މައިލޯ އެސޯސިއޭޝަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ މިއަހަރުގެވެސް އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ދިވެހި ސިފައިންގެ ކްލަބުގެ ހަސަން ސާއިދު އަދި އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ކްލަބު ރާވެރިޔާގެ އައިޝަތު ހިމްނާ ހަސަން ހޯދައިފިއެވެ.
ހިމްނާއާއި ސާއިދަކީ އެންމެފަހުން ބޭއްވި ގައުމީ އެތުލެޓިކްސްގެ ދެ މުބާރާތުގައިވެސް އެންމެ މޮޅު އެތުލީޓުންނެވެ. މިދިޔަ ތިން ދުވަހު މާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށް ދިޔަ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ސާއިދާއި ހިމްނާވެސް ވަނީ ވާދަކުރި ހުރިހާ އިންޑިވިޖުއަލް އިވެންޓެއްގެ ރަން މެޑަލް ހޯދައިފައެވެ.
ރާއްޖޭގެ އެންމެ ބާރު ފިރިހެން ދުވުންތެރިޔާ ސާއިދު ވަނީ އޯޕަން ބައިގެ ފިރިހެންގެ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފައެވެ. މީގެ އިތުރުން 4 ގުނަ 400 މީޓަރު ޓީމް ރިލޭ އިން އެއްވަނަ ހޯދި ދިވެހި ސިފައިންގެ ކުލަބު ޓީމުގައި ވެސް ސާއިދު ހިމެނެއެވެ.
މިއަދުގެ އިވެންޓުތަކަށް ނުކުތް އިރު، ހުސައިން ފަޒީލް ހާރޫންވެސް ދިޔައީ އެންމެ މޮޅު ފިރިހެން އެތުލީޓަށް ވާދަކުރަމުންނެވެ. އޭނާ މިއަދުގެ 800 މީޓަރު ރޭހަށް ނުކުތް އިރު، އޮތީ އިއްޔެއާއި އޭގެ ކުރީ ދުވަހު 1500 މީޓަރު އަދި 5000 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފައެވެ. ފަޒީލަށް މިއަދުގެ 800 މީޓަރު ދުވުމުން ރަން މެޑަލް ގެއްލުނީ އުންމީދީ ދުވުންތެރިޔާ އަހުމަދު ވިސާމާ ވާދަކޮށްގެންނެވެ.
މިއަދު ކުރިއަށް ދިޔަ ފޯރިގަދަ އަދި ވާދަވެރި 800 މީޓަރު ދުވުން ވިސާމް ކާމިޔާބުކުރީ ދެ މިނެޓު 1.32 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާއާ ގާތުން ވާދަކުރި ފަޒީލަށް ރޭސް ނިންމުނީ ދެ މިނެޓު 1.51 ސިކުންތުންނެވެ. ތިންވަނަ ލިބުނީ ދެ މިނެޓު 4.35 ސިކުންތުން ރޭސް ނިންމި ޔޫސުފް އިބްރާހިމަށެވެ.
އަންހެން އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދި ހިމްނާ ވަނީ އަންހެނުންގެ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފައެވެ. ހިމްނާއާ އެންމެ ގާތުން އަންހެން އެންމެ މޮޅު އެތުލީޓަށް ވާދަކުރީ މިދިޔަ ޑިސެންބަރު މަހުގައި ބޭއްވި ގައުމީ ގްރޯން ޕްރީ މުބާރާތުގެ އެއްވަނަ ހޯދި އައިމިނަތު ޖާއިޝާ ޖުނީޒެވެ. އޭނާވެސް ތިން އިވެންޓަކުން ރަން މެޑަލް ހޯދައިފައެވެ. އެއީ އަންހެނުންގެ 800 މީޓަރު، 1500 މީޓަރު އަދި 5000 މީޓަރު ދުވުމުންނެވެ.
ހިމްނާއާއި ޖާއިޝާވެސް ވަނީ ރަން މެޑަލް ހޯދި ހުރިހާ އިވެންޓަކުންވެސް މީޓު ރެކޯޑު ހަދައިފައެވެ. އެހެންކަމުން ރަން މެޑަލްގެ އަދަދާއި މީޓް ރެކޯޑުވެސް އެއްވަރުވެ، ދެން މޮޅު އެތުލީޓު ހޮވީ އިންޓަނޭޝަނަލް އެތުލެޓިކްސް ސްކޯރިން އަށް ބަލައިގެންނެވެ. ސްކޯރިން އަށް ބަލައިގެން ކުރި ލިބުނީ ހިމްނާ އަށެވެ.
މުބާރާތުގެ 15 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ އިސްކަންދަރު ސްކޫލުގެ ޔޫސުފް އަޔާން އާމިރެވެ. އަޔާން ވަނީ 100 މީޓަރާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފައެވެ.
ފަނަރަ އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ ހިތަދޫ ސްކޫލުގެ ފާތިމަތު ދާނާއެވެ. ދާނާ ވަނީ އަންހެން ކުދިންގެ 100 މީޓަރާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފައެވެ.
މުބާރާތުގެ އޯޕަން ބައިގެ ފިރިހެން އެންމެ މޮޅު ޓީމަކީ ދިވެހި ސިފައިންގެ ކުލަބެވެ. އަންހެން އެންމެ މޮޅު ޓީމަކީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނެވެ. ފަނަރަ އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު ޓީމަކަށް އިސްކަންދަރު ސްކޫލު ހޮވުނު އިރު، އަންހެން އެންމެ މޮޅު ޓީމަކީ ދަ ބްލެކް މާލިންއެވެ.
މިއަދު ހެނދުނު ކުރިއަށްދިޔަ ފިރިހެނުންގެ ލޯންގް ޖަމްޕު އިވެންޓުގައި 17 އަހަރުގެ އިބްރާހިމް ނާހިލް ނިޒާރު ވަނީ އޭނާގެ ގައުމީ ރެކޯޑު އާކޮށްފައެވެ. އިބްރާހިމް ނާހިލް ނިޒާރު ލޯންގު ޖަމްޕުގެ ގައުމީ ރެކޯޑު، އެންމެ ފުރަތަމަ މުގުރާލީ މިމަހުގެ 14 ވަނަ ދުވަހު ތުރުކީގެ ކޮންޔާގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައެވެ. އެ މުބާރާތުގައި ނާހިލް މުގުރާލި ރެކޯޑަކީ މީގެ 13 އަހަރު ކުރިން ކުރީގެ އެތުލީޓު ހުސައިން ހަލީމް ހަދާފައިވާ ގައުމީ ރެކޯޑެކެވެ.
މިއަދު ހެނދުނު ކުރިއަށްދިޔަ ލޯންގް ޖަމްޕް އިވެންޓްތަކުގައި ނާހިލް އޭނާގެ އަމިއްލަ ރެކޯޑު އާކުރީ 6.82 މީޓަރު ދުރަށް ފުންމައިގެންނެވެ. މިއަދު ކުރިއަށްދިޔަ ލޯންގް ޖަމްޕުގެ ރަން މެޑަލް ނާހިލް ހޯދި އިރު، ދެވަނަ ހޯދީ ރައުހަތު ސްޕޯޓްސް އެކަޑަމީގެ އިބާދުﷲ އާދަމެވެ. އިބާދުﷲ ވަނީ 6.48 މީޓަރަށް ފުންމައިފައެވެ. ތިން ވަނައަށް ދިޔައީ ސާއިދު ސްޕޯޓްސްގެ އާދަމް ރިފްއަތެވެ. ރިފްއަތަށް ފުންމުނީ 5.71 މީޓަރަށެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް