މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ޖަލުތަކުގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންގެ ތެރެއިން ފްރަންޓްލައިންގައި ހަރަކާތްތެރިވާ އޮފިސަރުން ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.

ކަރެކްޝަނުން މިއަދު ބުނީ، ޖަލުތެރޭގައި އެމެޖަންސީ ސަޕޯޓް ގްރޫޕު (އީއެސްޖީ) އޮފިސަރުން ހިންގާ އޮޕަރޭޝަންސްތަކުގައި ވެސް ބޮޑީވޯން ކެމެރާ ބޭނުން ކުރާނެ ކަމަށެވެ.

ބޮޑީވޯން ކެމެރާ މެދުވެރިކޮށް ޕްރިޒަން އޮފިސަރުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެ ކަމަށާއި އަދި ޖަލުތެރޭގައި ދިމާވެދާނެ ހާދިސާއެއް ތަހުގީގުކުރަންޖެހޭ ހާލަތުގައި އެމްސީއެސްގެ އެތެރޭންނާއި ބޭރުން ތަހުގީގުކުރާ ފަރާތްތަކަށް ވީޑީއޯ އަދި އޯޑިއޯ ރެކޯޑިން އޮތުމުން އެ މައްސަލަ ބެލުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ކަރެކްޝަނުން ބުންޏެވެ.

ކަރެކްޝަނުން ބުނީ، ބޮޑީވޯން ކެމެރާ ބޭނުންކުރަން ފެށުމުން ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޕްރިޒަން އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކުރާނެ ކަމަށެވެ.

ފްރީ ޓްރަޔަލްއެއްގެ ގޮތުން ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށާފައިވަނީ އެމެރިކާގެ އެކްސޮން ކުންފުނީގެ ރާއްޖޭގެ ޑިސްޓްރިބިއުޓާ ޒެޓާ ޓެކްނޮލޮޖީސްއާ އެކު 17 ފެބްރުވަރީ 2022 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށް ކަރެކްޝަނުން ބުންޏެވެ.

ބޯޑި ވޯން ކެމެރާ މުސްތަގުބަލުގައި ދާއިމީ ގޮތެއްގައި ބޭނުންކުރަން ފަށާނެ ކަމަށް ކަރެކްޝަނުން ބުންޏެވެ.

ކަރެކްޝަންސް އިން ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފަށާފައިވާއިރު، މިއަހަރު ވަނީ ދިވެހި ފުލުހުންގެ ޔުނީފޯމުގައި ވެސް ބޮޑީވޯން ކެމެރާ ހަރުކޮށް، ބޭނުންކުރަން ފަށައިފައެވެ.