މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ޖަލުތަކުގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންގެ ތެރެއިން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތައް ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.

ޖަލުތެރޭގައި އީއެސްޖީ އޮފިސަރުން ހިންގާ އޮޕަރޭޝަންސްތަކުގައިވެސް ބޮޑީވޯން ކެމެރާ ބޭނުންކުރާނެއެވެ.

ކަރެކްޝަންސްއިން ބުނީ، ބޮޑީވޯން ކެމެރާ މެދުވެރިކޮށް ޕްރިޒަން އޮފިސަރުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެ ކަމަށެވެ. އަދި ޖަލުތެރޭގައި ދިމާވެދާނެ ހާދިސާއެއް ތަހުގީގުކުރަން ޖެހޭ ހާލަތުގައި، އެމްސީއެސްގެ އެތެރޭންނާއި ބޭރުން ތަހުގީގުކުރާ ފަރާތްތަކަށް ވީޑީއޯ އަދި އޯޑިއޯ ރެކޯޑިން އޮތުމުން އެ މައްސަލަ ބެލުމަށް ފަސޭހަވެގެންދާނެ ކަަމަށް ބުންޏެވެ.

ފްރީ ޓްރަޔަލްއެއްގެ ގޮތުން ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށާފައިވަނީ އެމެރިކާގެ އެކްސޮން ކުންފުނީގެ ރާއްޖޭގެ ޑިސްޓްރިބިއުޓާ ޒެޓާ ޓެކްނޮލޮޖީސްއާއެކު މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ވެވުނު އެއްބަސްވުމުގެ ދަށުންނެވެ.

ކަރެކްޝަންސްއިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި މި ކެމެރާތައް ދާއިމީ ގޮތެއްގައި ބޭނުންކުރަން ފަށާނެ ކަމަށެވެ.

ބޮޑީވޯން ކެމެރާ ދިވެހި ފުލުހުން ވެސް އަންނަނީ ބޭނުން ކުރަމުންނެވެ. ފުލުހުން މިބާވަތުގެ ކެމެރާ ބޭނުން ކުރަން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.