ހޮރައިޒަން ފިޝަރީޒް މޯލްޑިވްސްއަށް ގއ.ހޯޑެއްދޫން ދޫކޮށްފައިވާ ބިމުގައި ފެކްޓްރީއެއް ގާއިމުކޮށް އެތަނުން މަސްގަންނަން ނުފަށައި އޮތީ، އެކަމުން އެ ކުންފުންޏަށް ފައިދާ ނުވާނެތީ ކަމަށް މިނިސްޓަރު އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޑރ.ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑަވެލި ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން ފިރުޝާން މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ފިރުޝާން މިނިސްޓަރާ ސުވާލު ކުރެއްވީ، ހޯޑެއްދޫ ބިމުން 13.5 ހެކްޓަރުގެ ބިން ހޮރައިޒަން އަށް ހަވާލު ކޮށްފަ އޮންނަތާ މިއަހަރުގެ ނިޔަލަށް 17 އަހަރު ފުރިގެންދާއިރު، އެތަން އޮޕަރޭޝަނަށް ނުގެނެވި އިތުރު އިންވެސްޓްމެންޓް ތަކަށް ހަރަދު ކުރާއިރު، އެކަމުގައި މިނިސްޓްރީގެ ޒިންމާއަކީ ކޮބައިތޯ އާއި އެތަނަށް މަސް ނުގަންނަނީ ކީއްވެގެންތޯ އޮޅުން ފިލުވުމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެތަން ދޫކޮށްގައިވާތާ 17 އަހަރު ފުރިގެންދާކަން ގަބޫލު ކުރައްވާ ކަމަށާއި، އެ ބިމަށް ކަނޑައަޅާފައިވާ ބިމުކުލިވެސް އެ މުއްދަތަށް އެ ކުންފުނިން ދައްކަމުން އަންނަ ކަމަށެވެ.

"އެތަން އޮޕަރޭޝަނަށް ގެނައުމަށްޓަކައި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް، އަދި ކުރަންޖެހޭ ކަންތައް ކުރުމަށް، ގިނަވެގެން ހަރަދު ކުރަންޖެހެނީ ފަސް، ހަ މިލިޔަން ޑޮލަރު، އަޅުގަނޑު އެ ކުންފުނީގެ މީހުންނާ ވާހަކަ ދެއްކީމާ އެބޭފުޅުން ވިދާޅުވަނީ ފަސް، ހަ މިލިޔަން ޑޮލަރު ހަރަދުކޮށްގެން ތިމަންނަމެން އެތަނުގެ މަސައްކަތް ނިންމި ނަމަވެސް އެތަނަށް މަސްގަނެ، ޕްރޮސެސްކޮށް، އެކްސްޕޯޓު ކުރުމުގެ ވިޔަފާރި ކުރުމަށް، މިހާރު އަގުތައް ހުރިގޮތުން ވައިބަލް ކަމަކަށް ނުވެޔޭ، އެހެންވީމަ އެކަން ނުވެގެން އުޅޭކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،"

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކަނޑުމަސް ގަނެވޭނެ އެންމެ ދަށް އަގަކީ ކިލޯއަކަށް 13 ރުފިޔާ ކަމަށް ވިޔަސް ދައުލަތުގެ ކުންފުނި، މިފްކޯއިން މަސް ކިލޯއެއް ގަންނަނަީ 17 ރުފިޔާއަށް ކަމަށެވެ. އެހެންކަމުން ހޯޑެއްދޫގައި ފެކްޓްރީ ހަދައި މަސްކިލޯއެއް 17 ރުފިޔާގެ މަގުން ގަނެގެން ފައިދާވާނެ ކަމަށް ހޮރައިޒަން އަށް ނުފެންނަ ކަމަށްވެސް ވިދާޅުވިއެވެ. ހޯޑެއްދޫގައި ފެކްޓްރީ ނާޅާ އެންމެ ބޮޑު ސަބަބަކީ އެއީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު މަސް މި ގަންނަ އަގުގައި އެމީހުން ލައްވައި އެކަން ކުރުވާނެ ގޮތެއް ރައީސް އަޅުގަނޑަކަށް ނުވިސްނޭ، އެއީ މަހުގެ ފްލޯ ޕްރައިޒަކަށް ކަނޑައަޅާފައި ހުރީ 13 ރުފިޔާ، އެންމެ ދަށްކޮށް ގަނެވެނީ، އެކަމަކު ސަރުކާރު ކުންފުންޏަށް މިއަދު އަޅުގަނޑުމެން ގަންނަމުން މިދަނީ 17 ރުފިޔާއަށް އެހެންވީމާ ހޯޑެއްދޫ އޮޕަރޭޝަނަށް ގެނަޔަސް 17 ރުފިޔާއަށް މަސް ގަނެގެން އޭގެން ފައިދާވާނެ ކަމަށް ކުންފުންޏަށް ނުފެންނާތީ އަދި އެ ކޮމްޕޮޓިޝަންގައި ބައިވެރިވިޔަސް އެފަރާތްތަކަށް އެކަށީގެންވާ މަހެއް، ރައީސް ނުލިބޭނެ ދެއްތޯ،" މިނިސްޓަރު ވިދާޅުވިއެވެ.