ތ. ތިމަރަފުށި މަދަރުސާ ގޮއްވާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރި އެރަށު ކެނެރީގެ، އާލީ މުނީޒަށް ކުރާ ޓެރަރިޒަމްގެ ދައުވާތަކަށް އޭނާ އިންކާރުކޮށްފިއެވެ.

ދައުލަތުން މުނީޒުގެ މައްޗަށް ކުރަނީ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު އޮތް އިބްތިދާއީ އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ އަލީ މުނީޒަށް ލިބިގެންވާ ހައްގުތައް ކިޔައިދެއްވައިފައެވެ.

އެއަށްފަހު ދައުލަތުން ވަނީ، މުނީޒުގެ މައްޗަށް ކުރާ ދައުވާތައް އިއްވައިފައެވެ. އެގޮތުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ މުނީޒުގެ މައްޗަށް އުފުލީ، "ދިވެހި ސަރުކާރުގެ ވެރިން އަތުޖެހޭ ހިސާބަށް އަތުވެއްޖެނަމަ މަރާލަންޖެހޭ" ކަމަށް އޭނާ ބުނެފައިވާތީ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް ޓެރަރިޒަމަށް ހިތްވަރުދޭ އެކި ވާހަކަ އޭނާ ދައްކާފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި އެކަން ސާބިތުކުރަން ދައުލަތުން ވަނީ ސިއްރު ހެކީން ހުށަހަޅައިފައެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އިއްވުމުން މުނީޒް ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ.

މުނީޒްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާ އިއްވަމުން ދައުލަތުން ބުނީ އެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމާއި އަމާޒަށް ތީރު ޖެހުމުގެ ތަމްރީނު ހޯދުމުން ކަމަށެވެ. އެގޮތުން ތ. ކަނިމީދޫއަށްދާ ދަތުރުތަކުގައިވެސް އަމާޒަށް ތީރު ޖެހުމާއި ރާޅާ ދެކޮޅަށް ފެތުމާއި ތަންތަނަށް އެރުން ފަދަ އުކުޅުތައް ދަސްކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އެ ދައުވާއަށްވެސް އޭނާ ވަނީ އިންކާރުކޮށްފައެވެ.

ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ފަދަ ލިއުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއަށްވެސް މުނީޒު ވަނީ އިންކާރުކޮށްފައެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް ކަނޑައަޅުއްވައި، ދިފާއީ ހެކި ހުށަހަޅަން މުނީޒަށް ފަސް ދުވަސް ދެއްވައިފައެވެ. އަދި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ހުށަހަން ވަނީ އަންގަވައިފައެވެ.