ޓްވިން ޓަވަރުގެ ނަން ދީފައިވާ ވަކި ދެ އިމާރާތެކެވެ. އޭގެން އެއް އިމާރާތުގައި 32 ބުރި އަދި އަނެއް އިމާރާތުގައި 29 ބުރި ހިމެނޭ އިރު, އެ އިމާރާތުގައި ގާތްގަނޑަކަށް 1,000 އެޕާޓްމަންޓް ހިމެނެއެވެ. 

އެ އިމާރާތް ބިމާ ހަމަކޮށްފައި މިވަނީ އެތަން ހެދުމުގައި ގަވާއިދާ ހިލާފަށް އަމަލުކުރި މައްސަލައެއްގައި ނުވަ އަހަރުގެ ދިގު ކޯޓު މަރުހަލާއަކަށް ފަހުއެވެ. ދެ ޓަވަރު ގޮއްވާލަން 15 ސިކުންތު ނެގި ކަމަށް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެކަމަށް ނެގީ އެންމެ ނުވަ ސިކުންތެވެ.

މިއީ އިންޑިއާގައި ތަޅާލި އެންމެ ބޮޑު އިމާރާތް އަދި އެންމެ ބޮޑު ގޮއްވާލުން ކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާގައި ގަވާއިދާ ހިލާފަށް ހަދާ އިމާރާތްތައް ގިނަ ނަމަވެސް, އެކަންކުރާ ކޮރަޕްޓް ކުންފުނިތަކާއި އޮފިޝަލުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ދުރު ކަމެކެވެ. އެހެންކަމުން އެ އިމާރާތް ތަޅާލި މަންޒަރު ޓީވީތަކުން ލައިވްވެސް ކުރިއެވެ.