ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 33

ރުކުއަޅަންދާ އެއްޗެހި ދަބަހަށް އަޅަން ހުރި ރާޝިދުގެ ނަޒަރު އިރުކޮޅަކާ ޖޯލީގައި ކުރުނބާ ފަނި ތައްޓެއް ހިފައިގެން އިން ބަރަކްއަށް ހުއްޓެއެވެ. ބަރަކް ފެނުމާއެކު ރާޝިދަށް އިހުސާސްކުރެވުނީ ޒަމާނުއްސުރެ ގެއްލިފައިވާ ގާތް މީހެއް ފެނުމުން ކުރެވޭ ކަހަލަ އިހުސާސެކެވެ. ރާޝިދު ނަޒަރު ތަފާތުކަން ބަރަކްއަށް އިހުސާސްވެ ދުރުގައި އިން ރާޝިދުއަށް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"ދެން ދާންވީނުން ކޮޓަރިއަށް. ކަމެއް ބޭނުންވިއްޔާ ދައްތައަށް އަންގާލާ އިނގޭ" ތަށިތައް ނަގަމުން ދިޔަ ހަބީބާ ބުންޏެވެ.

"ޒުހޫރު ބުނި އަންނަ ވާހަކަ" ބަރަކް ބުންޏެވެ.

"އެސޮރު އެއީ ނިކަން ފާޑެއްގެ ކުއްޖެއް. ދައްތަ އާއި ބޭބެ ކައިރީގައި އަންނަންވީމަ ނުއެއް ބުނާނެ. ކުއްލިއަކަށް ފެންނާނީ ގެއަށް އައިސް ވަންނަތަން" ހީލަމުން ހަބީބާ ބުންޏެވެ.

ބަރަކް އާއި ޖިލްވާ ހީލާފައި ޖޯލިން ތެދުވެ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އެމަންޒަރު ބަލަހައްޓައިގެން އަދިވެސް ރާޝިދު އިނެވެ. ރުކުއަޅަންދާން މިއަދު ލަސްވެގެން އޭނާ ނޫޅެއެވެ. ގޭތެރެއިން މިއަދު އޭނައަށް ލިބުނީ މުޅިން ތަފާތު ހިތްހަމަ ޖެހުމެކެވެ. ހިތްހަމަޖެހުން ލިބިފައި ވަނިކޮށް އެއަށް ފުރަގަސްނުދޭށޭ ހިތް ބުނާ ކަހަލައެވެ. އެންމެފަހުން ދަބަސް ހުރިތަނުގައި ބަހައްޓާފައި ރާޝިދު އައިސް ޖޯލީގައި އިށީނެވެ.

ގިފިލިން ނުކުތް ޒުބައިރުއަށް ވިސްނުމަކަށް ގެއްލިފައި އޮތް ރާޝިދަށް ބަލަހައްޓައިގެން ހުރެވުނެވެ. ރުކަށް ދާން ލަސްވާނެ ކަމަށް ބުނެފައި ރާޝިދު ހެނދުނު ސައިވެސް ބުއީ ވަރަށް ކުޑަކޮށެވެ. އަތުކުރީގައި އޮތް ގަޑިއަށް ޒުބައިރު ބަލައިލިއެވެ. ރާޝިދު ދާން ބުނި ގަޑި ފަހަނަ އަޅައި ގޮސްފިއެވެ. އެންމެފަހުން ރާޝިދަށް ވީކަމެއް އޮޅުންފިލުވުމަށް ޒުބައިރު އައިސް ރާޝިދު ކައިރީގައި ހުއްޓުނެވެ.

"ރާބޭ! ކޮންވިސްނުމެއްގަ" ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން ޒުބައިރު އެހިއެވެ. "އަނެއްކާ ބަލީތަ؟

ފަޒާގެތެރެއަށް ފުން ނޭވައެއް ދޫކޮށްލަމުން ރާޝިދު ޖޯލީގައި އިށީނެވެ. ހަށިގަނޑު އެއްކޮށް ޒުބައިރު އާ ދިމާލަށް އަނބުރާލާފައި ނިކަން ފުން ނަޒަރަކުން ޒުބައިރުއަށް ބަލައިލިއެވެ.

"ﷲ އިރާދަކުރެއްވީތީ ކުރިންވި އެއްވެސް އުނދަގުލެއް މިހާރު އަހަރެންނަށް ނުވޭ. މާތްﷲ ގެ ހެޔޮ ރަހްމަތްފުޅާއި މިންވަރުފުޅާއެކު ރުޤްޔާއިން އެކަލާނގެ އަހަރެންނަށް ޝިފާ ދެއްވައިފި. އަހަރެން އުޅުނީ މިއަދުގެ ވަގުތެއްގަ އަހަރެން ދިރިއުޅޭ ގެއަށް ބަދަލުވާން. އެކަމަކު ޒުބައިރު! އަހަރެންނަށް މިހާރު މުޅިން ތަފާތު އުނދަގުލެއް އެބަވޭ. ކުއްލިއަކަށް އަހަރެންނަށް ވަރަށް ބޮޑު ބަދަލެއް އަތުއްވެއްޖެ. އަހަރެންނަށް މިވާގޮތެއް ބުނާކަށް ނޭނގޭ" ރާޝިދު ވާހަކަދެއްކިއެވެ.

އިސާހިތަކު ރާޝިދުގެ ދެލޮލުގެ ތެރޭގައި ކަރުނަތައް ބޮޑިވެގަތެވެ. ވާނުވާ ނޭނގި ޒުބައިރުއަށް ރާޝީދުގެ ބުރަކަށީގައި ފިރުމާލެވުނެވެ.

"އަހަރެންނަށް ނުވިސްނުނު ރާބެ ތިދައްކާ ވާހަކައެއް. ގައިމުން ދެންމެ ބުނެއްޖެ އުނދަގުލެއް ނުވެއޭ" ޒުބައިރު ބުންޏެވެ.

"އަހަރެން މިބުނީ ރުގުޔާ ކުރިއިރު އެވީ އެއްވެސް އުނދަގުލެއްނުވެއޭ" ރާޝިދު ބުންޏެވެ.

"ދެން....؟؟ ޑަކުޓަރަކަށް ދައްކަން ދާންވީނުން" ޒުބައިރު ބުންޏެވެ.

"މިގެއަށް އެއައި ސޮރަކީ ކޮންރަށަކު ކުއްޖެއްތަ؟" ރާޝިދު އެހިއެވެ.

"ކޮންރަށެއް ކަމެއް ނޭނގެ. އަހާލަންޖެހޭނީ" ޒުބައިރު ބުންޏެވެ.

"އަހަރެންގެ ދެ ފިރިހެން ދަރީން ދުނިޔޭގައި ތިބިނަމަ މިހާރު އެހާކަންވަރުވެފަ ތިބޭނީ. އަހަރެންނަށް ހީވަނީ އަހަރެންގެ ކާފަ ދަރީންވެސް ދުނިޔޭގައި ތިބޭނެ ކަންނޭނގެ. އެސޮރު ފެނުމުން އަހަރެން އެކުދީން މަތީން ވަރަށް ހަނދާންވެއްޖެ. މިއަދު ހަމަ ގެއިން ބޭރަށް ނުކުންނަ ހިތެއް ނުވި. އެސޮރާ ވާހަކަދައްކާލަން ބޭނުމީ" ރާޝިދު ވާހަކަދެއްކިއެވެ.

*******

ތައްޔާރުވެގެން ގެއިން ނުކުންނަންދިޔަ ވިލިނީގެ އަތުގައި މީހަކު ހިފެހެއްޓިއެވެ. ފަހަތަށް އެނބުރި ބަލައިލިއިރު ނަހީކް ހުރީ ވިލިނީގެ އަތުގައި ހިފައިގެންނެވެ. ނަހީކްގެ އަތުތެރެއިން އަތް ފޮޅާލަމުން ވިލިނީ ފަހަތަށް ޖެހުނެވެ.

"ކޮންތާކަށް. ކަލެއަށް މިގެއިން ބޭރަށް އެންމެ ފިޔަވަޅެއްވެސް ނޭޅޭނެ" ނަހީކް ބުންޏެވެ.

"ކަލޭ ތިއީ ކާކު އަހަރެން ހުއްޓުވަން" ވިލިނީ ބުންޏެވެ.

"އަހަރެންނަށް އެނގޭ ތިދަނީ އެ ރޫބިޔާ ކައިރީގައި އަހަރެންގެ ވާހަކަދައްކާކަށްނު. އަހަރެން ކަލޭ ގަޔަށް އެރިއޭ ކިޔާފަ ދޮގުވާހަކަ ފަތުރާކަށްނު. ކަލޭގެ މުޅި އާއިލާވެސް އުޅެނީ ހަމަ ތިހެންދޯ" ނަހީކް ބުންޏެވެ.

"ލަދެއްވެސް ނުގަނޭތަ އަހަރެން ކުރިމަތީގައި އަނގަ ހުޅުވާކަށް. އަހަރެން މިދާތަނެއް ބަލަން ކަލޭ ބޭނުންތަ؟ އަހަރެން މިދަނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ކައިރިއަށް. އަހަރެން ކަލޭގެ ވާހަކަދައްކާނީ އޭނަ ކައިރީގަ. ނިކަން ހިތްވަރެއް ހުރިއްޔާ އަހަރެން ހުއްޓުވަބަލަ. ކައިރިއަށް އެންމެ ފިޔަވަޅެއް އެޅިޔަސް އަހަރެން މިގެއަށް އެނބުރި އަންނާނީ ފުލުހުން ގޮވައިގެން" ވިލިނީ ބުންޏެވެ.

ދެއުކުޅުގައި އަތްވިދެލައިގެން ނަހީކް ހުއްޓެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގިފައެވެ. ވިލިނީއަކީ ނަހީކަށް ރޫބިޔާއަށް ވުރެ ނުރައްކާތެރި މީހެކެވެ. ފުލުހުން ގެންނާނަމޭ ބުނެ އިންޒާރުއެދިނީ ދެވަނަ ފަހަރަށެވެ. އެ އަންހެނާ ހުއްޓާލާނީ މިގެއަށް ފުލުހުން ވައްދާފައެވެ. ނަހީކް ހިތުގައި ބިރުވެރިކަމެއް ހިނގާލިއެވެ. އަވަހަށް ވިލިނީ ވަރިކޮށްފައި ގެއިން ނެރޭނެގޮތެއް ވިސްނަންވީއެވެ. ކޮޓަރިއަށް ދިޔުމަށް ސިޑިއާ ދިމާލަށް ނަހީކް ދިޔަވަގުތު މަންޒަރު ބަލަހައްޓައިގެން ދުރުގައި ބެގަރީ ހުއްޓައި ފެނިއްޖެއެވެ. ނަހީކްގެ ފިޔަވަޅުތައް މަޑުޖެހުނެވެ.

"ބެގަރީ އޭނައަށް ވިސްނައިދީ" ނަހީކް ބުންޏެވެ.

ވިލިނީއަށް ވިސްނައިދޭންވީ ކޯޗެއްކަމެއް ބޭގަރީއަށް ނޭނގެއެވެ. އެހެންނަމަވެސް އަވަސް އަވަހަށް ބޯޖަހާލިއެވެ.

*********

މަގަށް ނުކުތްގޮތަށް ވިލިނީ ދިޔައީ ގެއާ މާބޮޑަށްވެސް ދުރުގައި ހުރި ރިންދާގެ ގެއާ ދިމާލަށެވެ. ކާރެއް ހޯދަން މަގުމަތީގައި ހުންނާކަށް ވިލިނީއަށް ވަގުތެއް ނެތެވެ. އޭނާ ހުރީ އެހާބޮޑަށް ރިންދާ އާ ބައްދަލުކުރަން ބޭނުންވެފައެވެ. ރިންދާ އާ މެދު ކަންތައްވެފައިވާ ގޮތުން ވިލިނީ ހުރީ ރޮވިފައެވެ. ބޮޑުދައިތައިގެ ނުބައި ރޭވުމެއްގައި ޖަނަވާރެއްފަދަ އިންސާނަކާ ކައިވެނީގެ މަތިވެރި ގުޅުމުން ވިލިނީއަށް ވި އެއްވެސް ފައިދާއެއް ނެތެވެ. ކޮންމެދުވަހަކު އެތެރެހައްޓަށް އަޅާ ވޭންދަނީ ބޮޑުވަމުންނެވެ. ދެލޮލަށް ވެރިވި ކަރުނަތަކާއެކު ވިލިނީއަށް ކުރިއަށް ހިނގަން ދަތިވިއެވެ. ދެލޮލުގައި އަވި އައިނެއް އަޅާފައި އޮތް ނަމަވެސް އައިނު ދަށުން ކަރުނައިގެ ރޮނގެއް ދެމިގެން ދިޔައެވެ. އެހެންކަމުން ވިލިނީ ބޭނުންވީ ބާކީ އޮތް ހިސާބަށް ޓެކްސީއެއްގައި ދާށެވެ.

މަގުމަތިން ދިޔަ ކަޅު ކާރަކަށް ވިލިނީ އަތް ނެގުމާއެކު އެ ކާރު ހުއްޓައިފިއެވެ. ވިލިނީ ކާރަށް އަރާފައި ދާން ބޭނުންވި އެޑްރެސް ބުނެފިއެވެ. އާދައިގެ ދުވެއްޔެއްގައި ދިޔަ ކާރު ދުއްވަން އިން ޒުވާނާ ކުރިމަތީގައި ހުރި ލޯގަނޑު ފަހަތުގައި އިން ވިލިނީ ފެންނަ ވަރަށް ސެޓްކޮށްލިއެވެ. ވިލިނީގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފެނި ޒުވާނާގެ ހިތަށް ތަދުވެލިއެވެ. ދުވަހަކުވެސް ލޯބީގެ ގުޅުމެއް އަންހެނަކާ ބާއްވާފައިނުވާ ޒުވާނާގެ ހިތް ވިލިނީގެ އެންމެ ފުރަތަމަ ފެނިލުމާއެކު އެ ޒުވާން ނިޔަނެތި އަންހެންކުއްޖާއަށް ދީފިއެވެ. ފޯނަށް ބަލަހައްޓައިގެން އިން ވިލިނީ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔުމާއެކު ދެއަތުން ފޮހެލައެވެ. ވާހަކަދައްކައި ސުވާލުކޮށްލަން ބޭނުންވިޔަސް ވިލިނީ ދެކޭނެގޮތެއް ނޭނގޭތީ އެހިތްވަރު ކުރާކަށް ޒުވާނާއަށް ނުކެރުނެވެ.

ވިލިނީއަށް ހަމަހޭވެރިކަމެއްވީ ކުއްލިއަކަށް ކާރު ހުއްޓާލުމުންނެވެ. އަންނަން ބޭނުންވި މަންޒިލްކަން އެނގުމާއެކު ވިލިނީ ކާރުން ފޭބިއެވެ. ދަބަހުން ނެގި ފަންސާސް ރުފިޔާގެ ނޫޓު ޒުވާނާއަށް ދިއްކޮށްލުމާއެކު ޒުވާނާ ހީލައިފިއެވެ.

"އަޅުގަނޑަކީ ޓެކްސީ ޑްރައިވަރެއް ނޫން. މިއީ ޓެކްސީއެއްވެސް ނޫން. ތިފައިސާ ކަމަނާއަތުގަ ބަހައްޓާ...." ޒުވާނާ ބުންޏެވެ. ވިލިނީ ލަދުގަނެ ރަކިވާގޮތްވިއެވެ. ޓެކްސީއެއް ކަމަށްހީކޮށް މަގުމަތިން ހުއްޓުވުނީ ޕްރައިވެޓް ކާރެއް ހެއްޔެވެ؟

"ސޮރީ.. އަޅުގަނޑަށް އެވަރު ބަލައި ނުލެވުނީ" ވިލިނީ ބުންޏެވެ.

"އެހާވަރުކަމެއް ނޫން އެއީ. ހިނދުކޮޅަކަށް ނަމަވެސް އަޅުގަނޑުގެ ހިތަށް އުފާވެރިކަމެއް ގެނެސްދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ" ޒުވާނާ ބުންޏެވެ.

ހީލާފައި ވިލިނީ އެތެރެއަށް ވަންނަން އުޅެނިކޮށް ޒުވާނާ ބުނި ޖުމްލައެއްގެ ސަބަބުން މަޑުޖެހިލިއެވެ.

"ތިހާ ރީތި ދެލޮލާއި ކަރުނައަކާ ނުގުޅޭ" ޒުވާނާ ކާރު ކުރިއަށް ދުއްވާލުމާއެކު ވިލިނީ ހިމޭންކަމުގައި އިރުކޮޅަކު ހުއްޓެވެ.

ބަލާލަން ރީތި ޒުވާނެކެވެ. ހިތްހެޔޮވެސްމެއެވެ. ވާހަކަދެއްކުމުގައި ބޮޑާ ކަމެއް ފޮނިކަމެއް ނެތެވެ. ޔަގީނެވެ. އެވާނީ ކޮންމެވެސް ނަސީބުގަދަ އަންހެން ކުއްޖެއްގެ ހިތުގެ ރަސްގެފާނަށެވެ. ޒުވާން އުމުރުގައި ޖަނަވާރެއްގެ އަތްދަށުވީ ވިލިނީއެވެ. ކުރާނެކަމެއް ނެތެވެ. އެ ކާރު ލޮލަށް ގެއްލެންދެން އެދިމާލަށް ވިލިނީ ބެލިއެވެ.

*********

"ނިންމާފަ އިދޫ އާއެކު ކޮފީއަކަށް އަރާފަ ހަބަރެއްވާނަން އިނގޭ" ގެއިން ނުކުންނަމުން އަޔާލް ބުންޏެވެ. ދެން ކައިރީގައި ހުރި ރިންދާގެ ކޮލުގައި ލޯބިން ވިކާލިއެވެ.

"މިއަދަށް މަސައްކަތް ނިމުނީތަ؟ ހަވީރުވާކަށް މާގިނައިރެއްވެސް ނެތް" ރިންދާ ބުންޏެވެ.

"އަދި އެއްކޮށެއް ނުނިމޭ. ދަނީ އިނގޭ ބޭބީ... އިދޫއަށް މާ ރީތި އަންހެންކުއްޖެއް ފެނުނީއޯ. މިއަދު އެބަޖެހޭ ކޮންމެހެންވެސް އިދޫ އާ ދިމާކޮށްލަންދާން" އަޔާލް ބުންޏެވެ.

ލިފްޓް ހުޅުވުމާއެކު އެތެރެއިން ނުކުތް އަންހެންކުއްޖާ ފެނިފައި އަޔާލް ހީލިއެވެ. ފަހަތަށް އެނބުރި ބަލައިލީ ދޮރުމަތީގައި ހުރި ރިންދާއަށް ލިފްޓުން ނުކުތް ވިލިނީ ފެނުނުތޯ ޔަގީންކޮށްލުމަށެވެ. ރިންދާ ފެނުމާއެކު ވިލިނީ ނުހަނު ބޮޑަށް ހިނިތުންވިއެވެ. ރިންދާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެފައި ވިޔަސް އެ ހިނިތުންވުމުގެ ފަހަތުގައިވީ ކަންބޮޑުވުމާއި އަމިއްލަ ނަފުސު ކުށްވެރިކުރެވޭ ކުރެވުމެވެ. ވިލިނީ އާ ކުރިމަތިލުމަކީ ރިންދާއަށް ފަސޭހަކަމެއް ނޫނެވެ. ރިންދާއަކީ ކާކުކަން އެނގުނިއްޔާ ވިލިނީ ހިތްހަމަ ނުޖެހޭނެކަން ޔަގީނެވެ. އަނެއްކޮޅުން ރިންދާ ވަނީ ވިލިނީއަށް ނަހީކަކީ ކާކުކަން ސިއްރުކޮށްފައެވެ.

"ވިލީ، އާދޭ އެތެރެއަށް" ކުރިމަތީގައި ވިލިނީ އައިސް ހުއްޓުމާއެކު ރިންދާ ބުންޏެވެ. ވިލިނީ އެތެރެއަށް ވަނުމާއެކު ދޮރުލައްޕާ ތަންޑު އެޅުވުމަށްފަހު ރިންދާ ހިނގައިގަތީ ކާގެ އާ ދިމަލަށެވެ. އަޔާލްއަށް ކޮފީ ދިން ތަށި ހިފައިގެން ދިޔައިރު ވިލިނީ ގޮނޑީގައި އިށީނދެއްޖެއެވެ.

"ކައިގެންތަ އައިސް ތި އިނީ" ޒިންކު ކައިރީގައި ހުރެ ރިންދާ އެހިއެވެ.

"ނުކަންތަ؟" ވިލިނީގެ ފުށުން ޖަބާނެއް ނައުމުން ރިންދާ އެހިއެވެ.

ޖޯޑު ހަރުގައި އަޅާވާފައި ރިންދާ ވިލިނީއަށް ބަލައިލިއެވެ. ވިލިނީއަށް ކަމެއްވެފައި އިންހެން ހީވެ ރިންދާ ކައިރިއަށް ޖެހިލިއެވެ.

"އޭތް... ކޮންވިސްނުމެއްގަ" ވިލިނީ ސިހިގެންދިޔަކަން އެނގުމުން ރިންދާ އެހިއެވެ. ފުން ނޭވައެއް ދޫކޮށްލާފައި ގޭތެރޭގެ އެކި ދިމާލަށް ވިލިނީ ބަލައިލިއެވެ.

"ގޭތެރޭގަ އިތުރު ބަޔަކު އެބައުޅޭތަ؟" ވިލިނީ އެހިއެވެ.

"މަންމައާ ބޭބެ ވެއްޖެ ކޮޓަރީގަ" ރިންދާ ބުންޏެވެ. "ކިހިނެއްވީ؟"

"އަހަރެން ވާހަކައެއް ދައްކަން ބޭނުން. ރިދާގެ ކޮޓަރިއަށް ނުދެވޭނެތަ؟" ވިލިނީ ބުންޏެވެ. ރިންދާ ބޯޖަހާލިއެވެ. ވިލިނީގެ ވާހަކަދެއްކުމުގައި ދުރުކަމެއް ހުރިކަން ރިންދާއަށް ފާހަގަވިއެވެ.

"ހިނގާ" ރިންދާ ބުންޏެވެ.

******

މެންދުރު ކައިގެން ޓިޝޫއަކުން ދެއަތް ފޮހެމުން ޖިލްވާ ގޯތިތެރެއަށް ނުކުމެ ބަލައިލިއެވެ. ބަރަކް ޖޯލީގައި އޮތް ތަން ފެނުމުން ޖިލްވާ އެދިމާލަށް ދިޔައެވެ. ކުރިމަތިންދިޔަ ރާޝިދު ޖިލްވާއަށް ހިނިތުންވުމެއް ދިނެވެ. ފަހަތަށް އެނބުރި ބަރަކްއަށް އެތައް ފަހަރަކު ބެލިއެވެ. އެކަން ޖިލްވާއަށް ފާހަގަވެސްވިއެވެ. ބަރަކް ކައިރީގައި އިށީނދެފައި ޖިލްވާ އެނބުރި ބަލައިލިއެވެ. ގިފިއްޔަށް ވަދެ ދޮރުލައްޕާލި އިރުވެސް ރާޝިދުގެ ނަޒަރު އެދިމާލަށް އަމާޒުވެލިއެވެ.

"މިހެން ތިބެންތަ އަހަރެމެން އައީ؟ މިގޮތަށް ކައިކައިގެން ޖޯލީގަ އޮންނަންވިއްޔާ އަހަރެމެން ދެމީހުން އެނދެއްގަ މާލެ ގެންދަން ޖެހޭނީ" ޖިލްވާ ބުންޏެވެ.

ބަރަކް ހިނިއައެވެ. ތެދުވެ ޖޯލީގައި އިށީނދެފައި ޖިލްވާގެ އަތްތިލައިގައި ހިފަހައްޓާލިއެވެ.

"އިރުކޮޅަކުން މޫދަށް ދާނީ. މިގޭ ހަބީބާއްތަ ބުނި އެކޮޅުގަ ވަރަށް ރީތި މޫދެއް އޮންނަ ވާހަކަ. މިރަށުގަ އުޅޭ ގެސްޓުންވެސް ފައިބަނީ އެދިމާލަށޭ ބުނީ" ބަރަކް ބުންޏެވެ.

"އަހަރެން ވާހަކައެއް އަހާލަންތަ؟ އެ ބޭބެއަކީ ބަރަކް ދަންނަ މީހެއްތަ؟" ޖިލްވާ ބުންޏެވެ.

ޖިލްވާގެ ނަޒަރު އަމާޒުވެފައިވީ ދިމާ ބަރަކް ބަލައިލިއެވެ. އެއިރު ރާޝިދު ގިފިލިން ނުކުމެގެން ގޯތީގެ ދެ ރުއް ދޭތެރޭގައި އޮތް ހުސްޖާގައިގެ ބިންމަތީގައި އަޅާފައި އޮތް ދާގަނޑުމަތީގައި އިށީނދެއްޖެއެވެ.

"އަހަރެންނަށް ވަރަށް ބަލާކަން ފާހަގަވޭ. އަނގަޔަކުން ނުބުނޭ" ބަރަކް ބުންޏެވެ.

"ޖިލްއަށް އެނގޭތަ އެ ބޭބެއަށް ކިޔާ އަސްލު ނަން" ބަރަކް އެހިއެވެ.

"ނޭނގެ. ހަބީބާއްތަމެން ރާބެއެކެ ކިޔާފަ ގޮވާ އަޑު އިވެނީ. ކިހިނެއްވީ؟" ޖިލްވާ ބުންޏެވެ.

"ކަމެއްގެ މަތިން ހިތަށްއަރާވަރުން. އެކަމަކު އެހެނެއްނުވާނެއްނު. އަހަރެންގެ ބައްޕަ ނިޔާވެއްޖެ" ބަރަކް ބުންޏެވެ.

"ކީކޭ ތިކިޔަނީ. އެއީ ބަރަކް ބައްޕައޭތަ؟" ޖިލްވާ ބުންޏެވެ.

ބަރަކް ބޯޖަހާލިއެވެ.

"ތިގޮތަށް ހިތަށް ނާރުވާ. މަރުވެފަ ތިބޭ މީހުންނަކީ އަނބުރާ ދުނިޔެއަށް އަންނަ ބައެއް ނޫން. ބައެއް މީހުންގެ ސިކުނޑިއަށް މޮޔަ ވިސްނުންތައް އާދޭ. އެއީ ޝައިތާނާ ކުރުވާ ކަމެއް. ދެން ހިނގާ މޫދަށް ދަންޏާ ރެޑީވާންދާން" ޖިލްވާ ބުންޏެވެ.

********

ރިންދާއަށް ރަނގަޅަށް އެނދުގައި ނީށީނދެވެނީސް ވިލިނީ ރިންދާގެ ގައިގައި ބައްދާލައިފިއެވެ. ހައިރާންވެފައި ރިންދާވެސް ވިލިނީގެ ގައިގެ ދެފަރާތުން ދެއަތް ވަށައިލިއެވެ. ދެ ރަހުމަތްތެރިންގެ އެވަގުތުކޮޅު ހިނދުކޮޅަކަށް ދެމިގެން ދިޔައެވެ. ހިތަށްކޮށްފައިވާ އަސަރެއްގެ ސަބަބުން ރިންދާގެ ގައިން ވިލިނީ އިނީ ދޫކޮށްލަން ބޭނުންނުވެފައެވެ. އިރުކޮޅެއްފަހުން ވިލިނީ ދުރުކޮށްލީ ރިންދާއެވެ.

ކަރުނަތަކުން ތެންމަމުންދިޔަ ވިލިނީގެ ދެކޯތާފަތް ފެނުމާއެކު ރިންދާ ދެރަވިއެވެ. ވިލިނީއަށް ބޮޑުކަމެއް ދިމާވީކަން ރިންދާއަށް އެނގުނެވެ.

ރިންދާ އެހިއެވެ. "ވިލީ ކިހިނެއްވީ؟"

"އަހަރެން ތިހެން އަހަންވީ. ރިދާ ރަނގަޅުތަ؟" ވިލިނީ އެހިއެވެ. ވިލިނީއަށް ކޮންމެސްކަމެއް އެނގިއްޖެއެވެ. އެހެންނޫނީ އެހެން ވިލިނީ ނާހާނެއެވެ. އިސްޖަހާލަމުން ތުންފަތުގައި ރިންދާ ދަތްއެޅިއެވެ.

"އަހަރެންނަށް ހުރިހާ އެއްޗެއްވެސް އެނގިއްޖެ. ރިދާ ކީއްވެ އަހަރެންނަށް ސިއްރުކުރީ" ވިލިނީ އެހިއެވެ.

"އަހަރެން... އަހަރެން.... ސޮރީ ވިލީ... އޭނަ އަހަރެންނާ މެދު ކޮންމެ ގޮތަކަށް ދެކުނަސް ދުވަހަކުވެސް އަހަރެން އެގޮތަކަށް ނުދެކޭނަން. އަހަރެން މާލޯބިވޭ ޔާލްދެކެ" ރިންދާ ވާހަކަދެއްކިއެވެ.

"ރިދާ އެއްވެސް ކަމަކަށް ސޮރީ ބުނާކަށް ނުޖެހޭނެ. އަހަރެންގެ ހިތް ވަރަށް ސާފު" ވިލިނީ ބުންޏެވެ.

"އަހަރެން ހުރީ ބުނަން ނުކެރިފަ. އެއްވެސް މީހަކަށް އެކަހަލަ ވާހަކައެއް އަހާކަށް ފަސޭހައެއްނުވާނެ" ރިންދާ ބުންޏެވެ.

"ކީއްވެ؟ ރިދާއަށް އަހަރެންގެ ނޭނގޭ އެއްވެސްކަމެއް ނޯންނާނެ. މީހަކާ އިނދެގެން ބައި އަހަރު ފާއިތުވެގެން ދިޔައިރު އަހަރެންނާއި އެ ފިރިހެނާ އާ ދެމެދު ރަނގަޅު އެއްކަމެއްވެސް ނުހިނގާ. އެއީ އަހަރެންނަށް ބީރައްޓިއްސެއް. އަހަރެން އެގޭގަ މަޑުކޮށްގެން މިހުންނަނީ ހަމައެކަނި ރިދާއަށްޓަކައި. ރިދާ ކުރަން ތިއުޅޭ ކަންތަކަށް އަތްގާތްކޮށްދިނުމަށް. އެކަމަކު ދެން އިތުރަކަށް އަހަރެންނަށް ކެތެއް ނުވާނެ. އަހަރެން ވަރިވާން މިއުޅެނީ. ސަރުކާރު ހުޅުވުނުހާ އަވަހަށް ފޯމު ކޯޓަށް ވައްދާނަން. އަހަރެންގެ ހަށިގަނޑުގައި ވޭންނާޅާ ހަމަ އެންމެ ތަންކޮޅެއްވެސް ނެތް" އަސަރާއެކު ވިލިނީ ވާހަކަދެއްކިއެވެ.

"އަނެއްކާ އަނިޔާކުރީތަ؟" ރިންދާ އެހިއެވެ.

"އާނ އެއީވެސް އަނިޔާ. ފިރިމީހާ ކަމުގަ ވިޔަސް އަނިޔާވެރިކޮށް އަނބިމީހާގެ ފުށުން ޖިންސީ އުފާ ހޯދުމަކީ އެއީ އަނިޔާ. އޭނަ އަހަރެން ރޭޕްކޮށްފި" އިސްޖަހާލަމުން ރޮވިފައި ވިލިނީ ބުންޏެވެ. ރިންދާއަށް އަނގަމަތީގައި ދެއަތް އެޅުނެވެ.

"ހަމަ ގަދަކަމުން. އަހަރެން މަރުނުވެ ސަލާމަތްވީ ކިރިޔާ. ހަގީގަތުގަ އޭނަ ގާތްވީ އަހަރެންނަކާ ނޫން. އެވަގުތުވެސް އޭނަ ގޮވީ ރިދާއަށް" ވިލިނީ ވާހަކަދެއްކިއެވެ.

ރިންދާގެ ދެލޯ ކަރުނުން ފުރުނެވެ. އެ އިންސާނާއަށް ދުވަހަކުވެސް އޭނާގެ ހިތްހެވެއް ނުވާނެއެވެ. ދުވަހަކަށްފަހު ދުވަހެއް ރިންދާގެ ހިތުގައި ނަހީކަށްޓަކައި ރުޅި އާއި ނަފުރަތު އިތުރުވަމުން ދިޔައެވެ.

"އަހަރެންނަށްޓަކައި ވިލީ ދެން ގުރުބާންވާކަށް ނުޖެހޭނެ. ވިލީ ބޭނުންގޮތަކަށް ތިކަން ނިންމާ. ތިއީ މީހަކު އުޅޭން ހެޔޮވާވަރުގެ ތަނެއް ނޫން. އޭނަ އަހަރެންނަށް ކޮށްލިވަރު.... ސުބްހާނަﷲ... ހަމަ ޖަނަވާރެއް" ރިންދާ ވާހަކަދެއްކިއެވެ. ދެލޮލުން ފޭބި ކަރުނަތައް ފޮހެލާފައި ވިލިނީ ރިންދާގެ އަތުގައި ހިފާލިއެވެ.

"އަހަރެންނަށް ކަމެއް ކޮށްދީފާނަން ރިދާ. މިއަދު ރިދާ ނޫނީ އަހަރެން ކަމަކު ބުނާވަރުގެ މީހަކު މާލޭގައެއް ނެތް" ވިލިނީ ބުންޏެވެ. ރިންދާ ބޯޖަހާލުމާއެކު ވިލިނީ ފުންނޭވައެއް ދޫކޮށްލިއެވެ.

"އަހަރެން ދެން އެގެއަށް ދާކަށް ބޭނުމެއް ނޫން. ވަރީގެ ކަންތައް ނިމެންދެން އަހަރެންނަށް މިގެއިން ބޯހިޔާވަހިކަމެއް ދީ. އަހަރެން ބޮޑޫ ކައިރިއަށް ދާން ބޭނުމެއް ނޫން. އަހަރެންގެ މުޅި ދިރިއުޅުން ވެއްޔާ މޮޑުނީ ބޮޑޫ. މިދުވަސްކޮޅު މަންމަވެސް މާލޭގަ ހުރި ދުވަސްވަރެއް. އަހަރެން ބޭނުމެއް ނޫން މިއިން ކަމެއް އެމީހުންނަށް އެނގޭކަށް" ވިލިނީ ވާހަކަދެއްކިއެވެ.

"އަހަރެންނަށް ހަމަ އޯކޭ. އަހަރެން ވިލީއަށް އެހީވާނަން" ރިންދާ ބުންޏެވެ.

"އެކަމަކު އަދި ވަރަށް މުހިންމު އެއްކަމެއްގެ ވާހަކަ ބުނެފާނަން. އަނެއްހެން ހިޔާލެއް. ގޮތް ނިންމާނީ ރިދާ" ވިލިނީ ބުންޏެވެ.

"ކޮންކަމެއް؟ ބުނޭ" ރިންދާ ބުންޏެވެ.

"ރިދާ ނަހީކާ ދުރަށްނުދޭ. އޭނަ އާ ގުޅުމެއް އުފައްދާ.." ވިލިނީ ބުންޏެވެ.

"ތިބުނީ....؟" ރިންދާ ބުންޏެވެ.

**********

ގެއާ ދިމާލަށް ބާރަށް ހިނގާފައި އައި ރާޝިދު މުންޑު އޮޅާލާފައި ގޮށެއް ޖަހާލިއެވެ. އެހެންކަމުން ރާޝިދަށް ދުރުދުރުގައި ފިޔަވަޅު އަޅަން ފަސޭހަވިއެވެ. ގެއަށް ވަންގޮތަށް ޒުބައިރުގެ ދެމަފިރިން ނިދާ ކޮޓަރީ ދޮރުގައި ރާޝިދު ޓަކިޖެހިއެވެ. ޒުބައިރު ދޮރުހުޅުވީ ދެތިންފަހަރު ޓަކިޖެހި ފަހުންނެވެ. ވަގުތަކީ ހަވީރުގެ ވަގުތެއްކަމުން ގޭތެރެއިން ހަބީބާ ފެންނާކަށް ނެތެވެ.

"ރާބޭ،...." ޒުބައިރު ފެނުމާއެކު ރާޝިދުގެ އަޑުފަޅައިގެން ދިޔައެވެ. ދުވަހަކުވެސް އަޑުވީއްލާ ރޮއެފައިނުވާ ރާޝިދުގެ އަޑުފަޅައިގެން ދިޔައެވެ. ކުރިމަތީގައި ހުރި ޒުބައިރުގެ ކޮނޑުގައި އެއްއަތުން ރާޝިދު ހިފަހައްޓާލިއެވެ. އެހިނދު ޒުބައިރުގެ މޫނުމަތިން ކަންބޮޑުވުމެއް ފާޅުވިއެވެ.

(ނުނިމޭ)