ޚަބަރު

ކުނި މެނޭޖުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭން، "ފަސްގަނޑު" އިފްތިތާހުކޮށްފި

ރިފާ ހަލީލު

"ފަސްގަނޑު" ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ މި ކެމްޕޭނަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ކެމްޕެއިނެއް ކަމަށެވެ.

މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައިވަނީ، އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. އެ ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާގެ އިތުރުން، ދައުލަތުގެ ވަޒީރުންނާއި ވޯލްޑް ބޭންކުގެ ބޭފުޅުންގެ އިތުރުން އަތޮޅު ކައުންސިލުތަކުގެ ރައީސުންނާއި ރަށު ކައުންސިލުތަކުގެ ރައީސުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

'ފަސްގަނޑު' ގައުމީ ކެމްޕޭންގެ ތެރެއިން ކޮންމެ މަހަކު އެއްފަހަރު 'ނިއުސްލެޓާ' އެއް ނެރުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި ނިއުސްލެޓާ ތައްޔާރުކުރަނީ ސްކޫލުތަކުގެ ދަރިވަރުން ތައްޔާރުކުރާ ހޭލުންތެރިކުރުމުގެ މައުލޫމާތު ހިމެނޭ ކުރެހުންތަކާއި، ލިޔުންތަކާއި، އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

"ފަސްގަނޑު" ނިއުސްލެޓާ ނެރެދެއްވީ އެންވަޔަރަމަންޓު މިނިސްޓަރު އާމިނަތު ޝައުނާއެވެ. ކެމްޕޭންގެ ފުރަތަމަ ނިއުސްލެޓާ ތައްޔާރުކޮށްފައިވަނީ ނ. މާފަރު އަދި ނ. ކުޑަފަރީ ރައްޔިތުންގެ އެހީތެރިކަމާއެކުގައެވެ.

ނިއުސްލެޓާ ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ ރައްރަށުގައި ސްކޫލު ކުދިންގެ މެދުގައި ހިންގޭ ހަރަކާތްތަކުގެ ތެރެއިން އެއްކުރެވޭ މައުލޫމާތު ބޭނުންކޮށްގެންނެވެ. މި ނިއުސްލެޓާ ތައްޔާރުކުރުމުގެ ވީޑިއޯ ގައިޑެއްވެސް ވަނީ ދައްކާލައިފައެވެ.

އެ ކެމްޕޭނުގައި މައިގަނޑު ފަސް ދާއިރާއަކުން މައުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. އެއީ ސިއްހީ، ތައުލީމީ، އިގުތިސާދީ، ޖެންޑާ އަދި އިޖުތިމާއީ ދާއިރާތަކެވެ.

އޭގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުން ކޮންޓެންޓް ހިމެނޭ ވެބް ޕޯޓަލެއް އިފްތިތާހުކޮށް، ރަސްމީ ކެމްޕޭން ލަވަވެސް މިއަދު ވަނީ އިފްތިތާހުކޮށްފައެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝައުނާ ވިދާޅުވީ، ކުނި މެނޭޖުކުރުމަކީ ރާއްޖެ ދެމެހެއްޓެނެވި ތަރައްގީއަށް ވާސިލުކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. މީގެ އިތުރުން މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިން އަދި ފޯރުކޮށްދެމުން އަންނަ ވޯލްޑް ބޭންކަށް ޝުކުރު ދަންނަވައި އެ ކެމްޕޭން ފަރުމާކުރުމުގައި ފަންނީގޮތުން އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.