ޚަބަރު

ދިރާސާއާ ނުލައި ތަރައްގީއަށް ކުރާ މަސައްކަތްތަކުން ނަތީޖާ ނުނެރެވުން ގާތް: ނައިބު ރައީސް

މުހައްމަދު އިޝާން

އިލްމީ ދިރާސާއަކާ ނުލައި ގައުމުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުން ނަތީޖާ ނުނެރެވުން ގާތް ކަމަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އިންތިޒާމްކޮށްގެން ބާއްވާ "ތެވެލި އިންޓަނޭޝަނަލް ކޮންފަރެންސް 2022" މިއަދު އިފްތިތާހުކޮށްދެއްވަމުން ނައިބު ރައީސް ވިދާޅުވީ، ސިޔާސަތުތައް އެކަށައެޅުމާއި ހިންގުމުގައި ރަނގަޅު އިލްމީ ދިރާސާތަކުގެ ސަބަބުން ހޯދޭ ނަތީޖާ ރަނގަޅު ކަމަށާއި ގައުމު ބިނާކުރުމުގައި ދިރާސާތަކާ ގުޅުވާލަންޖެހޭ ކަމަށެވެ.

އެމްއެންޔޫއިން މިފަހަރުގެ ކޮންފަރެންސްގެ ޝިއާރެއްގެ ގޮތުގައި، ގައުމު ބިނާކުރުމަށް ދިރާސާކުރުން ކަނޑައަޅާފައިވާ އިރު، ނައިބު ރައީސްގެ ވާހަކަފުޅުގައި ވެސް ވަނީ ގައުމީ ތަރައްގީގައި ދިރާސާތައް އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވައިފައެވެ.

ނައިބު ރައީސް ވިދާޅުވީ ދިރާސާއަކީ ނިންމުންތައް ނިންމުމުގައި އެހީވެދޭ ކަމެއް ކަމަށާއި އާބާދީއަށް ދިމާވާ މައްސަލަތައް ދެނެގަނެވޭ ކަމެއް ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ، ފަގީރުކަމާއި، ވަޒީފާ ނެތުމާއި، ހަމަހަމަކަން ނެތުންފަދަ ޒަމާންވީ މައްސަލަތައް ހައްލުކުރުމަށް ދިރާސާތަކަކީ އެހީއެއް ކަމަށެވެ. އަދި އިގްތިސޯދު ހަރުދަނާވެ ސިނާއަތްތައް ކުރި އެރުމާއި، މުޖުތަމައު ބިނާކުރުމަށްވެސް ދިރާސާތަކުގެ ސަބަބުން އެހީތެރިކަން ލިބިގެންދާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ދިރާސާއަކާ ނުލައި ތަރައްގީއަށް ކުރެވޭ މަސައްކަތަކުން ނަތީޖާ ނުނެރެވުން ގާތް. ގައުމެއް ބިނާކުރުމުގައި، ކުރެވޭ މަސައްކަތްތަކުގެ މައިގަނޑު އަސާސަކީ ވެސް، އިލްމީ ދިރާސާތައް. ޒަމާނީ އާ ހޯދުންތަކާއި އީޖާދުތަކަށް މުޖުތަމައު ވާސިލްކޮށްދެނީ ދިރާސާތަކުން،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމެއްގެ ސަރުކާރުތަކުންވެސް ސިޔާސަތުތައް ހަރުދަނާކޮށް ކުރިއެރުވުމަށް، ދިރާސާތަކުގެ އަޑުތައް އަހާނެ ކަމުގައި އުއްމީދު ކުރައްވާ ކަމަށެވެ. އަދި ކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކާއި ބަދަލުކުރެވޭ ތަޖުރިބާތަކުގެ ސަބަބުން ރާއްޖޭގެ ތަރައްގީ އާއި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރުމަތިކުރުމަށް ބޭނުންވާ އީޖާދީ ހައްލުތައް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެމްއެންޔޫގެ ރިސާޗް ޑިވެލޮޕްމެންޓް އޮފީހުން އިންތިޒާމްކޮށްގެން އެ ކޮންފަރެސް ބާއްވަމުން އަންނަތާ މިއީ ފަސް ވަނަ އަހަރެވެ. މި އަހަރުގެ ކޮންފަރެންސް ކުރިޔަށްދާނީ އޮގަސްޓް 22 އިން 23 ވަނަ ދުވަހާ ހަމައަށް އެމްއެންޔޫގައެވެ.