Close
ޚަބަރު

ދިވެހި ނޫސްވެރިންނަށް ޗައިނާއިން ތަމްރީނު ފުރުސަތުތައް ހޯދައިދިނުމަށް މަޝްވަރާކޮށްފި

މުހައްމަދު އިޝާން

ނޫސްވެރިން ތަމްރީނުކުރުމަށް، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއާއެކު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މަޝްވަރާކޮށްފިއެވެ.

އެމްއެމްސީގެ މެމްބަރުން މިއަދު ވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެންގު ލިޒިން އާއި އެޓާޗޭ ވެންގޯ ލޯންހޯއާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި މީޑިއާ ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު އާއި ކައުންސިލްގެ މެމްބަރުން ކަމަށްވާ އަލީ ހުސެއިނާއި އަހުމަދު މޫސާ އަދި ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ސަމީރެވެ.

މީޑިއާ ކައުންސިލުން ބުނީ، އެ ބައްދަލުވުމުގައި މަޝްވަރާކުރީ ދިވެހި ނޫސްވެރިން އަމަލީ ތަޖުރިބާގެ ދަތުރުތަކަށް ފޮނުވުމާއި ފަންނީ ގާބިލްކަން އިތުރުކުރުމަށް އެހީތެރިވެދިނުމާ ގުޅޭގޮތުން ކަމަށެވެ. އަދި ޗައިނާއިން ދިވެހި ނޫސްވެރިންނަށް ސްކޮލަޝިޕް ފުރުސަތު ހޯދައިދިނުމަށްވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ބުންޏެވެ.

އެ ބައްދަލުވުމުގައި ޗައިނާގެ ސަފީރު ވެންގު ލިޒިން ވަނީ ނޫސްވެރިން ތަމްރީނުކުރުމުގެ ފުރުސަތުތައް ހޯދައިދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ނޫސްވެރިން ތަމްރީނުކުރުމަށް ޗައިނާ އެމްބަސީއާއެކު މަޝްވަރާކުރި އިރު، އެ ގައުމުން މީގެ ކުރިން ވެސް ވަނީ ނޫސްވެރިންނަށް ދިގު މުއްދަތުގެ ތަމްރީނުގެ ފުރުސަތުތައް ހޯދައިދީފައެވެ.