ޚަބަރު

ދައުލަތުގެ އާމްދަނީ 17.8 ބިލިއަނަށް، ޓެކުހުން 13 ބިލިއަން ރުފިޔާ

މުހައްމަދު ޖަމްޝަތް ވަހީދު

1

މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 17.8 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މިމަހުގެ 18 ގެ ނިޔަލަށް މިއަހަރުގެ ރާއްޖޭގެ މާލީ ހާލަތު ހާމަކޮށް ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ ހަ ބިލިއަން ރުފިޔާ އިތުރު އާމްދަނީއެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނީ 11.8 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

އާމްދަނީގެ ތަފާސް ހިސާބުތަކަށް ބަލައި އިރު ޓެކުހުން ލިބުނު އާމްދަނީ އެކަނިވެސް 13 ބިލިއަން ރުފިޔާއަށް އަރައެވެ. މިއަހަރަށް ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓު ފޮތުގައި އަންދާޒާ ކޮށްފައިވަނީ 15.3 ބިލިއަން ރުފިޔާއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން، ދައުލަތަށް ޓެކުހުން ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. ޖީއެސްޓީއަށް ޖުމުލަ 6.2 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ޓީޖީއެސްޓީން އެކަނިވެސް 4.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އަދި އާއްމު ޖީއެސްޓީން 1.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މި މުއްދަތުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ވިޔަފާރިއާއި ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އަދި އެހެނިހެން ވިޔަފާރިއާއި ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 904 މިލިއަން ރުފިޔާ، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ އަދި ވިޔަފާރި ފައިދާއިން ނަގާ ޓެކުހުން 1.94 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ޓެކްސް ނޫން އެހެނިހެން ގޮތްގޮތުންވެސް 4.7 ބިލިއަން ރުފިޔާގެ އަމްދަނީއެއް ދައުލަތަށް ވަނީ ލިބިފައެވެ. މީގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެކި ތަންތަނުން ނަގާފައިވާ ކުއްޔާއި ފީ އިންނެވެ. މިގޮތަށް ލިބުނު އާމްދަނީ 3.2 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި ޕްރޮޕަޓީ އިންކަމް އިން ލިބުނު 1.3 ބިލިއަން ރުފިޔާ އާއި ރިސޯޓު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ 1.12 ބިލިއަން ރުފިޔާއަށް އަރައެވެ.

މީގެ އިތުރުންވެސް ކެޕިޓަލް ރިސިޕްޓްގެ ގޮތުގައި 11.1 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އަދި ގްރާންޓްސްގެ ގޮތުގައި 234.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.