ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޒުވާން ފެތުންތެރިޔާ، މެރާލް އައިން ލަތީފް ރާއްޖޭގެ ގިނަ ދުވަސްވީ 100 މީޓަރު ބަޓަފްލައި ފެތުމުގެ ރެކޯޑު މުގުރާލީ އުމުރުން އެންމެ 13 އަހަރުގައެވެ. ފެތުމުގައި މުޅިން އާ ތަރިއެއްގެ ފިޔަޖެހުން ފެންނަމުންދާ ކަމުގެ އުންމީދެއް ގެނުވައިފިއެވެ. މެރާލް މުގުރާލީ 18 އަހަރުވީ ގައުމީ ބޮޑު ރެކޯޑެކެވެ.

މެރާލް ރޭ މުގުރާލި 100 މީޓަރު ބަޓަފްލައި ފެތުމުގެ ރެކޯޑަކީ އައިޝަތު ސައުޝަން އަތުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ރެކޯޑެކެވެ. ސައުޝަން ރެކޯޑު ހަދާފައި ވަނީ 2004 ވަނަ އަހަރު ޕާކިސްތާންގެ އިސްލާމްއާބާދުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ބަޓަފްލައި އިވެންޓުގައެވެ. ސައުޝަން ރެކޯޑު ހަދާފައި އޮތީ އެއް މިނެޓް 21.81 ސިކުންތުން ރޭސް ނިންމައިގެންނެވެ. މެރާލް ރެކޯޑު ހެދީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 100 މީޓަރު ބަޓަފްލައި އިވެންޓުގެ ހީޓް ދޭއްގައި ވާދަކޮށް، އެއް މިނެޓް 20.80 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ބޮޑު ކުރިއެރުމަކާއި ކާމިޔާބީއަކާ އެކު ތުރުކީގެ ކޮންޔާގައި ހުރެ މެރާލް މީޑިއާއަށް ބުނެފައި ވަނީ ލިބުނު ފުރުސަތަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށާއި ފެތީ އުންމީދާ އެކުގައި ކަމަށެވެ.

"ވަރަށް އުފާވޭ މިކަހަލަ ފުރުސަތެއް ލިބުނީމަ އަސްލު. މިކަހަލަ ލޯންގް ކޯސް ޕޫލެއްގައި ފަތަން ފުރުސަތު ލިބުމަކީ އުފާކުރާ ކަމެއް. ވަރަށް އުންމީދުކޮށްގެން ހުރީ. އެކަމަކުވެސް (ރެކޯޑެއް މުގުރާލެވޭނެ) ކަމެއް ނޭނގެ ފުރަތަމަ ފެތި އިރުވެސް. ވަރަށް އުންމީދުކޮށްގެން އެކަމަކުވެސް ހުރީ،" މެރާލް ބުންޏެވެ.

މިފަހަރުގެ ސޮލިޑާރިޓީ ގޭމްސްއަށް ދިޔަ ފެތުންތެރިންގެ ޓީމަކީ ނިސްބަތުން ޒުވާން ޓީމެކެވެ. އެ ސްކޮޑާއެކުވެސް ގައުމީ އިތުރު ދެ ރެކޯޑެއް ސޮލިޑާރިޓީ ގޭމްސްގައި އާކޮށްފައިވާ އިރު، އުމުރުން ހަގު މެރާލްގެ އުންމީދުތައްވެސް ހުރީ އިތުރު ރެކޯޑުތައްވެސް މުގުރާލުމަށެވެ.

"ލިބޭ ފުރުސަތުގައި މިހެން ގިނަ މުބާރާތްތަކެއްގައި ވާދަކުރުން އެއީ މުހިއްމު ކަމެއް. އެ ފުރުސަތުތައް ލިބެމުންދާނެ ކަމަށް ބެލެވެނީ. އަދި އުންމީދަކީ އިތުރު ރެކޯޑުތައްވެސް މުގުރާލުން،" މެރާލް ބުންޏެވެ.

ސޮލިޑާރިޓީ ގޭމްސްގެ އިތުރުން ދާދިފަހުން އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައިވެސް ދިވެހި ފެތުންތެރިން ވަނީ ކުރިއެރުންތަކެއް ހޯދައިފައެވެ. ހާއްސަކޮށް ގިނަ ރެކޯޑުތަކެއް ދެ އިވެންޓްގައި ފެތުންތެރިން ވަނީ އާކޮށްފައެވެ.