މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އެމްއެމްސީގެ މަގާމުތަކަށް ހޯމް މިނިސްޓްރީން ހުޅުވައިލީ އެ ކައުންސިލްގައި މިހާރު ތިބި 13 މެންބަރުންގެ މި ދައުރުގެ މުއްދަތު މިއަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހަށް ހަމަވާތީއެވެ.
އިއުލާނުގައި އިތުރަށް ބުނީ، އެމްއެމްސީގެ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މީހުން މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އެހެނިހެން ލިޔުންތައް މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރު ފަހު 2:30ގެ ކުރިން https://www.gov.mv/MoHA އަށް މެއިލް ކުރުން އެދޭ ކަމަށެވެ.
"މީޑިއާ ކައުންސިލަށް މެންބަރުން ހޮވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު"ގައި ބުނާ ގޮތުން އެމްއެމްސީގެ މެންބަރަކަށް އިންތިހާބުވާ މީހަކަށް އެ މަގާމުގައި ހުރެވޭނީ ގިނަވެގެން ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި އެއްވެސް މެންބަރަކަށް ވިދިވިދިގެން ދެ ދައުރު އަދައެއް ނުކުރެވޭނެ އެވެ.
މީޑިއާ ކައުންސިލްގައި މީޑިއާ ތަމްސީލުކުރުމަށް ކެންޑިޑޭޓުން ހުށަހަޅާނީ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސްތަކާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދީފައިވާ ބްރޯޑްކާސްޓަރުންގެ މަސްއޫލުވެރި ފަރާތުންނެވެ. އަދި ކޮންމެ މަސްއޫލު ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް ކެންޑިޑޭޓެވެ.
- ދިވެއްސަކު ކަމުގައިވުން
- އުމުރުން 18 އަހަރު ފުރިފައިވުން
- އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުުވުން
- މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ވޭތުވެދިޔަ ދެ އަހަރު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- މުޖުތަމައު ބަލައިގަންނަ މިންގަނޑުތަކުން އަބުރުވެރި އަހުލާގު ރަނގަޅު މީހެއްކަމުގައިވުން
- ފާއިތުވި 12 މަސް ދުވަހު އެ މީހަކު ނޫސް މަޖައްލާއެއްގައި ލިޔުނު އެއްޗަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
އެމްއެމްސީއަށް އައްޔަންކުރަން ޖެހޭނީ މީޑިއާ ތަމްސީލުކުރާ ހަތް މެންބަރުންނާއި އާންމު ހަ މެންބަރުންނެވެ. އެގޮތުން އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާ އާއި ގުޅުން ހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ މީހުންނެވެ. އާއްމު މެންބަރުން ހޮވުމުގައި ގާނޫނީ ދާއިރާއިން ނުވަތަ ދިވެހި ބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ހައްގުތަކުގެ ދާއިރާއިން ނުވަތަ ދީނީ އިލްމުގެ ދާއިރާއިން ނުވަތަ އިޖުތިމާއީ ސައިންސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ފަރާތްތަކާއި އިޖުތިމާއީ ތަރައްގީއާއި ދުޅަހެޔޮކަމަށް މަސައްކަތް ކޮށްދީފައިވާ ފަރާތްތަކަށް އިސްކަންދޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު