ތެލަށް ކުރާ ހަރަދު ކުޑަކޮށް ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މިހާތަނަށް ނިންމާފައިވާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖެއިން ތެލަށް ކުރާ ހަރަދުގެ ތެރެެއިން 151 މިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސަލާމަތް އެބަ ކުރެވޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ، އެމްޑީޕީގެ ކޮންގްރެސްއަށް އެ މިނިސްޓްރީގެ ދާއިރާގެ މަސައްކަތްކާބެހޭ މައުލޫމާތު ދެއްވަމުންނެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ، އަހަރަކު 450 މިލިޔަން ޑޮލަރާ ގާތަށް ރާއްޖެއަށް ތެޔޮ އެތެރެކުރާ ކަމަށެވެ. "އެއީ ގާތްގަނޑަކަށް ރާއްޖޭގެ އުފެއްދުންތެރިކަމުގެ 10 ޕަސެންޓާ ގާތަށް ތެޔޮ އެތެރެކުރުން، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވައުދުވި ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް، މި ސަރުކާރުގައި މިވަނީ އަޅުގަނޑުމެންނަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓްޒީރޯގައުމަކަށް ހެދުމަށް، މިކަމުގެ ސަބަބުން މުޅި ރާއްޖޭގެ ތަރައްގީގެ ހުރިހާ ކަމެއް ބަދަލުވެގެން އަންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، އިންސްޓޯލް ކޮށްފައިހުރީ ޖުމުލަ 16.5 މެގަވޮޓްގެ ސޯލާ ސިސްޓަމް ކަމަށެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް ޖުމަލް 36.5 މެގަވޮޓްގެ ސޯލާ ކެޕޭސިޓީ އިރުތުރުކޮށްފައިވާކަމަށް ވިދާޅުވިއެވެ. މިއީ 54.8 އިން ސައްތަ އިތުރު އަދަދެއް ކަމަށްވެސް ވިދާޅުވިއެވެ. މިހާތަނަށް ސާޅީހަކަށް ރަށުގައި މިމަސައްކަތް ކޮށް ނިންމާފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އަހަރަކު 151 މިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސަލާމަތްކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ ދައުރު ނިމޭއިރު ގާތްގަނޑަކަށް 51 މެގަވޮތްގެ ސޯލާ ކެޕޭސިޓީ މުޅި ރާއްޖޭގައި އިންސްޓޯލް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"މިހާރުވެސް 41.8 މެގަވޮޓްގެ ސޯލާ އެއީ ބެޓެރީ އާއި ކަރަންޓް ވިއުގަ އަޕްގްރޭޓް ކުރުމާއެކީގަ، ޓެންޑަރިންނަށް އަޅުގަނޑުމެން މި އަންނަނީ ތައްޔާރުވަމުން، އެއީ ތިން ބިލިޔަންރުފިޔާގެ މަޝްރޫއެއް، ނިމުނީމަ އަހަރަކު 320 މިލިޔަން ދައުލަތުގެ ބަޖެޓުން ތެލަށްކުރާ ހަރަދު ކުޑަކުރެވޭނެ، އަދި މިހާރު މިހިނގާ ހުރިހާ ޕްރޮޖެކްޓްތައް ނިންމާލީމަ މުޅި ރާއްޖޭގައި 120 މެގަވޮޓް ސޯލާ އުފެއްދޭނެ އެއީ ދައުލަތުގެ ބަޖެޓުން އަހަރަކު 900 މިލިޔަން ކުޑަ ކުރެވޭނެ އަދަދެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ އެ ޕްރޮޖެކްޓް ތަކަކީ ބޭރުގެ އެެހީން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކެއް ކަމަށެވެ.