ފެންނަ ފެނުމާއި ހީކުރެވޭ ހީކުރުންތަކުން ސްރީލަންކާގެ ކުރީގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސާ ގައުމަށް އެނބުރި ވަޑައިގަންނަވަނީއެވެ. ލަހެއްވެސް ނުވާނެއެވެ. ވަރަށް އަވަހަށެވެ. މިހަފުތާގެ ބުދަދުވަހުއެވެ. އޭނާ މިވަގުތު ހުންނެވީ ތައިލެންޑުގެ ވެރިރަށް ބެންކޮކްގައެވެ. އެތަނަށް ވަޑަައިގެންނެވީ ސިންގަޕޫރުގައި ތިން ހަފުތާއެއްވަރު ހޭދަކުރެއްވުމަށްފަހުގަައެވެ. ގަބޫލުކުރެވިފައިވާ ގޮތުން ރާޖަޕަކްސާގެ ޕްލޭން އޭޔާއި ޕްލޭން ބީ ފޭލްވެއްޖެއެވެ. ޕްލޭން އޭޔަކީ ދުބާއީ ނުވަތަ އަބޫދާބީއަށް ވަޑައިގަތުމެވެ. އެތަންތަނުގައި އޭނާގެ އެޕާޓްމަންޓުތައް އެބަހުއްޓެވެ. ޕްލޭން ބީއަކީ އެމެރިކާއަށް ވަޑައިގަތުމެވެ. ރާޖަޕަކްސާއަށް އެމެރިކާގެ ސިޓިޒަންޝިޕް ވެސް އޮވެއެވެ. އެކަމަކު މިދަނޑިވަޅުގައި އެމިރޭޓްސްއަކުންވެސް އަދި އެމެރިކާއަކުންވެސް ރާޖަޕަކްސާއަށް މަރުހަބާކިޔަން ތައްޔާރެއް ނޫނެވެ.
ގޮޓާބަޔާ ރާޖަޕަކްސާ އެނބުރި ގައުމަށް ވަޑައިގަންނަވާކަން ހާމަވީ އޭނާގެ ތިމާގެ ބޭފުޅެއްކަމަށްވާ އުދަޔަންގާ ވީރަތުންގާ ވިދާޅުވި ވާހަކަފުޅަކުންނެވެ. ވީރަތުންގާއަކީ ކުރިން ރަޝިޔާގައި ހުންނެވި ސްރީލަންކާގެ ސަފީރެވެ. އަދި ރާޖަޕަކްސާގެ ވަރަށް އަރިސް ބޭފުޅެކެވެ. އޭނާ ވިދާޅުވިއެވެ. މިހަފުތާގެ ބުދަދުވަހު ރާޖަޕަކްސާ އެނބުރި ސްރީލަންކާއަށް ވަޑައިގަންނަވާނެއެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ. ވީރަތުންގާ އެހެން ވިދާޅުވެފައިވަނިކޮށް ދެން އިވިގެންދިޔައީ ސީދާ ސްރީލަންކާގެ ސަރުކާރަށް ގޮޓާބަޔާ ރާޖަޕަކްސާ ކުރެއްވި އިލްތިމާސެކެވެ. އޭނާގެ ރައްކާތެރިކަމާއި ސަލާމަތަށް އެދިވަޑައިގެންނެވެ. އެހެންވީމާ ރާޖަޕަކްސާގެ ޕްލޭންތައް ބަދަލުވެއްޖެކަމާއި މިހާރު ދެންއޮތް ގޮތަކީ ވާންހުރި އެއްޗެއްވާން އެނބުރި ގައުމަށް ވަޑައިގަތުންކަން ވަނީ ހާމަވެގެން ގޮސްފައެވެ.
ހުސްވި ޖުލައިމަހުގެ މެދުތެރޭގައި ރާޖަޕަކްސާ އެންމެ ފުރަތަމަ ގައުމު ދޫކުރައްވައި ފިއްލަވައިގެން ފުރާވަޑައިގެންނެވީ މަޖްބޫރީ ހާލަތެއްގައެވެ. އެންމެ ފުރަތަމަ ދިވެހިރާއްޖެއަށެވެ. އޭގެ ފަހުން ސިންގަޕޫރަށެވެ. ޗާޓަރު ފްލައިޓެއްގައި ބެންކޮކަށް ވަޑައިގެންނެވީ މިހިނގާ އޮގަސްޓްމަހުގެ އެގާރަވަނަ ދުވަހުއެވެ. މިހުރިހާ ދުވަހު އޭނާ މަސައްކަތް ކުރެއްވީ ދިގު މުއްދަތެއްގައި އެހެން ގައުމެއްގެ ހިމާޔަތް ހޯއްދަވައިގެން އެގައުމެއްގައި ހުންނެވުމަށެވެ. އެންމެ ދޮޅުމަސް ފަހުން އެނބުރި ސްރީލަންކާއަށް ވަޑައިގެންނެވުމަކީ ރާޖަޕަކްސާ ހީފުޅުކުރެއްވި ގޮތެއް ނޫނެވެ. އަދި އެހެންބަޔަވެސް ހީކުރި ގޮތެއް ނޫނެވެ. މިހާ އަވަހަށް ވަޑައިގަންނަވާން ޖެހިވަޑައިގަތީ އަނެއްކާވެސް މަޖުބޫރީ ހާލަތަކުންނެވެ. އެއްވެސް ގައުމަކުން އޭނާއަށް ސިޔާސީ ހިމާޔަތްދޭން މިވަގުތު އެއްބަސް ނުވުމުންނެވެ.
އެކަން އެހެންވުމުގައި ސަބަބުތަކެއް އެބަހުއްޓެވެ. މައްސަލަޔަކީ ރާޖަޕަކްސާޔާ ދެކޮޅަށް ދުނިޔޭގެ އެކިއެކި ކޯޓުތަކަށް ހުށައެޅިފައިވާ މައްސަލަތަކެވެ. ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި އޭނާގެ ރިކޯޑުތަކެވެ. އެތައް ބައެއްގެ މަރުގެ ޒިންމާ އޭނާގެ އިސްތަށިފުޅުގައި އެޅިފައިވެއެވެ. އެހެންވީމާ އެއްވެސް ގައުމަކުން ރާޖަޕަކްސާއަށް ދިގު މުއްދަތެއްގެ ހިމާޔަތް ދޭން ބޭނުން ނުވަނީއެވެ. އިތުރު މައްސަލަތަކެއް ބޮލުގައި އަޅަން ބޭނުން ނުވަނީއެވެ. ދެންއޮތީ އެނބުރި ގައުމަށް ވަޑަައިގެންނެވީމާ ވެދާނެ ގޮތުގެ ސުވާލެވެ. ހައްޔަރުކޮށް ތަހުގީގެއް ހިންގައި ސަރިޔަތްކޮށް ހުރަގެޔަށް ލައިފާނެތޯ ކުރެވޭ ސުވާލެވެ. ޔަގީންކުރެވޭ ގޮތުން މިކަހަލަ ބިރުވެރިކަމެއް އަދި ފެންނާކަށް ނެތެވެ. ސަރުކާރުން ދެވެން އޮތް ހުރިހާ ހިމާޔަތެއް ދޭނެއެވެ. ސަރުކާރު ހިންގާން އެތިބީ އަދިވެސް އޭނާގެ މިތުރުންނެވެ.
ރާޖަޕަކްސާ ފުރާވަޑައިގެންނެވި ފަހުން ފާއިތުވި ދޮޅުމަސް ދުވަހުގެ ތެރޭގައި ސްރީލަންކާއަށް ވަރަށް ބޮޑެތި ބަދަލުތައް ވަނީ އައިސްފައެވެ. އެންމެ ބޮޑު ބަދަލަކީ ސަރުކާރު ބަދަލުވުމެވެ. ރާޖަޕަކްސާ ފުރާވަޑައިގެންނެވީ ރައީސްގެ މަގާމުގައި ހުންނަވައިގެންނެވެ. ވައިގެ ސިފައިންގެ މަތިންދާބޯޓެއްގައި ދަތުރު ކުރެއްވުނީވެސް އެހެންވެގެންނެވެ. މިހާރު އެއީ ރައީސެއް ނޫނެވެ. މިހާރު ހުންނެވީ އައު ރައީސެކެވެ. އައު ބޮޑުވަޒީރެކެވެ. މިހާރު އޮތީ އައު ސަރުކާރެކެވެ. އައު ކެބިނެޓެކެވެ. މުޒާހަރާތައްވެސް ބޮޑުތަނުން މިހާރު އޮތީ މައިތިރިވެފައެވެ. އެހެންވީމާ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިނުގެން ހިމޭނުން ހުންނަވާނަމަ މާކަބޮޑު މައްސަލަތަކެއް ކުރިމަތިނުވެ ރާޖަޕަކްސާއަށް ގައުމުގައި ހުންނެވިދާނެއެވެ. އޭނާއަށް ސަރުކާރުން ރައްކާތެރިކަން ދޭނެއެވެ. އެކަން ކަށަވަރެވެ.
ރާޖަޕަކްސާ ހައްޔަރުކޮށް ސަރިޔަތެެއް ހިންގުމަކީ އަދިވެސް ވަރަށް ގިނަބަޔަކު ބޭނުންވާ ކަމެކެވެ. އެހެންވީމާ އެކަމަށްއެދި އައު މުޒާހަރާތަކެއް ފެށުމަކީވެސް ވެދާނޭ ކަމެކެވެ. އެކަމަކު ކުރީގައި ވާންކުރި ބީދައިން އެފެންވަރަށް ކަންކަން ގެންދެވިދާނޭ ކަމަށް ނުފެނެއެވެ. ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށްވީ ރާޖަޕަކްސާއިންގެ ވެރިކަން ނިންމުމެވެ. އެކަން ވެއްޖެއެވެ. ރައްޔިތުން އެތިބީ ލޮޑުވެފައެވެ. އެހެންވީމާ ރާޖަޕަކްސާ އެނބުރި ގައުމަށް ވަޑައިގެންނެވުމަކުން އައު ސަރުކާރަށް މާބޮޑު ލޮޅުންތަކެއް އަރާނޭ ކަމަށް ނުބެލެވެއެވެ. ރާޖަޕަކްސާއިންނަށް ރައްކާތެރިކަން ދޭން ޖެހިގެން ސިފައިންވެސް ތުންފިއްތާނޭ ކަމަށް ނުބެލެވެއެވެ. ސިފައިންގެ ބޮޑެތި ބޮޑެތި އޮފިސަރުންގެ އިޚުލާސްތެރިކަން އަދިވެސް ރާޖަޕަކްސާއިންނަށް އެބައޮތެވެ. މިކަން ބަދަލުވާނީ އިންތިޚާބެއް ބާއްވައިގެން އެހެން ބަޔަކު ވެރިކަމަށް އައިސްގެންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ