މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފިލިގަސްމަގުގައި ހިންގި އެ މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 10:30 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފުލުހުން އެ ސަރަހައްދަށް ދިޔައިރު މާރާމާރީ ހިންގި މީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށްވެސް ބުންޏެވެ.

އެ މާރާމާރީއާ ގުޅިގެން ތިން ފިރިހެނަކު ހައްޔަރުކޮށްފައިވާ އިރު، ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން އެ ތިން މީހުންގެ ބަންދަށްވެސް ދިހަ ދުވަސް ދީފައިވާ ކަމަށެވެ.

ފިލިގަސްމަގުގައި ހިންގި މާރާމާރީގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އިން ފެންނަނީ މަގު މެދުގައި ހަ މީހަކު ހަމަނުޖެހުން ހިންގައި އަތުންނާއި ފައިން މީހަކަށް ހަމަލާދޭ މަންޒަރެވެ.

ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އޯކިޑުމަގުގައި ހުންނަ މީޑިއާނެޓު އޮފީހަށް ވެސް ބަޔަކު ވަދެ ވަނީ މާރާމާރީ ހިންގައިފައެވެ. އެ މައްސަލައިގައި އަދި މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.