ސަތޭކަ އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ޅ. އޮޅުވެލިފުށި، ށ. ކަނޑިތީމު އަދި ލ. ދަނބިދޫއަށް ތައާރަފުކޮށްފިއެވެ.
އުރީދޫން ބުނީ މި ރަށްތަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މި ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބާ ސުޕަނެޓް ކަނެކްޝަނަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް ފުރަތަމަ ތިން މަހަށް 300 ޖީބީ ބޯނަސް ޑޭޓާ ލިބޭނެ ކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އުރީދޫ ފައިބާ ސުޕަނެޓް ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑްތަކުގެ އިތުރުން ޑޭޓާ ރޯލްއޯވާ ހިދުމަތާއެކު މިވަގުތު މާކެޓުގައި އެންމެ ފުރިހަމަ ޕްލޭންތައް ކަމަށެވެ. އަދި މި ތިން ރަށުގެ ރައްޔިތުންނަށް މި ހިދުމަތް ފޯރުކޮށްދީ އިތުރު ފުރުސަތުތަކާ ގުޅުވާލަދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒާ އެއްގޮތައް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފެންވަރު ރަނގަޅު ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައިވެސް ކުރިއަށްދާނެކަމުގެ ޔަގީންކަން އަރުވަން،" ނިޔާޒް ވިދާޅުވިއެވެ.
ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައެވެ.
މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބޭނެއެވެ. އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބޭނެއެވެ.
މީގެ އިތުރުން ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއަށް އިތުރުވެގެންދާނެއެވެ.