މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ފައިސާ ދައުރުކުރަން ބޭނުންކުރުމާ ގުޅިގެން ފްރީޒްކޮށްފައި ހުރި އެސްއޯއެފްގެ ބޭންކު އެކައުންޓްތައް ދޫކޮށްލައިފިއެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އެސްއޯއެފްގެ އެކައުންޓް ފްރީޒުކުރީ 2020 ވަނަ އަހަރުއެވެ. އެ އެކައުންޓް އަންފްރީޒްކުރަން ކޯޓުން އަމުރުކުރި އިރު، އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަހުގީގު ކުރަމުންނެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އަމަލުތަކާ ގުޅިގެން ދިހަ ކުންފުންޏަކާއި ދެ މީހެއްގެ ބޭންކް އެކައުންޓް ފްރީޒް ކުރަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވެއެވެ.
އޭގެ ތެރޭގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑާއި، އެސްއޯއެފް ސާވިސް ޕްރައިވެޓް ލިމިޓެޑާއި، އެސްއޯއެފް ސްޓޫޑިއޯ ޕްރައިވެޓް ލިމިޓެޑާއި، އެސްއޯއެފް ޑިވެޕޮލްމަންޓް ޕްރައިވެޓް ލިމިޓެޑު ހިމެނެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، އެސްއޯއެފްގެ އެކައުންޓްތައް ދޫކޮށްލުމުގެ އަމުރެއް ދެ ތާރީހެއްގައި ސިވިލް ކޯޓުން ނެރެފައިވާ ކަމަށެވެ. އެއީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހާއި މި މަހުގެ ހަތް ވަނަ ދުވަހުއެވެ. ނަމަވެސް މި ދެ އަމުރު ނެރުނު ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފައެވެ.
އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު ނިޝާން މުހައްމަދު ދީދީ "ވަން" އަށް މިރޭ ވިދާޅުވީ، ކޯޓު އަމުރު ތަންފީޒުކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި މަހުގެ ކުރީކޮޅު އަންގާފައިވާ ކަމަށެވެ. އެކަން އެނގުނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހުގީގު ތެރެއިން ކަމަށެވެ.
"އެސީސީން ދަނީ ފްރީޒްކުރުމުގެ މަސައްކަތް ކުރަމުން، އަޅުގަނޑުމެނެއް ނޫން ދޯ އެކައުންޓް ފްރީޒް މިކުރަނީ، ފްރީޒް ކުރާއިރު ބޭނުންވާނެ އެކައުންޓުގައި ފައިސާ ހުރި މިންވަރު، އެކަން ދެނެގަންނަން މިހާރު މަސައްކަތް ކުރަނީ،" ނިޝާން ވިދާޅުވިއެވެ.
ނިޝާން ވިދާޅުވީ، އަންނަ ހަފުތާ ތެރޭގައި އެސްއޯއެފް އެކައުންޓް ފްރީޒުކުރުމުގެ އަމުރަކަށް އެދޭނެ ކަމަށެވެ.
ސިވިލް ކޯޓުން އެސްއޯއެފްގެ އެކައުންޓް ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ ކޮން ފަރާތަކުން އެދިގެން ކަމެއް ސާފެއް ނުވެއެވެ.
އެމްއެމްޕީއާރްސީ އޮޑިޓްކޮށް، އޮޑިޓް އޮފީހުން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އަގު 79 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.
އެސްއޯއެފްއަކީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލޯންޑާކުރި މައި އެކައުންޓް ކަމަށް ދައުލަތުން ވަނީ މީގެ ކުރިން ބުނެފައެވެ. ނަމަވެސް ފަހުން އެ އެކުންފުނީގެ އިސްވެރިންގެ މައްޗަށް ދައުވާ ނުކުރަން ދައުލަތުން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު