"ރާބޭ،...." ޒުބައިރު ފެނުމާއެކު ރާޝިދުގެ އަޑުފަޅައިގެން ދިޔައެވެ. ދުވަހަކުވެސް އަޑުވީއްލާ ރޮއޭފައިނުވާ ރާޝިދުގެ އަޑުފަޅައިގެން ދިޔައެވެ. ކުރިމަތީގައި ހުރި ޒުބައިރުގެ ކޮނޑުގައި އެއްއަތުން ރާޝިދު ހިފަހައްޓާލިއެވެ. އެހިނދު ޒުބައިރުގެ މޫނުމަތިން ކަންބޮޑުވުމެއް ފާޅުވިއެވެ.
********
ގޮނޑުދޮށުން ދުވެފައި ކަހަލަ ގޮތަކަށް އަރައިގެން އައި ބަރަކް އާއި ޖިލްވާ ތިބީ ވަރުބަލިވެގެން މާނޭވާ އަޅައަޅައެވެ. ދެކުދިންގެ އަތް ގުޅުވާލެވިފައިވާ އިރު، އެކަކު އަނެކަކާ ބަހެއް ނުކިޔައެވެ.
"ޖިލްއަށް ޔަގީންތަ ހަމަ މިހެންލާފަތަ ދިޔައީ" ބަރަކް އެހިއެވެ.
"އާއެނކޭ އަހަރެން ދުށީމޭ. އަހަރެން ބަރަކްއަށް ވަރަށް ބާރަށް ގޮވާލީމެއްނު. ފެންފުޅި ބަރަކްއަތަށް ދީފަ އަހަރެން މިތާ އިށިނދެގެން އިންދަ ގޮވާލީ. އަހަރެން ބަލައިލި އިރު ހުރީ އެ ބޭބެ" ޖިލްވާ ބުންޏެވެ.
"ވާހަކައެއް ދެއްކިތަ؟" ބަރަކް އެހިއެވެ.
"ބުނީ މަންޖެގެ ފިރިމީހާއަށް ކިޔަނީ ބަރަކް ހޭ" އަހަރެން އާއެނކޭ ބުނީމަ ފާޑަކަށް ބަލަހައްޓައިގެން ހުރެފަ ދިޔައީ. ވަރަށް ބާރަށޭ ދިޔައީ. ކިރިޔާ ތިއޮށް ފަސްތައްމަތިން ނުވެއްޓުނީ. ފާޑަކަށް ރޮވިފަ ހުރިހެން ހީވަނީ" ޖިލްވާ ވާހަކަދެއްކިއެވެ.
"ކޮންމެސްކަމެއްވެއްޖެ. އަހަރެން މިހާރު ބިރު ގަންނަން ފަށައިފި. ހިނގާ ގެއަށް ދާން" ބަރަކް ބުންޏެވެ.
"މި މަގުންނެއްނު ދާނީ. މިހެންނޭ އެ ބޭބެ ދިޔައީ" ޖިލްވާ ބުންޏެވެ.
"ތިމަގުން ގޮސް ގެ ހޯދާކަށް އަހަރެންނަށް ނޭނގޭނެ. އައި މަގުން ދާން އެނގޭނީ" ބަރަކް ބުންޏެވެ.
ދެން ދެކުދިން އެކުގައި އައިކޮޅަށް އަނބުރާލިއެވެ.
********
ހަބީބާ އައިސް ގެއަށް ވަނީ ރާޝިދު ގޮވައިގެން ޒުބައިރު ބޭރު ޖޯލީގައި އިންދައެވެ. އަދިވެސް ރާޝިދުއަށް ވީ ކިހިނެއް ކަމެއް ޒުބައިރުއަށް ނޭނގުނެވެ. ރާޝިދުގެ ދެލޮލުގައި ކަރުނަ ނެތަސް ރަތް ފިޔައެއްހާ ދެލޯ ރަތެވެ. ކަންބޮޑުވެފައި ހަބީބާ އައިސް އިށީނީ ޒުބައިރު އާ ޖެހިގެން އިން ޖޯލީގައެވެ.
"ރާބޭ... އަނެއްކާ ސަކަރާތްވަނީތަ؟ ވަލުން ކަމެއް ފެނުނީތަ؟ އަސަދުﷲ ހިއެއްނުވޭ އަދި މާލެ ދާން ފުރިހެނެއް. އަތޮޅުގެ ކޮންމެސް ރަށެއްގައި ހުންނާނެ. ގުޅަންވީތަ؟" ޒުބައިރު ވާހަކަދެއްކިއެވެ.
"ނޫން.. އަހަރެންނަށް ޔަގީން ކަށަވަރު އެއީ އަހަރެންގެ ދަރިއެއްކަން" ރާޝިދު ބުންޏެވެ. ހައިރާންވެފައި ޒުބައިރު ހަބީބާގެ މޫނަށް ބަލައިލިއެވެ.
"އެއީ ކިހިނެއް؟ ކިހިނެއް ކަށަވަރުވީ؟" ޒުބައިރު އެހިއެވެ.
"ނަމުން އެނގުނީ. ޔަގީންކުރަންވެގެން އަންހެން މަންޖެ ކައިރީގަ އަހަންވެސް އަހާފަ މިއައީ" ރާޝިދު ބުންޏެވެ. ޒުބައިރު ރާޝިދުގެ ބުރަކަށީގައި ފިރުމާލިއެވެ. ރާޝިދުއަށް ހީވެގެން އުޅެނީ ކުއްހީއެއްކަން ޒުބައިރުއަށް ޔަގީންވިއެވެ.
"ރާބޭ! އަހަރެން މިބުނާ އެއްޗަކުން އަހަރެންނަށް ހިތް ނުބައި ނުކުރައްޗޭ. ރާބޭއަށް ގެއްލިފައިވާ އާއިލާ އާއި ހުރިހާ އެއްޗެއް ލިބުމަކީ އަހަރެން ނުހަނު ބޮޑަށް އެދޭ ކަމެއް. ތިކަމުން އަރައިގަނެވުނު ފަހުން މިރަށުން ބީރައްޓެއްސެއް ފެންނަ ކޮންމެ ފަހަރަކު ރާބެއަށް ދަރިން ފެންނަހެން ހީވޭ. އަހަރެންނަށް ހީވަނީ ތިކަމާ މާބޮޑަށްހެން ރާބެ ތިވިސްނަނީ. އެއްކަމުން ފަރުވާ ލިބި ސަލާމަތުގެ އައްސޭރިއަކާ ހަމައަށް އާދެވޭއިރަށް އަނެއްކާ ބައްޔެއްގެ ތެރެއަށް ފުންމާލަން ޖެހިދާނެ. ތިއުމުރުގަ ނުލާހިކު އަވަހަށް ބަލިތައް ގާތްވާނެ" ގާތްމީހަކަށް ނަސޭހަތްދޭ ފަދައިން ރާޝިދުއަށް ވިސްނައިދެމުން ޒުބައިރު ދިޔައެވެ.
"އަދި މިހާތަނަށް ދުވަހަކުވެސް އަހަރެން ކައިރީގަ އަހަރެންގެ ހިތް ދޮގެއް ނުބުނޭ. އަހަރެންނަށް ޔަގީންވާތީ މިހެން މިބުނީ. އެއީ މަގޭ ބަރަކު" ރާޝިދު ކިޔަމުން ދިޔައެވެ.
ޒުބައިރު ދެފަރާތަށް ބޯހޫރާލިއެވެ. އިތުރަށް ރާޝިދަށް ވިސްނައިދޭނެ ގޮތެއް ޒުބައިރުއަށް ނޭނގުނެވެ.
"ތިބުނީ ބަރަކް އޭ. ރަނގަޅަށް ތިބުނީ. އެސޮރަށް ކިޔަނީ ބަރަކް. އެކަމަކު ރާބެ ބުނީމެއްނު ދެ ދަރިންނަށް ކިޔަނީ އަހްމަދަކާ މުހައްމަދެކޭ" ޒުބައިރު ބުންޏެވެ.
"ރަނގަޅަށް ތިބުނީ. އަހަރެންގެ ބޮޑު ދަރިއަށް ކިޔަނީ މުހައްމަދު އަޔާލު. ހަގު ދަރިއަށް ކިއީ އަހްމަދު ބަރަކު. ބަރަކުގެ އަމަޔަށް ކިޔަނީ ރޫބިޔާ ދޮހުއްތު. އެކުދިންނަށް ނަން ދިނީ ހުދު އަހަރެން. އެކުދިންގެ ނަންތައް ހަނދާންނެތޭހާ އަހަރެން ބުއްދި ގޯސްނުވޭ. ނިކަން މިއީ ދޮގެއްތޯ ބަލަން އެސޮރު ކައިރިން އަހާބަލަ" ރާޝިދު ދުލެއް ނުކުރިއެވެ.
މިފަހަރު ޒުބައިރު އެކަމަށް އިންކާރު ނުކުރިއެވެ. ރާޝިދުގެ ވާހަކަތަކުގައި ހަގީގަތެއްވާކަން ޒުބައިރަށް ފާހަގަވިއެވެ.
"ރާބޭ އެކިޔަނީ ހަމަރަނގަޅަށް ކަމަށް ވާނީ. ކަމެއްވާން ﷲ އިރާދަކުރައްވައިފިނަމަ ލަހެއްފަހެއް ނޯންނާނެ. އަހަރެމެންނަށް ނޭނގި ކުރިއަށް އޮތް ސިކުންތުގައިވެސް އެތައް ކަމެއް ބަދަލުވެދާނެ" މިހުރިހާއިރު އެއްޗެއް ނުބުނެ އިން ހަބީބާ ބުނެލިއެވެ.
*******
ރޭގަނޑުގެ ކެއުމުގައި ބައިވެރިވާން ރިންދާގެ ކޮޓަރިން ނުކުތް ވިލިނީ ފެނި ނަހާގެ މޫނުމައްޗަށް ވެރިވީ ހައިރާން ކަމެކެވެ. މެންދުރު އައިގޮތަށް އަދިވެސް ވިލިނީ ގެއަށް ނުދަނީބާއޭ ނަހާގެ ހިތަށް އެރިއެވެ. ސުވާލުކުރަން އުޅެފައިވެސް ރިންދާގެ އެންމެ ގާތް އެކުވެރިޔާއަށް ވީތީ އެ ހިޔާލު ނަހާ ދޫކޮށްލިއެވެ.
"ބޭބެ އާއި ޔާލް ކައިގެން ވާހަކައިގަ ޖެހިފަ ދޯ" ތައްޓަށް ކާއެއްޗެހި އަޅައިގެން އައި ނަހާއަށް ރިންދާ ބުންޏެވެ.
"އާނ މި ނިމުނު ހަފުތާގެ ހުރިހާ ދުވަހަކަށް ވާވަރަށް ވާހަކަ ހުންނާނެއްނު" ހީލަމުން ނަހާ ބުންޏެވެ.
ހިމޭންކަމާއެކު ތިން މީހުން ކާން ތިއްބައި ރިންދާގެ އަތުގައި ވިލިނީގެ އަތުގެ އުނޅަބޮށިކޮޅުން ޖައްސާލިއެވެ. ރިންދާ ބަލައިލުމާއެކު ބޮލުގެ އިޝާރާތުން ނަހާ ދައްކާލިއެވެ. ވިލިނީ އެބުނީ ކީކޭ ކަން ރިންދާއަށް އެނގުނެވެ.
"މަންމާ، ކުޑަދުވަސްކޮޅަކަށް ވިލިނީ މިގޭގަ މަޑުކޮށްލިޔަސް އެންމެ ރަނގަޅު ދޯ" ރިންދާ އެހިއެވެ.
ނަހާ ހައިރާންވެފައި ރިންދާއަށް ބަލައިލިއެވެ. ވިލިނީއަކީ މީހެއްގެ އަންބެކެވެ. ކުއްލިއަކަށް އެފަދަ އެއްޗެއް ރިންދާ ބުނި ސަބަބެއް އެނގެން ނަހާ ބޭނުންވިއެވެ.
"ވިލީ އުޅެނީ ވަރިވާންވެގެން" ރިންދާ ބުންޏެވެ. އެހިސާބުން ވިލިނީގެ މޫނަށް ނަހާ ބަލައިލިއެވެ. އިސްޖަހައިގެން ވިލިނީ އިންގޮތުން ނަހާ ހިތުގައި ހަމްދަރުދީ އުފެދުނެވެ.
"އެންމެ ރަނގަޅު މަންމައަށް" ނަހާ ބުންޏެވެ. އެވަގުތު ނޭހިޔަސް ރިންދާގެ ފަރާތުން ހުރިހާ ކަމެއް އެނގޭނެކަން ނަހާއަށް އެނގެއެވެ.
********
ބެލްކަނީގައި ފޯނު ހިފައިގެން ދެކޮޅަށް ހިނގަން ހުރި ރޫބިޔާ މޫނުމަތީގައި ވަނީ ހިތްހަމަ ނުޖެހުމެވެ. އިރުކޮޅަކާ މޫނު ދެފަރާތަށް ހޫރާލާގޮތުން އެކަމަކީ ބޮޑު ކަމެއްކަން އެނގެއެވެ. އެގޮތުގައިވީ އިރުކޮޅެކެވެ. އަތުގައި އޮތް ފޯނު ރިންގުވާން ފަށައިފިއެވެ. ފޯނު ކަންފަތުގައި ޖަހައިގެން އިރުކޮޅަކު ހުރެފައި ބެލްކަނިން ތިރިއަށް ބޯދިއްކޮށްލާފައި ބަލައިލިއެވެ. ދެން ދުރުދުރުގައި ފިޔަވަޅު އަޅަމުން ދޮރުހުޅުވައިގެން ހުއްޓެވެ.
މާގިނައިރެއް ނުވެއެވެ. ސިއްރުން ގޭތެރެއަށް އެވަނީ ފަރީދެވެ. ތަނަށް ވެރިވެފައިވާ އަނދިރިކަމުގައި ފަރީދުގެ އަތުގައި ހިފައިގެން ރޫބިޔާ ވަނީ ހުސްކޮށް ހުރި ކޮޓަރިއަށެވެ. ދޮރު ރަނގަޅަށް ތަޅުލާފައި ކޮޓަރީގެ ލައިޓްތައް ރޫބިޔާ ޖެއްސިއެވެ. ކޮޓަރި މެދުގައި ހިނިތުންވެފައި ހުރި ފަރީދަށް ބާރަޖަހާފައިވާ ރޫބިޔާގެ މޫނު ފެނުމާއެކު މުޅި ރޭގަނޑު ހަރާބުވީކަން އެނގުނެވެ.
"ކިހިނެއްވެފަ މަގޭ ޖާނުގަނޑަށް" ރޫބިޔާގެ ގާތަށް އައިސް ބައްދާލަމުން ފަރީދު ބުންޏެވެ. ރޫބިޔާ ފަރީދު ދުރަށް ލިއެވެ.
"އަހަރެންނަށް މަކަރުހަދަނީ ދޯ. އޮޅުވާލީ ދޯ މަށަށް" ރޫބިޔާ ބުންޏެވެ.
"ކީއްވެ ތިހެން ތިބުނީ. އަހަރެން އޮޅުވައެއް ނުލަން. އެއަށްވުރެ ރޫބީ އަހަރެންނަށް މުހިންމު" ފަރީދު ބުންޏެވެ.
"ތި މުހިންމު ވީ ސަބަބު އަހަރެންނަށް އެނގޭ. އަހަރެންގެ ހަށިގަނޑު ބޭނުންވާތީ އަހަރެން ކައިރިއަށް އަންނަނީ" ރޫބިޔާ ބުންޏެވެ.
"މިހާރު އަހަރެންނަށް އެނގިއްޖެ ތިވީގޮތް. ރުޅި މަޑުކޮށްބަލަ ޖާނުގަނޑާ. އާދެބަލަ މިތާ އިށީންނަން" ރޫބިޔާ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބައިންދަމުން ފަރީދު ބުންޏެވެ.
"ތި ރުޅިގަނޑު މަޑުކޮށްފަ އަޑުއަހާބަލަ. އަހަރެން ހެދީ މުޖައްރިބު އެއްޗެއް. މިވީހާތަނަށް ދުވަހަކުވެސް އަހަރެންނަށް ނާކާމިޔާބުވެފައެއް ނެތް"
"ދެން ތިހެންވިއްޔާ އެހާ ދުވަސް ނަގަނީ ކީއްވެ؟ މިއަދު އަހަރެން މާލެ ދިޔައިން. އެގޭ ކައިރިއަށް ދިޔައިރު އަހަރެން ހިތަށް އެރީ އަނެއްކާ ކޮންތަނަކަށްބާއޭ މިއާދެވުނީ. އާނ އެހެން ހިތަށް އަރާނެއްނު. ބުރިބުރިއަށް ހިއްލާލާފަ ހުރީ. އޭނައަށް އެކަމުން އަސަރެއް ކުރިނަމަ އެހާވަރު ވާނެތަ؟" ރޫބިޔާ ވާހަކަދެއްކިއެވެ.
"ތިހެންވިއްޔާ ތިއީ މައްސަލައެއް. ތީގަ ގޯހެއް އެބައުޅޭ. ގޯސް ހެދިފަ އިން ހިސާބެއް ބަލަންވީ. އަހަރެންގެ އަތުން ގޯހެއްނުހެދޭކަން ޔަގީން" ފަރީދު ބުންޏެވެ.
"ދެން އެހެންވިއްޔާ ހެދުނު ގޯހެއް ބަލައިދީ. އަހަރެން ބަލިވާކަށް ބޭނުމެއް ނޫން. ކޮންމެ ހާލެއްގައިވެސް އެ ގޯތި އަހަރެން ބޭނުން" ރޫބިޔާ ބުންޏެވެ.
"ތިކަން ވެދާނެ. އެކަމަކު މަޖާކޮށްލުމަށްފަހު. ރޫބީ އާ ދުރުގަ ވަރަށް ދުވަހު ހުރެވިއްޖެ. ކައިރިއަށް އައިސްފަ ދެން އިތުރަކަށް ކެތެއްނުވާނެ" ރޫބިޔާ ގޮވައިގެން އެނދުގައި އޮށޯންނަމުން ފަރީދު ބުންޏެވެ.
***********
ފޮށި ހިފައިގެން ސިޑިން ފައިބައިގެން އައި ވިލިނީއަށް ބެގަރީ އެހީވެދިނެވެ. ފޮށި ގޭޓާ ހަމައަށް ބެގަރީ ގެންގޮސްދިނެވެ. ޓެކްސީ އަންނަންދެން ގޭޓުން އެތެރޭގައި ވިލިނީ މަޑުކޮށްލައިގެން ހުއްޓެވެ. ބެގަރީ ހުރިގޮތުން ވިލިނީ ދެރަވިއެވެ. އޭނާ އެގެއިން ދިޔުމުން ބެގަރީ އެކަނިވާނެވަރު ވިލިނީއަށް އިހުސާސް ކުރެވެއެވެ.
"އެކޮއި މިގެއިން ދާތީ އަހަރެން ވަރަށް ދެރަވޭ. އެކަމަކު ނަހީކްގެ އަނިޔާތަކުން މިންޖުވާނެތީ އުފާވެސްވޭ" ބެގަރީ ބުންޏެވެ.
"ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް އަހަރެން ކެތްކުރިން. އަހަރެން މިދަނީ އޭނަގެ ކަންތައް ހައްދުން ނެއްޓީމަ. އަހުލާގީ މިންގަނޑު ފަހަނައަޅައި ދިޔައީމަ ދެއަތް އުރާލައިގެން ނުހުންނަންވެގެން" ވިލިނީ ބުންޏެވެ.
"އަހަރެންވެސް ގޮތެއް ނިންމާނަން ވަރަށް އަވަހަށް" ބެގަރީ ބުންޏެވެ.
"އަހަރެންގެ އެހީތެރިކަމެއް ބޭނުންވިއްޔާ ބުނައްޗޭ. އަހަރެން އަބަދުވެސް ހުންނާނީ ބެގަރީއާއެކު" ވިލިނީ ބުންޏެވެ.
"ވަރަށް އަވަހަށް އޭނަ މައިތިރިކުރާނެ މީހަކު މިގެއަށް އަންނާނެ. ބެގަރީ ގައުމަށް ނުގޮސް މަޑުކޮށްލައްޗޭ ކުޅިވަރު ބަލާލަން. އެދުވަހުން ބެގަރީއަށް އެނގޭނެ އޭނަގެ އަސްލަކީ ކޮބާކަން. އިންސާނެއްގެ ސިފައިގައި ހުއްޓަސް ފަރުދާގެ ނިވަލުގައި ވަނީ ކޯޗެއްކަން. ވަރަށް އަވަހަށް ފަރުދާ ހިއްލިދާނެ" ވިލިނީ ބުންޏެވެ.
ޓެކްސީ އައިސް ބަރުގޮނު އަޅާލުމުން ވިލިނީ ބަލައިލިއެވެ. ވިލިނީގެ ފޮށި ކާރަށް އަރުވަން ބެގަރީ އެހީވެދިނެވެ.
"ވަރަށް ހިތްހެޔޮކުރައްޗޭ ބެގަރީ. އަހަރެން ބެގަރީއަށް ގުޅައިގެން ހާލު ބަލާނަން. މިގޭ ހަތަރުފާރުން އެތެރެއިން އަހަރެންނަށް ލިބުނު ހަމައެކަނި ހިތްހަމަޖެހުމަކީ ބެގަރީ" ޓެކްސީއަށް އަރަމުން ވިލިނީ ބުންޏެވެ.
*********
ހައިބް ގޮވައިގެން ސްކޫލު ދޮށަށް ދާން ނަހާ ނުކުތުމުން ގޭތެރޭގައި ރިންދާ އެކަނިވިއެވެ. ގެއަށް ފޮށި ލާފައި ދިޔަގޮތަށް ވިލިނީ ދިޔައީ ހުޅުމާލެއަށެވެ. މޭޒު މައްޗަށް ކާން ހަދާފައި ރިންދާ ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެލިއެވެ. ވިލިނީ ދެއްކި ވާހަކަތަކުގެ މަތިން ރިންދާ ހިތަށް އެރީ ކުއްލިއަކަށެވެ. އެކަމާމެދު ވިސްނާލިޔަސް ރިންދާގެ މުޅިން ގައިން ދާހިއްލާލައެވެ. ނަހީކްގެ ލާއިންސާނީ އަމަލުތައް ލޮލުން ދެކި އިހުސާސް ކުރެވިފައިވުމުން އިތުރަށް ނަހީކްގެ ކުރިމައްޗަށް އަރާނެ ހިތްވަރެއް ރިންދާގެ ނެތެވެ. އެހެންނަމަވެސް ވިލިނީ ފާޅުކުރި ހިޔާލު ގޯހެއް ނޫނެވެ. ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ އެންމެ ފަސޭހަގޮތަކީ އެގޮތެވެ. އެކަމަށް ރިންދާ އާ ބަހެއް ނުބުނެއެވެ. އަޔާލް އާ ވާހަކަދައްކާފައި ނޫނީ އެވަރުގެ ނިންމުމެއް ރިންދާ ނުނިންމާނެއެވެ. އެހެންކަމުން ރިންދާ އެވާހަކަތައް އަޔާލް އާ ހިއްސާކުރަން ބޭނުންވިއެވެ.
ފުންނޭވައެއް ދޫކޮށްލާފައި ފޯނު ހޯދާލިއެވެ. އަޔާލްއަށް މެސެޖެއްކުރަން އުޅުނު ވަގުތު އެއީ އަޔާލްގެ މެސެޖެއް ލިބުނު ވަގުތެވެ.
"ތިން މީހުންގެ މީޓީންއެއް ރާވަން އެބަޖެހޭ. ރިދާ ރެޑީވައްޗޭ" އަޔާލްގެ މެސެޖް ރިންދާ ކިޔާލިއެވެ.
***************
ރޭގަނޑުގެ ކެއުމަށް ގޭގައި އުޅޭ ހުރިހާ ފިރިހެނުން އެރީ އެއްކޮށެވެ. އަތްގާތްކޮށްދޭން ހަބީބާ އުޅުނުއިރު ޖިލްވާ މަޑުކޮށްލައިގެން އިނީ ބޭރު ޖޯލީގައެވެ. ކުރިމައްޗަށް ވާގޮތަށް ރާޝިދު އާއި ބަރަކް ތިބިއިރު ތަނަށް ވެރިވެފައި ވަނީ ހަމަހިމޭންކަމެވެ. ރާޝިދުއަށް ވުރެ ގިނައިން ބަރަކްއަށް ރާޝިދުއަށް ބެލޭކަން ފާހަގަވެ އަތްދޮވެގެން ނުކުމެ ޖިލްވާ ކައިރީގައި އިށީނެވެ.
"އެ ބޭބެ މިހާރު އޯކޭ ކަންނޭނގެ" ކުރިމަތީގައި ހުރި ގޮނޑިމަތީގައި ހުރި ދުފާ ތަބަކުން ކަރަންފުލެއް ނަގަމުން ބަރަކް ބުންޏެވެ.
ހުރިހާ ފިރިހެނުން ކައިގެން ނުކުތުމާއެކު ހަބީބާ ޖިލްވާއަށް ގޮވާލިއެވެ. ކާންވީ ވަގުތު ޖެހުނީކަން ޖިލްވާއަށް އެނގުނެވެ.
"ހިނގާލަން ދާންވާނެ ދޯ ކައިގެން" ޖިލްވާ ތެދުވަމުން ބުންޏެވެ.
ބޭރު ރުއް ކައިރީގައި ސިނގިރެޓެއް ރޯކޮށްލައިގެން ހުރި ޒުބައިރުއަށް ކުޑަދޮރުން ހަބީބާ ބަލައިލިއެވެ. އަނގައިން ނުބުންޏަސް އެދެމެދުގައި ވާހަކަތަކެއް ދެކެވިއްޖެއެވެ. ސިނގިރެޓް ބިންމައްޗަށް ވައްޓާލައި އޭގެ މައްޗަށް ފައިން އަރައި ނިއްވާލުމަށްފަހު ޒުބައިރު ހިނގައިގަތީ ޖޯލީގައި އެކަނި އިން ބަރަކް އާ ދިމާލަށެވެ.
ބަރަކް އާ ވާހަކަދައްކަން ފެށުމުގެ ކުރިން އަތުގައި އޮތް ފޯނުން ރާޝިދުއަށް ގުޅާފައި ލައިގެން އިން ގޮޅިޖެހި ގަމީހުގެ ކުރިމަތީ ޖީބަށް ވައްޓާލިއެވެ.
"ނުލަފާ ދުވަސްކޮޅަކާ ދިމާކޮށްފައޭ ތިއައީ. ޒުބައިރުބެގެ ދަރިންކޮޅު ސްކޫލަށް ދާ ދުވަސްވަރު ވީމަ ޗުއްޓީއެއްވެސް ނުލިބޭނެ. އަންނަ ހަފުތާގަ ބަންދުވާއިރު އެ އޮތީ މޫސުން ގޯސްވާނެ ކަމަށް ބުނެފަ. އެހެންނޫނީ ރަށް ކައިރީގަ ހުރި ފަޅުރަށްތަކަށް ދަތުރުވެސް ދެވުނީސް" ޒުބައިރު ވާހަކަދެއްކިއެވެ.
ދައްކަން ބޭނުންވި ވާހަކަ ކުއްލިއަކަށް ހުޅުވާލަން ޒުބައިރުއަށް ނުކެރުނެވެ. އެވާހަކަ އާ ހަމައަށް ދެވޭނީ މަގު ކޮށައިގެންކަން ޒުބައިރުއަށް އެނގެއެވެ.
(ކާގެ ތެރެއިން)
"އެހެންތަ ރޫބިޔާ ތަ ކިޔަނީ. ހަބީބާއްތަމެން ވަރަށް އަޑުނާހާ ނަމެއް ވީމަ ދެވަނަ ފަހަރަށްވެސް މިއަހާލީ" ކާމޭޒު ކައިރީގައި އިން ހަބީބާ ޖިލްވާ އާ ވާހަކަދެއްކޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
"ޒުހޫރު ދައްކާނެ އަބަދުވެސް ބަރަކްގެ ވާހަކަ. އެސޮރުގެ ބައްޕަ ކޮން މަސައްކަތެއް ކުރަނީ؟" ހަބީބާ އެހިއެވެ.
"ބަރަކް ބައްޕަ ދުނިޔޭގައި ނެތް. ބަރަކް މަންމަ އާއި އަޅުގަނޑާ ތިން މީހުން ގޭގަ ތިބެނީވެސް" ޖިލްވާ ބުންޏެވެ.
"އެހެންތަ. އެހެންވީމަ އެސޮރު ވަރަށް ޒިންމާދާރުވާނެތާ ދޯ" ހަބީބާ ބުންޏެވެ.
"އަޔާލްދޮންބެ ހުންނަނީ މާލޭގަ ހުންނަ އެމީހުން ބައްޕަ ގޯތީގަ. މިހާރު އެތަން ހަދަނީ. އެހެންވެ ބަރަކް ހުޅުމާލެއިން ތަނެއް ހިފައިގެން ހުންނަނީ. އެގެ ހެދީމަ ދެން ބަދަލުވެވޭނީ. ހަބީބާއްތަމެން ވާނެ ދާން" ޖިލްވާ ވާހަކަދެއްކިއެވެ.
(ބޭރު ޖޯލިން)
"އެއްބަނޑު ހުރިހާ ކުދިންވެސް މާލޭގަތަ އުޅެނީ؟ ހުރިހާ ކުދިންވެސް ވަރަށް ގުޅޭ ދޯ" ޒުބައިރު ބުންޏެވެ.
"އަޅުގަނޑުގެ ހުންނަނީ ދޮންބެ އެކަނި. ދޮންބެ ރަނގަޅު. މާލޭގަ ދޮންބެވެސް އުޅެނީ" ބަރަކް ބުންޏެވެ.
"އެއްދުވަހަކުން ބޭބެ ގޮވައިގެންވެސް އަންނަންވާނެ އެނގޭ މިރަށަށް" ޒުބައިރު ބުންޏެވެ.
"ހެހެހެ... ދޮންބެ ވަރަށް ދަތުރުކުރާހިތެއް ނުވާނެ. ދޮންބެއަކީ އަބަދުވެސް ވަރަށް އެކަނިވެރިކޮށް އުޅޭ ކުއްޖެއް" ބަރަކް ބުންޏެވެ.
"އެއީ ކިހިނެއްވީ އަނެއްކާ؟ ބޭބެވެސް އުޅެނީ ޕޮލިހުގަތަ؟" ޒުބައިރު އެހިއެވެ.
"ނޫން. ދޮންބެ މަސައްކަތް ކުރަނީ އަމިއްލަ މީހެއްގެ ތަނެއްގަ. ދޮންބެ ވަރަށް ރަނގަޅުވާނެ. އެކަމަކު އަޅުގަނޑުމެން ދެބެން ވަރަށް ތަފާތުވާނެ. ފެނުނު މީހެއްވިއްޔާ ބުނާނެ އެހެން. ބަރަކްގެ ހުންނަނީ އަލި ކަޅެކޭ. އަޔާލް މާ ދިގޭ. އެކަމަކު އަޔާލް މާ ބަސްމަދޭ ބަރަކްއަށް ވުރެ" ލޯބިވާ ދޮންބެގެ ވާހަކަތައް ދައްކަން ފެށުމާއެކު ބަރަކްއަށް ލިބުނީ ހިތްވަރެކެވެ.
ބޭނުންވި ސުވާލުތަކުގެ ޖަވާބު ލިބުމާއެކު ޒުބައިރު ތެދުވެގެން ހިނގައިގަތެވެ. އަތުތެރޭގައި އޮތް ފޯނު ނިއްވާލާފައި ގޭތެރެއަށް ވަދެގެން ގޮސް ރާޝިދުގެ ކޮޓަރީ ދޮރަށް އެރިއެވެ. ރާޝިދު ފެންނަން ނެތެވެ. ޒުބައިރު ކޮޓަރިން ނުކުންނަން އުޅެނިކޮށް ރާޝިދު ނުކުތީ ފާހާނައިންނެވެ. ޒުބައިރު ފެނުމާއެކު ރާޝިދުގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގެ އަސަރު ރާޝިދުގެ ދެލޮލާ ހަމައަށްވެސް ފޯރާފައިވާކަން ޒުބައިރުއަށް ފާހަގަވިއެވެ. ބުނުމަކާ ނުލައިވެސް ރާޝިދުގެ މިޒާޖަށް ބަދަލު އައިސްފައިވާކަން ޒުބައިރުއަށް އެނގުނެވެ.
"މިދަނީ ވާހަކަދައްކާލަން. ނިއުމަތެއް ދެއްވީމަ ނިއުމަތް ދެއްވި ފަރާތްމަތިން ހަނދާންނައްތާލައިގެން ނުވާނެއްނު" ރާޝިދު ބުންޏެވެ.
ކަބަޑުމަތީގައި އޮތް މުސައްލަ ރާޝިދު ނެގި މަންޒަރު ފެނުމާއެކު ރާޝިދު ކުރަން އުޅެނީ ކީއްކަން ޒުބައިރުއަށް އެނގުނެވެ.
*******
އިޝާނަމާދުގެ ފަހުން އޮއްސާލި ވަޔާއި ވާރެއާއެކު ހީވީ ދެ ކަންފަތް ބަށްވެދާނެހެންނެވެ. މުޅި ދުވަހު އެއްކޮށް ވިއްސާރަވާން އުޅޭކަމުގެ އަލާމާތްތައް ދެއްކުމަށްފަހު އޮއްސާލީ އަދި ކިރިޔާއެވެ. ރޭގަނޑުގެ ކެއުން ނިންމާލާފައި ޝާހްބާޒާއި ނަހާ ބޮޑުކޮޓަރިއަށް ނުކުތްއިރު ވިލިނީ އާއި ރިންދާގެ އިތުރުން އަޔާލް ކާމޭޒު ކައިރީގައި ތިއްބެވެ. އަޔާލް އިނުމުން ވިލިނީ އިނީ އެހާވަރަށް ވާހަކަދައްކަން ނުކެރިފައެވެ. ވިލިނީ އާއި އަޔާލް އާ ދެމެދު މާބޮޑު ރަހުމަތްތެރިކަމެއް އުފެދިފައި އަދި ނެތެވެ. އެކަމަކު އެކަކު އަނެކަކަށް ހިތްހެވެވެ.
"ދަނީތަ؟ ޕިރިނީކޮޅެއްވެސް ނުކައި" ވިލިނީ ތެދުވެގެން ހިނގައިގަތުމުން ރިންދާ ބުންޏެވެ.
"އަހަރެން އަދި ފަހުން އަންނާނަން ކާން. އިހަށް ތިދެކުދިން މާފޮޅުވާލާ" ހިނިތުންވެލަމުން ވިލިނީ ބުންޏެވެ.
ރިންދާ ބަލައިލީ އަޔާލްއަށެވެ. އޭރު އަޔާލް ހިނިއައިސްފައި އިނެވެ.
"އަހަރެން ވަރަށް ބޮޑު ވާހަކައެއްދައްކަން ބޭނުންވެފަ މީނީ" ރިންދާ ބުންޏެވެ.
"ހުރޭ އެންމެން އެއްތަންވަންދެން. ވާރޭ ނުހުއްޓައިފިއްޔާ އިދޫ ކައިރީގަ ބުނާނީ މިގެއަށް އަންނާށޭ. އޯކޭވާނެއްނު ގޭތެރޭގަ ބައްދަލުވުން ނިންމާލީމަ" އަޔާލް ބުންޏެވެ. ރިންދާ ބޯޖަހާލިއެވެ. އެގޮތް މާބޮޑަށްވެސް ރިންދާއަށް ކަމުދިޔައެވެ.
"އަހަރެމެންގެ ޓީމުގަ ވިލީވެސް ބައިވެރިކުރަންވީނުން" ރިންދާ ބުންޏެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ