މިހާރު އެތައް ގޮތަކުން ހިތްހަމަޖެހުމާއި އުފާވެރިކަން އިހުސާސްވާ ސަރަހައްދުތައް އެންމެ ގިނަ އެއްތަނަކީ ހުޅުމާލެއެވެ. ތަފާތު އެކިކަހަލަ ރުއްގަސްތައް ގިނަ ހުޅުމާލޭ، 'މޫނިމާ' މަގުގައި ހުންނަ 'މަސްޖިދު މުހައްމަދު' މިސްކިތު ތެރޭގައި ހުރި ކަދުރުން ބަރާވެފައިވާ ރުއް ކޮންމެ މީހެއްގެވެސް ސަމާލުކަން ދަމައިގަންނާނެކަން ގައިމެވެ. މާލޭގަ އާއި ހުޅުމާލެއިން މިވަރަށް ގިނައިން ކަދުރު އަޅާ ފުރިފައިވާ ރުކެއް ނުފެންނާތީ ކަމަށްވެސް ވެދާނެއެވެ.
ހުޅުމާލޭ މި މިސްކިތުގައި ހުރި ކަދުރުރުކުގެ ފޮޓޯ ނެގުމަށް ގިނަބަޔަކު ދެއެވެ.
މި މިސްކިތް ހުޅުވީއްސުރެން މިއަދާ ހަމައަށްވެސް މިސްކިތަށް ބަރާބަރަށް ނަމާދަށް ދާ، އަވަށްޓެރިޔަކު މިސްކިތުގައި އިންދަން، ރުއް ގެނައި ދުވަހުގެ ހަނދާން އާކޮށްފައި އެވާހަކަތައް "ވަން" އަށް ކިޔައިދިނެވެ.
އަވަށްޓެރިޔާ ބުނި ގޮތުގައި މިއީ މިސްކިތް ހުޅުވުމަށް މާލެއަތޮޅު ތިލަފުށިން ގެނެސް އިންދި ރުކެކެވެ. މިރުއް ގެނައިއިރުވެސް ހުރީ ހަމަ ގާތްގަނޑަކަށް މިހާރުވެސް މިހިރަ ވަަރަށް ކަމަށާއި އޭގެ ފަހުން މިހާރު އަހަރެއްހާ ދުވަސްވީކަމަށްވެސް އެމީހާ ބުންޏެވެ. މި ރުކުގެ ކަދުރު އާދައިގެ ވަރަކަށް ފޮނި ކަމަށް ވެސް އަވަށްޓެރިޔާ ބުންޏެވެ.
މި ސަރަހައްދުގެ އެހެން އަވައްޓެރިޔަކު ބުނީ މި ރުކުގެ ކަދުރު އެހާ ފޮނިކަމަށް ނުބުނެވޭނެ ކަމަށާއި ހުންނަނީ "ކިހާ" ފާޑެއްގެ ރަހައެއް ކަމަށެވެ.
"މިހާރު ރާއްޖޭގައި އެބަހުރި ދުބާއީ ތަންތަނުން ގެނެސް އިންދާފައި ހުންނަ ރުއްވެސް. އެރުއްތަކުގެ ކަދުރުގައި ފޮނިރަހަވެސް ހުރޭ. ސީދާ އަރަބި ހިސާބުތަކުން ގެންނަ ކަދުރާ އެއްހަމަ ނުކުރެވުނަސް މީރު ކަދުރު ހުރޭ، އެކަމަކު މިރުކުގެ ކަދުރަކީ ފޮނިމީރު ކަދުރެކޭ ނުބުނެވޭނެ. ދެން އެކަމަކު ބަލާލަން ރީތި." އެހެން މީހަކު ބުންޏެވެ.
މި ރުކުގެ ފޮޓޯތައް ނަގައި ގިނަ ބަޔަކު އަންނަނީ ސޯޝިއަލް މީޑިއާގައިވެސް ހިއްސާ ކުރަމުންނެވެ.
ކޮންމެ ގޮތެއް ވިޔަސް ހުޅުމާލޭ މަސްޖިދު މުހައްމަދުގައި ހުރި ކަދުރު ރުއް ބަލައިލަން ހިތްގައިމުކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. މި މިސްކިތަކީ އެލިއާ ކުންފުނީގެ ހަރަދުގައި އިމާރާތްކޮށްފައިވާ މިސްކިތެކެވެ. މިސްކިތުގެ ހުރިހާ ކަމެއްހެން ބަލަހައްޓައި، ޒިންމާ ނަގާނީ ސަރުކާރުން، އިސްލާމިކް މިނިސްޓްރީންނެވެ. މިނިސްޓްރީގެ ހުއްދައާ ނުލައި މިސްކިތުގެ ގޯތިތެރޭގައިވާ ރުއްގަސްތަކުގެ ބޭނުމެއް ނުކުރެވޭނެއެވެ.
ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުން ކަދުރު އަޅާފައިވާ ރުއްތައް ފެންނައިރު މަޑުމަޑުން ކަދުރުގެ ރަހަވެސް އަންނަނީ ރަނގަޅު ވަމުންނެވެ. އެހެންކަމުން ދިވެހިރާއްޖޭގައިވެސް ކަދުރުގެ ރަނގަޅަށް ހެދި ބޭނުންކުރެވޭ ވަރަށް ލިބިދާނެ ކަމަށްވެސް ބައެއް މީހުން ދެކެއެވެ. ކަދުރުރުކަށް ބޭނުންވާފަދަ ނިއުޓްރިޝަން ފަސްގަނޑުން ލިބޭގޮތަށް ބަލަހައްޓައިގެން ރުއް އިންދައި ހެއްދިއްޖެ ނަމަ ރާއްޖެއިން 'ދިވެހި ކަދުރު' ލިބޭނެކަމުގެ އުއްމީދު އެބައޮތް ކަމަށް އެމީހުން ބުނެއެވެ.