މ. ދިއްގަރުން އަލީ ޔާމީން-- ވަން އޮންލައިން
ދިއްގަރު ވޮލީ ކޯޓު ހުޅުވަން މިއަދު ބޭއްވި އެކުވެރިކަމުގެ ވޮލީ މެޗުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުޅުއްވި ޓީމު މޮޅުވެއްޖެއެވެ.
މިރަށު ވޮލީ ކޯޓު ހުޅުވުމުގެ ގޮތުން މިއަދު ކުޅުނު އެކުވެރިކަމުގެ މެޗުގައި ވާދަކުރީ ދިއްގަރު ވެޓެރަންސް ޓީމަކާއި ރާއްޖޭގެ ވެޓަރަންސް ޓީމެކެވެ. ރައީސް ސޯލިހުގެ ހުނަރު ފެނިގެންދިޔަ މެޗުގައި އެމަނިކުފާނު ކުޅުއްވީ ރާއްޖޭގެ ވެޓަރަންސް ޓީމަށެވެ.
ދެ ސެޓަކަށް ކުޅުނު މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ރައީސްގެ ޓީމެވެ. ރައީސްގެ ޓީމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ކުޅުއްވިއެވެ.
މި މެޗުން މޮޅުވި ޓީމަށް ވަނީ ރަމްޒީ ޓްރޮފީއެއް ދީފައެވެ. މި ޓްރޮފީއާ ހަވާލުވެލެއްވީ ރައީސް ސޯލިހެވެ.
ރައީސަކީ ކުޅިވަރު ހަރަކާތްތަކުގައި ވޮލީ ކުޅުއްވާ ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނު ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ބޭއްވި "ދުޅަހެޔޮ ހަށިހެޔޮ" އީދު ކުޅިވަރު ހަރަކާތްތަކުގައި ވެސް ވޮލީގެ ހުނަރު ދައްކަވައިލައްވައިފައެވެ. ރައީސްގެ ހުނަރު ވޮލީގައި ދައްކަވަމުން ގެންދަވާ އިރު، އެމަނިކުފާނަކީ ވޮލީއަށް ހާއްސަ ޝައުގެއް ބަހައްޓަވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ. ރައީސަކީ ސްކޫލު ދައުރުގައި ވެސް ކުޅިވަރަށް ހާއްސަ ސަމާލުކަމެއް ދެއްވި ބޭފުޅެކެވެ.
ރައީސަކީ ރާއްޖޭން ބައިވެރިވާ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކުގައި ވެސް ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވާ ބޭފުޅެކެވެ. އެގޮތުން ރައީސް ވަނީ 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް މޮރިޝަސްއަށް ވަޑައިގެން ގައުމީ އެތުލީޓުންނަށް ހިތްވަރުދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު