(އިޖުތިމާއީ މަރުކަޒުން ޢަލީ ޔާމީން- ވަން އޮންލައިން)
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ސަރުކާރު ހިންގާ ކޯލިޝަން ނުރޫޅޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްދުދެއްވައިފިއެވެ.
ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ހަތަރުވަނަ ކޮންގުރެސްގެ ހެނދުނުގެ ދަންފަޅިއަށްފަހު "ވަން" އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ރައީސް އެގޮތަށް ރައްދުދެއްވީ ސަރުކާރު ހިންގާ ކޯލިޝަނާއެކު އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ދެވިދާނެ ކަމަށް ދެކުމަކީ އަވާމެންދުރެއް ކަމަށް ނަޝީދު ވިދާޅުވުމުންނެވެ.
އިއްޔެ ބޭއްވި ސެޝަނެއްގެ ތެރެއިން ނަޝީދު ވިދާޅުވީ، ކޯލިޝަންގެ ލީޑަރުން މިހާރު ގެންދަވަނީ އަންނަ އަހަރުގެ އިންތިހާބު ކާމިޔާބުކުރަން ބުރަކޮށް މަސައްކަތް ކުރައްވަމުން ކަމަށެވެ. އަދި އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވެން އޮތީ ޕާޓީގެ ހުރިހާ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި ތިބެގެން ކަމަށާއި ނޫންނަމަ އިންތިހާބުގައި އެމްޑީޕީއަށް ބޮޑު އަދަދެއް ނުލިބޭނެ ކަމަށް ވިދާޅުވިއެވެ.
ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގެ ހަވާސާގައި "ވަން" އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިޔުއެއްގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ހިންގުން އަދި އޮންނަންވާނީ ގިނަ ބަޔަކު އެކުލެވޭ، ގިނަ ވިސްނުން އެކުލެވޭ ސަރުކާރެއްގައި ކަމަށާއި އެއީ އަދި މިވަގުތަށް އެންމެ ރަނގަޅު ގޮތްކަމަށެވެ.
ރިޔާސީ އިންތިހާބާ ހަމައަށް ކޯލިޝަން ދެމި އޮންނާނެތޯ އެހުމުން ރައީސް ވަނީ ކޯލިޝަން ދެމި އޮންނާނެ ކަމަށް ވިދާޅުވެފައެވެ.
"އޮންނާނެ އެނގޭތޯ. އެކަމަކު ވަކި ހިސާބަކަށް އަންނައިރުގައި މިހާރު މިއޮތް ކޯލިޝަންގެ ތެރޭގައިވެސް ހުރެދާނެ ރިޔާސީ އިންތިހާބަށް ނުކުތުމުގެ ފިކުރު ތިބި ބޭފުޅުން. ތިބެއްޖެއްޔާ ވަކި ހިސާބަކުން، އެއްބަސްވުމެއްގެ ތެރެއިން ކޯލިޝަންގެ ލީޑަރުންނަށް އެފުރުސަތު ހޯދައިދޭން ޖެހޭ. އެ ހިސާބަށް ދާއިރުގައި ރިޔާސީ އިންތިހާބަށް ދާއިރުގައި ކޮންމެހެން މި ކޯލިޝަނަކާއެކުގައި އޮންނާކަށް ނުޖެހޭ" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުންގެ ތެރެއިން ވާދަކުރައްވަން ބޭނުންފުޅު ބަޔަކު ތިބި ނަމަ ކޯލިޝަނުން އެބޭފުޅުން ވަކިވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމްޑީޕީ ފިޔަވައި ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު