އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސްއޯޑަރ (އޭޑީއެޗްޑީ) އަކީ މީހުންގެ ސުލޫކަށް އަސަރުކުރާ ބައްޔެކެވެ. އޭޑީއެޗްޑީ ހުންނަ މީހުންނަށް ހަމަޖެހުމެއް ނެތްހެން ހީވެ، ސަމާލުކަން ދިނުމަށް ދަތިވެ، (އިމްޕަލްސް)ކުއްލިއަކަށް ބޭނުންވާކަމެއް ވިސްނާލުމެއް ނެތި، ވަގުތުން އެކަމެއް ކުރުން ކަހަލަ ކަންތައް ދިމާވެއެވެ.

އޭޑީއެޗްޑީގެ އަލާމާތްތައް ޅައުމުރުގައި ފާހަގަ ކުރެވޭއިރު، ކުއްޖާގެ ހާލަތު ބަދަލުވުމުން، ސްކޫލް ފެށޭއިރު ބައެއް ކަންކަން ފާހަގަ ކުރެވިދާނެއެވެ. ގިނަ ކޭސްތައް ފާހަގަކުރެވެނީ ކުދިންގެ އުމުރުން 3 އަހަރާއި 7 އަހަރާ ދެމެދުގެ ވަގުތެއްގައި ނަމަވެސް ބައެއް ފަހަރު ވަރަށް ޅައުމުރުގައި ފާހަގަ ކުރެވެއެވެ. ބައެއް ފަހަރު އޭޑީއެޗްޑީގެ މީހަކު، ކުޑައިރުވެސް މައްސަލަ ހުރިނަމަވެސް ކުޑައިރު ދެނެގަނެވިފައި ނުވާތީ، އެމީހުން ބޮޑުވާފަހުން ފާހަގަ ކުރެވެއެވެ. އޭޑީއެޗްޑީ ހުންނަ މީހުންނަށް ނިދުމާއި ހާސްކަމުގެ އުނދަގޫތައް ފަދަ އިތުރު މައްސަލަތައް ވެސް ކުރިމަތިވެދާނެ އެވެ.

އޭޑީއެޗްޑީ އަކީ އާއިލީ ވާރުތަވާ މައްސަލައެކެވެ. ގިނަ ހާލަތްތަކުގައި މައިންބަފައިންގެ ފަރާތުން ވާރުތަވާ ޖީންތަކުން ދިމާވާ މައްސަލައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އޭޑީއެޗްޑީ ހުންނަ މީހެއްގެ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ ކުދީންނަށް އޭޑީއެޗްޑީ ޖެހުމުގެ ފުރުސަތު ބޮޑެވެ.

  • ހަމަޖެހިގެން ނުހުރެވުން ނުވަތަ ހަމަހިމޭންވެފައި އިނުމަށް ދަތިވުން.
  • މެދުނުކެނޑި ފިޖިޓިން. (ފައިތެޅުވުން، އެއްޗެއް އިނގިލިތަކުގެ ތެރޭގައި އެނބުރުން، ނިޔަފަތިކެއުން ފަދަ ހަލުވިމިނެއްގައި އެއިންނަ ތަނެއްގައި އިނދެ ކުރާ ކަންތައް)
  • މަސައްކަތަށް ސަމާލުކަން ނުދެވޭ ގޮތްވުން
  • މާބޮޑަށް ޖިސްމާނީ ހަރަކާތްތެރިވުން. (އަވަސްވެފައި އަބަދުވެސް ކޮންމެވެސް ކަމެއްގައި ހަރަކާތްތެރިވުން)
  • މާގިނައިން ވާހަކަދެއްކުން. (ކަމަކާ ބެހޭ ގޮތުން ވާހަކަ ދައްކާނަމަ އާދަޔާ ހިލާފަށް މާބޮޑަށް ތަފުސީލަށް ދިއުން)
  • ވިސްނުމެއް ނެތި އަމަލު ކުރުން
  • ވާހަކަތައް މެދުކަނޑާލުން
  • ފަރުވާކުޑަވުމާއި ތަފުސީލަށް ސަމާލުކަން ނުދިނުން
  • ކުރަން ފަށާފައި ހުންނަ މަސައްކަތްތައް ނިންމުމުގެ ކުރިން މެދުނުކެނޑި އާ މަސައްކަތްތައް ފެށުން.
  • އޯގަނައިޒޭޝަނަލް ސްކިލްސް ދަށްވުން.
  • ފޯކަސް ނުވަތަ އިސްކަންދޭން ނޭނގުން
  • މެދުނުކެނޑި ތަކެތި ގެއްލިގެން ނުވަތަ ހުންނަން ޖެހޭ ތަން ނޫން ތަންތާ ބެހެއްޓުން
  • ހަނދާންނެތުން. (ވަރަށް ކުދިކުދި ތަފުސީލުތައް ވަރަށް ރަނގަޅަށް ހަނދާން ހުންނައިރު ޖީބުގައި ތަޅުދަނޑި ބާއްވައިގެން ހޯދާހޯދާ ހާސްވެ، ކަންބޮޑުވާ ވަރަށް ތަޅުދަނޑި ގެއްލިގެން ހޯދުން ފަދަ ކަންތަައް)
  • ހަމަޖެހުމެއް ނެތުމާއި ފަލަވުން
  • މަޑުމަޑުން ތިބުމަށް ދަތިވުމާއި، ނުވަގުތުތަކުގައި ވާހަކަ ދެއްކުން (ފިލްމެއް ބަލަން ތިބެފައި ފެންނަ ސީނާ މުޅިން ނުގުޅޭ ވާހަކައެއް ފެށުން، ކުރަން އިންނަ ކަމާ މުޅިން ނުގުޅޭ ވާހަކަ، ނުގުޅޭ ވަގުތުގައި ދެއްކުން)
  • ގައި ހިރުވުން، ހަމަ ވަރަށް ދަތި ވަގުތުތަކުގައި ގައި ކަހާ ގޮތްވެ، ކަންބޮޑުވުން.

އޭޑީއެޗްޑީ އިން ރައްކާތެރިވެވޭނެ ގޮތެއް ނުވަތަ ސީދާ ފަރިވާއެއް ނުހުރެއެވެ. އެކަމަކު އަވަހަށް ދެނެގަނެވިފައި، އެއަލާމާތްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ހިތްވަރުދީ، އަދި ހިތްވަރު ކުރުމުން މީހާ މާޔޫސްކަން ބޮޑުވެ ގެއްލުމެއް ވާހިސާބަށް ނުގޮސް ވަކި މިންގަނޑެއްގައި ހުރެވޭނެއެވެ.

ކުޑަކުދީންނަށް އޭޑީއެޗްޑީއަށް ދޭ ފަރުވާތަކުގެ ތެރޭގައި ބޭހާއި ބިހޭވިއަރ ތެރަޕީއާއި ކައުންސެލިން އަދި ތައުލީމީ ހިދުމަތްތައް ހިމެނެއެވެ. މި ފަރުވާތަކުގެ ސަބަބުން އޭޑީއެޗްޑީގެ ގިނަ އަލާމާތްތަކަށް ލުއި ލިބިދާނެ ނަމަވެސް، އެ ފަރުވާތަކުން އެކަމަށް ދާއިމީ ހައްލެއް ނުލިބެއެވެ. ތިރީގައި މިހިމަނައިލަނީ ކުޑަކުދީންނަށް އޭޑީއެޗްޑީ ގެ މައްސަލަ ޖެހިފައިވާކަން އެނގުމުން ދެވޭނެ ތެރަޕީތަކެވެ.

  • އޭޑީއެޗްޑީ ބިހޭވިއަރ ތެރަޕީ
  • ބިހޭވިއަރ ތެރަޕީ
  • އިޖުތިމާއީ ހުނަރުތައް ތަމްރީނު ކުރުން.
  • ބެލެނިވެރިކަމުގެ ހުނަރުތައް ތަމްރީނު ކުރުން.
  • ސައިކޮތެރަޕީ
  • ފެމިލީ ތެރަޕީ

މިއީ ވަރަށް އާއްމުކޮށް ފެންނަފަދަ ކަމަކަށް ވިޔަސް ގިނަފަހަރު ތިމާގެ ގައިގައި އެއްވެސް ކަމެއް ހުރިކަން ގަބޫލެއް ނުކުރެވެއެވެ. މިއީ އެހާ ފަސޭހައިން ދެނެގަނެވޭ ކަމަކަށް ނުވިޔަސް އާއްމު މީހުންނާއި ތަފާތު ކަމެއް ފާހަގަ ވާނެއެވެ. އެހިސާބުން ފަރުވާ ވަގުތުން ދެވިއްޖެނަމަ މިއީ ބޮޑުވަރު ނުވަނީސް، ވަކި މިންގަނޑެއްގައި ހިފަހައްޓާލެވޭނެއެވެ.