ގައިންގަޔަށް ނާރާ ބަލިތައް އަދި ހާއްސަކޮށް ކެންސަރު ކޮންޓްރޯލުކޮށް ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމާ ގުޅޭ ފަންނީ ލަފާ ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ފަންނީ މާހިރުންގެ ވަފުދެއް ރާއްޖެ އައިސްފިއެވެ.
ހެލްތު މިނިސްޓްރީން އިއްޔެ ބުނީ އެ ޓީމުގައި ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހާއި ސަރަހައްދީ އަދި މައި މަރުކަޒުގެ މާހިރުންނާއި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ އަދި އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އިން ކެންސަރަށް ނިސްބަތްވާ ފަންނީ މާހިރުން ހިމެނޭ ކަމަށެވެ.
މިނިސްޓްރީން ބުނީ ގައިންގަޔަށް ނާރާ އަދި ހާއްސަކޮށް ކެންސަރު ކޮންޓްރޯލުކޮށް ސިއްހީ ދުޅަހެޔޮކަން އިތުރުކުރަން ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމެއް ވަރަށް މުހިއްމު ކަމަށެވެ. އެހެންވެ، އެ ބަލިތައް ދުރާލައި ދެނެގަނެ، ރައްކާތެރިވާނެ ގޮތާއި ފަރުވާކުރުމަށް ބޭނުންވާނެ ވަސީލަތްތައް ކަނޑައެޅުމުގައި ބޭނުންވާނެ މިންގަނޑުތަކާއި ފަރުވާއަށް ބޭނުންކުރާނެ ގައިޑްލައިންތައް ތައްޔާރުކުރުމަށް ޑަބްލިއުއެޗްއޯއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެޓީމުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ރާއްޖޭގައި މަސައްކަތްކުރާނެއެވެ. އަދި ކެންސަރަށް ފަރުވާދޭ ހޮސްޕިޓަލުތަކުގެ އޮފިޝަލުންނާ އެ މުއްދަތުގައި މަޝްވަރާކޮށް ބައެއް އަތޮޅުތަކުގެ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކަށް ޒިޔާރަތްކޮށް މައުލޫމާތު ހޯދާނެ ކަމަށާއި ރާއްޖޭގައި ކެންސަރު ކޮންޓްރޯލުކުރުމަށާއި ކެންސަރަށް ފަރުވާ ދިނުމާއި ކެންސަރު ބަލީގެ މީހުންގެ މައުލޫމާތު ބަލަހައްޓައި އަދި ހިދުމަތްތައް ރޭވިފައި ހުރި ގޮތްތައް އެ ޓީމުން ބަލާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
އޭގެ އިތުރުން ދިރިއުޅުމުގެ އާދަތަކާ ގުޅިފައިވާ ކެންސަރު ބަލި އަދި ދިގު މުއްދަތުގެ ބަލިތަކަށް ހުށަހެޅޭ ހިރާސްތަކާއި ބަލިތަކުން މީހުން ރައްކާތެރިކުރުމާއި ފަރުވާގެ ނިޒާމު އިންތިޒާމު ކުރެވިފައިވާ ގޮތުގެ މައުލޫމާތުވެސް ދެނެގަންނާނެ ކަމަށް ބުންޏެވެ.
އެ މައުލޫމާތުގެ އަލީގައި ޕަބްލިކް ހެލްތުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ސަރުކާރަށް ލަފާ ދިނުމަށް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު