ރާއްޖޭގެ ފުރަތަމަ އޮޓޮމެޓިކް ފަޔާ ސިމިއުލޭޓާ ހިމެނޭގޮތަށް ރީޖަނަލް އެއާޕޯރޓްސް ކޮމްޕެނީ (އާރުއޭސީއެލް) އިން އޭވިއޭޝަން އެކަޑަމީއެއް އިފްތިތާހުކޮށްފި ކޮށްފިއެވެ.
އާރުއޭސީއެލް ޓްރެއިނިން އެކަޑަމީ އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އިންހައުސް އަދި ރާއްޖޭގެ އެކިއެކި މުއައްސަސާތަކަށް، އޭވިއޭޝަންގެ ދާއިރާއިން ބޭނުންވާ ސިވިލް އޭވިއޭޝަން އެޕްރޫވްޑް ސެޓްފިކެޓް ލެވެލްގެ ކޯސްތަށް ހިންގޭނެ ފެންވަރުގެ އެކަޑެމީއެކެވެ. މި އެކަޑަމީގެ މަސައްކަތް ފަށައިފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީގެ އިރުޝާދުގެ ދަށުން ކަމަށް ރީޖަނަލް އެއާޕޯޓްސްއިން ބުނެއެވެ.
އާރުއޭސީއެލް އިން މައުލޫމާތު ދޭ ގޮތުގައި މިއެކަޑެމީގައި ސިވިލް އޭވިއޭޝަން އެޕްރޫވަލް ލިބިފަވާ ގާބިލު އަދި ތަޖުރިބާހުރި 20 ޓްރޭނަރުން މަސައްކަތް ކުރާނެއެެވެ. އަދި މި އެކަޑަމީގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންނާއި އޭވިއޭޝަންގެ އެކިއެކި ދާއިރާތަކުން ގާބިލު އަދި ހަރުދަނާ، ބަޔަކު ރާއްޖޭގައި އުފެއްދުން ކަމަށާއި މި އެކަޑަމީގައި އެކިއެކި ފެންވަރުގެ ފަޔަރ ޓްރެއިނިންގެ އިތުރުން އޭރޯޑްރޯމް އޮޕަރޭޝަނުގެ އެކިއެކި ތަމްރީނުތައް ހިންގާނެ ކަމަށް ބުންނެވެ.
ރަސްމީކޮށް މިދިޔަ ހޯމަދުވަހުގެ ރޭ އިފްތިތާހުކުރި މި އެކަޑަމީގައި ޖުމްލަ 23 ދަރިވަރުންނާއެކު މިދިޔަ މަހުގެ 26 ވަނަދުވަހު ބޭސިކް ފަޔާމަން ކޯހުގެ ތަމްރީނުވަނީ ފަށައިފައެވެ. އާރުއޭސީއެލް އިން ބުނީ ކައިރި މުސްތަގުބަލެއްގައި މި ދާއިރާއިން ވަޒީފާ އަދާކުރަން ބޭނުންވާ މުވައްޒަފުންނަށާއި ފަރުދުންނަށް އެއާކްރާފްޓް ރެސްކިއު އެންޑް ފަޔާފައިޓިން (އޭއާރުއެފްއެފް) އާއި އިމަޖެންސީ މެޑިކަލް ޓްރެއިނިންގ (އީއެމްޓީ) ޓްރެއިނިންތައް ފަށާނެ ކަމަށެވެ.
މި އެކަޑަމީގެ ފަޔާ ޓްރެއިނިން ހިންގުމުގައި ބޭނުންކުރުމަށް ތަށްޔާރުކުރެވިފަވާ ފަޔާ ސިމިއުލޭޓަރ ވުޖޫދަށް ގެނައުމަށްޓަކައި، އެސިމިއުލޭޓަރުގެ ބޭސަލް މަސައްކަތް އިސްނަންގަވައިދެއްވާފައިވަނީ އާރުއޭސީއެލްގެ ކުރީގެ ފަޔާ އެންޑް ސޭފްޓީ ޑިރެކްޓަރު، މަރުހޫމް އަހުމަދު ފަޔާޒެވެ. މި ސިމިއުލޭޓަރު އުފެއްދުމުގެ އަމަލީ މަސައްކަތް ފެށީ ސީދާ ފަޔާޒް ގެ ބެލުމުގެ ދަށުން 2021 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ.
މި މަޝްރޫއު ފެށުމުގައި ފަޔާޒު ކުރެއްވި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނާއި މެނޭޖިން ޑިރެކްޓަރުގެ ނިންމެވުމުގެ މަތީން ފަޔާ ސިމިއުލޭޓާއަށް ނަންދެވިފައިވަނީ "އަހުމަދު ފަޔާޒް ފަޔާ ސިމިއުލޭޓާ"ގެ ނަމުންނެވެ.
ފަޔާ ސިމިއުލޭޓާ އިން ފަޔާ ފައިޓަރުންނަށް ނުވަތަ ދަރިވަރުންނަށް އެހީތެރިވެދޭނީ އަލިފާން ފެތުރޭ ސްކޭލް، ތާމަލް ސްޓްރެސް، ފެންނަ ފެނުމާއި ބާރުމިން އަދި އަނދަމުންދާ ޖާގައިގެ ހާލަތަށް އަސަރުކުރާ ފިނިހޫނުމިން ފަދަ އަލިފާނުގެ ސުލޫކު ވަޒަންކުރުމަށެވެ. މި އެކަޑަމީ ބިނާކުރުމުގެ މަޝްރޫއު ކުރިއަށްގެންދިޔަ މުއްދަތުގެ ތެރޭގައި އެ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމަށް އެތައް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އާރުއޭސީއެލް އިން ބުންޏެވެ. އަދި އެ ފަޔާ ޕިޓުގެ ކުރިމަގަކީ އޭޝިއާ ސަރަހައްދުގައި ހުރި އެންމެ ފެންވަރު ރަނގަޅު އެއް ފަޔާ ސިމިއުލޭޓަރުގެ ގޮތުގައި ރޭންކް ކުރެވިގެން ދިއުން ކަމަށް އެކުންފުނިން ބުންޏެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަކީ ރައީސުލް ޖުމްހޫރިއްޔާ, އިބްރާހިމް މުހައްމަދު ސޯލިހު ގެ ގަރާރަކުން 2020 ސެޕްޓެމްބަރު 30 ގައި އުފެއްދެވި، ސަތޭކަ އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނި އުފައްދާފައިވަނީ ދިވެހިރާއްޖޭގެ ސަރަހައްދީ ވައިގެ ބަނދަރުތަކުންދޭ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ.
މިވަގުތު އާރުއޭސީއެލްއިން ހިންގަމުން އަންނަނީ ހަ އެއާޕޯޓެކެވެ. އެއީ ހޯރަފުށި އެއާޕޯޓް، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް، ކުޅުދުއްފުށި އެއާޕޯޓް، ފުނަދޫ އެއާޕޯޓް، މާވަރުލު އެއާޕޯޓް އަދި ފުވައްމުލައް އެއާޕޯޓެވެ. މި ކުންފުނި އުފެދުމުގެ ކުރިން ސަރަހައްދީ ވައިގެބަނދަރުތަކުގެ މަސައްކަތްތައް ބަލަހައްޓަމުން ގެންދެވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ރީޖަނަލް އެއާޕޯޓްސް ސެކްޝަނުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު