ރާއްޖޭގައި ބާއްވާ ފުރަތަމަ ބާ އިމްތިހާނުގެ ފީގެ ގޮތުގައި މީގެ ކުރިން 10،000 ރުފިޔާ ކަނޑައެޅި ނަމަވެސް، އެ އަގު ބޮޑުވެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާތީ 6500 ރުފިޔާއަށް އަގު ކުޑަކޮށްފިއެވެ.

ބާ ކައުންސިލުގެ އިމްތިހާނަކީ ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިމްތިހާނެކެވެ.

ބާ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބާ އިމްތިހާނުގެ ފީ ކަނޑައެޅުމުގައި ރިއާޔަތްކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ އިމްތިހާނު ފަރުމާކުރުމަށާއި އިމްތިހާނު ބޭއްވުމަށް ހިނގާނެ ހަރަދާއި، މިއަހަރު ބާ އިމްތިހާނުގައި ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ކެންޑިޑޭޓުންގެ އަދަދާއި، އަދި ބާ އިމްތިހާނު ބޭއްވުމަށް ލިބިފައިވާ ގްރާންޓް އެހީއަށް ކަމަށެވެ.

މީގެ ކުރިން ބާ އިމްތިހާނުގެ ފީގެ ގޮތުގައި ކަނޑައަޅާފައިވަނީ 10،000 ރުފިޔާއެވެ. ނަމަވެސް އެ އަދަދު ބޮޑުވެ ގިނަ ވަކީލުންތަކެެއް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބާ ކައުންސިލުން ބުނީ އިމްތިހާނުގެ ހަރަދު، އިމްތިހާނުގައި ބައިވެރިވާނެކަމަށް ލަފާކުރާ ކެނޑިޑޭޓުންގެ އަދަދުން ބަހައިލުމުން، ކޮންމެ ކެންޑިޑޭޓަކަށް ޖެހޭ އަދަދު މިހާރު ކަނޑައަޅާފައިވާ 6500 ރުފިޔާއަށްވުރެ މަތި ނަމަވެސް، ބާ ކައުންސިލަށް ލިބިފައިވާ ގްރާންޓް އެހީ އެ އަދަދުން އުނިކޮށް، ކެންޑިޑޭޓުން ދައްކަންޖެހޭ ފީއަށް ލުއި ދިނުމަށް، ދެވަނަ އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

ފީ ކުޑަކުރަން ނިންމާފައިވަނީ ބާ އިމްތިހާނުގެ ފީގެ ގޮތުގައި ދައްކަންޖެހޭނެ އަދަދެއް ދުރާލާ ކެންޑިޑޭޓުންނަށް އެނގިފައިނެތުމުގެ ސަބަބުން އެފަދަ ހަރަދެއް ކުރުމަށް ލިބިފައިވާ ވަގުތަކީ އެކަށީގެންވާ ވަގުތެއް ނޫން ކަމަށް އިމްތިހާނުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ފަރާތުން ބާ ކައުންސިލާ ހިއްސާކޮށްފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ކަމަށް އެ ކައުންސިލުން ބުންޏެވެ.

ބާ އިމްތިހާނުގެ ފީ އަކީ ކޮންމެ އަހަރަކު ބާއްވާ ބާ އިމްތިހާނަކަށް ހިނގާނެ ޖުމުލަ ހަރަދަށް ބަލައިގެން އެ އިމްތިހާނަކަށް ވަކިން ކަނޑައެޅޭ ފީ އަކަށްވާތީ، ކޮންމެ އިމްތިހާނަކަށްވެސް ކަނޑައެޅޭ ފީ އަކީ ތަފާތު ފީ އަކަށްވާނެ ކަމަށް ބާ ކައުންސިލުން ބުންޏެވެ. އަދި ފީ ކަނޑައެޅުމުގައި ބަލާނެ ކަންކަމަކީ އިމްތިހާނު ފަރުމާކުރުމަށާއި އިމްތިހާނު ބޭއްވުމަށް ހިނގާނެ ހަރަދާއި އެ އިމްތިހާނެއްގައި ބައިވެރިވާނެކަމަށް ލަފާކުރެވޭ ކެންޑިޑޭޓުންގެ އަދަދު ކަމަށްވެފައި، އަންނަ އަހަރުން ފެށިގެން ބާ އިމްތިހާނު ބޭއްވުމަށް ބާ ކައުންސިލަށް ގްރާންޓް ފައިސާ ލިބިފައި ނުވާތީ، ކުރިއަށް އޮތް ތަނުގައި އިމްތިހާނުގެ ފީ ބޮޑުވެދާނެ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

ބާ އިމްތިހާނު ދެމެހެއްޓެނިވި ގޮތެއްގެ މަތިން ބޭއްވުމަކީ އެ ކައުންސިލުގެ މަސްއޫލިއްޔަތެއް ކަމަށާއި އަންނަ އަހަރުން ފެށިގެން ބާ އިމްތިހާނުގައި ބައިވެރިވެ ގާނޫނީ ދާއިރާއަށް ވަނުމަށް ގަސްދުކުރާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެންނަ ކަމަށްވެސް ބާ ކައުންސިލުން ބުންޏެވެ.

ބާ ކައުންސިލުން ބުނީ މި އިމްތިހާނުގެ ފީ އަކީ ނޮން-ރީފަންޑަބަލް ފީއެއް ކަމަށެވެ. އަދި އެ ފީ ދެއްކުމުގެ ސުންގަޑި އަކީ އަންނަ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކަމަށާއި މިކަމަށް ހުރިހާ ކެންޑިޑޭޓުންވެސް ސަމާލުކަން ދިނުމަށް އެ ކައުންސިލުން އިލްތިމާސްކުރާ ކަމަށްވެސް ބުންޏެވެ.

ބާ އިމްތިހާނު މީގެ ކުރިން ބާއްވަން ނިންމާފައިވަނީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. ނަމަވެސް އެ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުން އެދުނު ގޮތަށް، އެ އިމްތިހާން ފަސްކުރަން އެ ކައުންސިލުން ނިންމިއެވެ. އެގޮތުން އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެ އިމްތިހާނު ބާއްވަން ނިންމައި އަލުން ރެޖިސްޓްރީވުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ބާ އިމްތިހާނުގައި 400 އެއްހާ ދަރިވަރުން ބައިވެރިވާނެ ކަމަށް ބާ ކައުންސިލުން ވަނީ ބުނެފައެވެ.

"ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު" ފާސްކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. އެ ގާނޫނުގައިވާ ގޮތުން ކޯޓުތަކުގައި ވަކާލާތުކުރައްވާ ވަކީލުންނަށް ލައިސަންސް ލިބޭނީ އެ އިމްތިހާނުން ފާސްވެގެންނެވެ. ދައުލަތުގެ ވަކީލުންނާއި ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރައްވާ ލީގަލް އޮފިސަރުން އެ އިމްތިހާނު ފުރިހަމަކުރަން ނުޖެހޭނެއެވެ.

އެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ބާ އިމްތިހާނެއް ބާއްވަން މަސައްކަތްކުރީ 2019 ވަނަ އަހަރުއެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން އެ އިމްތިހާނު ފަސްކުރަން ޖެހުމުން ބާ ކައުންސިލުން ވަނީ 283 ވަކީލުންނަށް ވަގުތީ ލައިސަންސް ދޫކޮށްފައެވެ.

ގާނޫނުގައިވާ ގޮތުން ވަގުތީ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ވެސް މިފަހަރު އިމްތިހާނު ފުރިހަމަކުރަން ޖެހޭނެއެވެ. އެ އިމްތިހާނު ފުރިހަމަކުރާތާ މަދުވެގެން 21 ދުވަހުގެ ތެރޭގައި ލައިސަންސް ހަމަޖައްސަން ޖެހެއެވެ.

ބާ ކައުންސިލުގެ އިމްތިހާނުގައި ހިމެނެނީ މައިގަނޑު ފަސް ބައެކެވެ. އެއީ މޯލްޑިވިއަން ލީގަލް ސިސްޓަމް، ކްރިމިނަލް ޕްރޮސީޖާ، ސިވިލް ޕްރޮސީޖާ، ޕްރޮފެޝަނަލް އެތިކްސް އަދި ލޯ ޑްރާފްޓިންއެވެ.

މީގެ އިތުރުން ދިވެހި ބަސް ބޭނުންކުރުމާ ބެހޭގޮތުންވެސް އެ ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދޭނެއެވެ.