މ. ދިއްގަރުން އަލީ ޔާމީން - ވަން އޮންލައިން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މ. އަތޮޅުގެ ފަސް ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރަށަށް ވަޑައިގަތުމުން އެމަނިކުފާނަށް ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
މިއަދު ހަވީރު ރައީސް މިރަށަށް ވަޑައިގެންނެވުމާއެކު އެމަނިކުފާނުގެ އިސްތިގުބާލުގައި މިރަށުގެ ކުދިބޮޑު އެންމެން ބަނދަރު ސަރަހައްދަށް ޖަމާވެފައި އޮތް އިރު، ރައީސަށް މަރުހަބާ ދެންނެވުމަށް ފިރިހެނުންގެ ލަނގިރިޖެހުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ރައީސްގެ އިސްތިގުބާލުގައި ތިބި މީހުންނާ ސަލާމްކުރެއްވުމަށް ރައީސް ދޮޅު ގަޑިއިރު ހޭދަކުރެއްވިއެވެ.
ރައީސް ސޯލިހު މިރަށަށް ކުރައްވާ މި ދަތުރުފުޅުގައި މިރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެއެވެ. އަދި މިރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.
މިރަށަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި މިރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނެއެވެ. އަދި މިރަށު ވޮލީ ކޯޓު ހުޅުވުމުގެ ގޮތުން ބާއްވާ ހާއްސަ ވޮލީ މެޗެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިރަށަށް ފަހު ރައީސް ސޯލިހު ދެން ވަޑައިގަންނަވާނީ މިއަތޮޅު ވޭވަށެވެ. ދެ ދުވަހުގެ މި ދަތުރުފުޅަށް ފަހު ރައީސް އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު