ޚަބަރު

މޮޅު، ތޫނުފިލި ކުދިން ޓީޗަރުންނަށް ނުވާނަމަ، އެވޯޑު ލިބޭ ކުދިން މަދުވާނެ: މިނިސްޓަރު

މުހައްމަދު އިޝާން

މޮޅު، ތޫނުފިލި ކުދިން ޓީޗަރުންނަށް ނުވާ ނަމަ، އެވޯޑް ހަފުލާގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އަހަރުން އަހަރަށް މަދުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ދަށު ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުން މަތީ ވަނަތައް ހޯދި ދަރިވަރުންނަށް ބާއްވާ "ޓޮޕް އެޗީވާސް" އެވޯޑް ހަފުލާގައި ވާހަކަދައްކަވަމުން ޑރ. އައިޝަތު ވިދާޅުވީ، "ޓޮޕް އެޗީވާސް" އެވޯޑު ދަރިވަރުންނަށް ލިބިފައިވަނީ އެ ދަރިވަރުން ދެއްކި ނުގުޑާ އަޒުމާއި ކެތްތެރިކަމުގެ ސަބަބުން ކަމަށެވެ.

ޑރ. އައިޝަތު ވިދާޅުވީ، އޯ ލެވެލް ނުވަތަ އޭ ލެވެލް ނިންމައިލުމުން ދަރިވަރުންގެ ތައުލީމީ ހަޔާތް ނިމުނީ ނޫން ކަމަށާއި އެ ހިސާބުން އެ ފެށެނީ މަތީ ތައުލީމުގެ މަރުހަލާ ކަމަށެވެ.

"އަޅުގަނޑު އެދެނީ ތިޔަ ކުދީންގެ ތެރެއިން، އެންމެ ތޫނުފިލި ކުދީން މުދައްރިސުންނަށް ވުމަށް. އަޅުގަނޑު މި އެދުން މި ހާމަކުރީ، ރަނގަޅު މުދައްރިސުން ނުއުފެއްދޭ ނަމަ، މި ފަދަ އުފާވެރި ޖަލްސާތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އަހަރަކަށްފަހު އަހަރެއް މަދުވަމުންދާނެތީ ޖަލްސާތައް ކުރުވަމުންދާނެތީ،" ޑރ. އައިޝަތު ވިދާޅުވިއެވެ.

ޑރ. އައިޝަތު ވިދާޅުވީ ޓީޗަރުންނަކީ ވަރަށް ބޮޑު ޒިންމާއެއް ހަވާލުކޮށްފައިވާ ބައެއް ކަމަށާއި ޓީޗަރުން ކުރަމުންދާ މަސައްކަތަކީ މުޅި ގައުމަށް އަދި އެތަކެއް ޖީލުތަކަކަށް އޭގެ އަސަރު ފޯރާ މަސައްކަތެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، 40 އަހަރުކުރިން ޓީޗަރުންނަކީ ވަރަށް ގަދަރުވެރި ވަޒީފާއެއް ކަމަށާއި އެ ހާލަތު ބަދަލުވީ އެހެން ވަޒީފާތަކުން ޓީޗަރުންނަށް ވުރެ ބޮޑު މުސާރަ ދޭން ފެށުމުން ކަމަށެވެ. އެކަމަކު މި ސަރުކާރުން އެކަން އިސްލާހުކޮށްފައިވާ ކަމަށާއި ޓީޗަރުންގެ މޫނުމަތިން ހިތުންވުން ގެނުވި މުސާރައަށް ބޮޑު ކުރިއެރުމެއް އެ ދާއިރާއަށް ވެސް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މަތީ ތައުލީމުގެ ފުރުސަތުތައް މި ސަރުކާރުން ވަރަށް ބޮޑަށް ހުޅުވާލާފައިވާ ކަމަށާއި އެ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި ތައުލީމުގެ އިތުރު ހަރުފަތްތައް ގިރާކުރުމުގެ ވަރުގަދަ އަޒުމުގައި އެ ކުދިން ކުރިއަށް ދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.