އެމްޑީޕީގެ ފުރަތަމަ ވެރިކަން 2008 ވަނަ އަހަރުން ފެށިގެން ނިމިދިޔަ، ރައީސް ޔާމީންގެ ވެރިކަމާ ހަމައަށް ރަށްރަށުގެ ފެނާއި ނަރުދަމާ އާއި ބަނދަރުގެ މަސައްކަތަށް ކުރި ހަރަދަށްވުރެ އެތައް ގުނައެއް އިތުރަށް މި ސަރުކާރުން މިހާތަނަށް ހަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްއަށް، ފިނޭންސް މިނިސްޓްރީގެ ދާއިރާގެ މަސައްކަތްތަކާބެހޭ މައުލޫމާތު ދެއްވަމުން މިނިސްޓަރު އަމީރު މިއަދު ވިދާޅުވީ އެ ދެ ދައުރުގައި ތައުލީމީ ދާއިރާއިން އުމްރާނީ މަސައްކަތްތަކަށް ކުރި ހަރަދުވެސް މިސަރުކާރުގައި އެތައްގުނައެއް އިތުރު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް، ކުރިއަށްދިޔަ ވެރިކަމުގެ ދެ ދައުރުގައި ފެނާއި ނަރުދަމާއަށް ހަރަދު ކޮށްފައި ވަނީ، 3.03 ބިލިޔަން ރުފިޔާ ކަމަށެވެ. ނަމަވެސް މި ވެރިކަމުގައި މިހާތަނަށް، 6.18 ބިލިޔަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން އަށް މަޝްރޫއު ނިމިފައިވާ ކަމަށާއި 104 މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްދާ އިރު، 28 މަޝްރޫއު ކޮންޓްރެކްޓަރާ ހަވާލު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ފެނާއި ނަރުދަމާ ގާއިމްކޮށްފައި ވަނީ 40 ރަށެއްގައި ކަމަށާއި މިއަހަރު ނިމޭއިރު ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް ނިމޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ނިމިދިޔަ ދެ ދައުރުގައި މަގު ހެދުމަށް ސަރުކާރުން ހަރަދު ކޮށްފައި ވަނީ 100 މިލިޔަން ރުފިޔާ ކަމށެވެ. ނަމަވެސް މި ސަރުކާރުން އެކަމަށް 3.8 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން އެކި އެކި ރަށްރަށުގައި ކުރިއަށް ގެންދިޔަ ފަސް މަޝްރޫއެއް ނިންމާލެވިފައިވާ ކަމަށާއި 21 މަޝްރޫއު ކުރިއަށްދާ ކަމަށެވެ. އަދި ތިން މަޝްރޫއު ކޮންޓްރެކްޓަރާ ހަވާލު ކުރެވިފައިވާ ކަމަށާއި ތިން މަޝްރޫއު ޓެންޑަރިންގެ އެކި މަރުހަލާގައި އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

ރަށްރަށުގެ ބަނދަރު ހެދުމަށް ނިމިދިޔަ ދެ ދައުރުގައި 3.49 ބިިޔަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު، މިސަރުކާރުން މިހާތަނަށް 6.54 ބިލިޔަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެ މަޝްރޫއުތަކުގެ ތެރެއިން، 26 މަޝްރޫއު ނިމިފައިވާއިރު، 44 މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށާއި 10 މަޝްރޫއުގެ މަސައްކަތް ކޮންޓްރެކްޓާ ހަވާލު ކުރެވި، 22 މަޝްރޫއެއް ޓެންޑައިގެ މަރުހަލާތަކުގައި ހިމެނޭ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ތައުލީމާބެހޭ އުމްރާނީ މަސައްކަތްތަކަށް ނިމިދިޔަ ދެ ދައުރުގައި 0.73 ބިލިޔަން ހަރަދު ކޮށްފައިވާ އިރު، މި ވެރިކަމުގައި 2.63 ބިލިޔަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށްވެސް ވިދާޅ\ުވިއެވެ. އެ މަޝްރޫއުތަކުގެ ތެރެއިން 30 މަޝްރޫއެއް ނިމިފައިވާ އިރު، 78 މަޝްރުއުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށާއި 13 މަޝްރޫއެއް ކޮންޓްރެކްޓަރާ ހަވާލުކޮށް 39 މަޝްރޫއެއް ޓެންޑަރިންގައި ހިމެނޭ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.